ވެންޓިލޭޓަރު މައްސަލައިގައި ފިނޭންސް މިނިސްޓްރީގެ އިޙުމާލެއް ނެތް: އޮޑިޓް
ކޮވިޑް19 އާ ގުޅިގެން ރާއްޖެއަށް ވެންޓިލޭޓަރު ގަތުމަށް ކުރި މަސައްކަތުގެ ތެރެއިން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ގޯހެއް ހައްދަވާފައި ނުވާ ކަމަށް އޮޑިޓާ ޖެނެރަލް ހަސަން ޒިޔާތު ވިދާޅުވެއްޖެއެވެ.
ވެންޓިލޭޓަރުތައް ގެނައުމުގައި ހިންގާފައިވާ މުޢާމަލާތާއި ގުޅިގެން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުނު ރިޕޯޓުގައި ފާހަގަވި މައްސަލަތަކާ ގުޅޭގޮތުން ސުވާލު ކުރުމަށް އެ އިދާރާގެ އިސްވެރިން މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުކޮށްފައެވެ.
މިކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ޒިޔަތު ވިދާޅުވީ ވެންޓިލޭޓަރުތަށް ގެނައުމާ ގުޅޭގޮތުން ފިނޭންސް މިނިސްޓަރީއަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކުގައި، ވާގޮތުން ހެލްތު މިނިސްޓްރީން ވެންޓިލޭޓަރު ގެނައުމަށް ދުބާއީގެ ކުންފުނި ހަމަޖައްސާފައިވަނީ ޑަބްލިއުއެޗްއޯ މޯލްޑިވްސްއާ މަޝްވަރާ ކުރައްވާފައި ކަމަށް ވެއެވެ. ނަމަވެސް މިކަމާއި ގުޅޭ އެއްވެސް ރަސްމީ މުޢާމަލާތެއް ހިންގާފައި ނުވާނެ ކަމަށާ، އަދި ވަކި ކުންފުންޏަކުން ވެންޓިލޭޓަރު ގެނައުމަށް ދެއްވާފައި ވެސް ނުވާކަމަށް ޑަބްލިއުއެޗްއޯ މޯލްޑިވްސްގެ ފަރާތުން ވިދާޅުވެފައިވާ ކަމަށް އޮޑިޓަރ ޖެނެރަލް ވިދާޅުވިއެވެ. ހަސަން ޒިޔަތު ވިދާޅުވީ މިކަމުގައި ފިނޭންސް މިނިސްޓްރީން ޢަމަލުކޮށްފައިވަނީ މާލިއްޔަތު ޤަވާޢިދާ އެއްގޮތަށް ކަމަށާ، މިކަމުގައި އެމިނިސްޓްރީގެ އިޙުމާލެއް އޮތްކަމަށް ފާހަގަވެފައި ނުވާ ކަމަށެވެ.
"ކޮންމެ ޕޭމަންޓެއް ފިނޭންސް މިނިސްޓަރު ބެލުން ލާޒިމެއް ނޫން. މިފަދަ ޚާއްސަ ހާލަތުގައި ޢަމަލުކުރާ ގޮތްތައް ހުރޭ. ފިނޭންސް މިނިސްޓްރީން ހެލްތް މިނިސްޓްރީއަށް އެންގީ މާލިއްޔަތު ގަވައިދާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް. އެއްވެސް ގޮތަކަށް ނުބުނެ ގެރެންޓީއެއް ނެތި ދޫކުރާށޭ. މިކަމުގައި ޒިންމާ އޮތީ ހެލްތްގެ ބިޑް ކޮމިޓީއާއި، މާލީ ޒިންމާދާރުވެރިޔާ އަށް." ޒިޔަތު ވިދާޅުވިއެވެ.
ކޯވިޑް-19އާ ގުޅިގެން 75 ވެންޓިލޭޓަރު ހޯދުމަށް ދުބާއީގެ ކުންފުންޏަކާ ވަނީ ޙަވާލުކޮށްފައެވެ. މާލިއްޔަތު ޤަވައިދާ ޚިލާފަށް، އެއްވެސް ގެރެންޓީއަކާ ވެސް ނުލައި ވެންޓިލޭޓަރު ގެނައުމަށް ޚަރަދުވާ ފައިސާގެ 90 ޕަސެންޓު ނުވަތަ 30 މިލިއަން ރުފިޔާ ވަނީ އެކުންފުންޏަށް ދައްކާފައެވެ.
ދުބާއީ ކުންފުންޏާއިއެކު އެއްބަސްވީގޮތަށް ހުރިހާ ވެންޓިލޭޓަރުތައް ލިބިފައި ނުވާއިރު، ލިބުނު ވެންޓިލޭޓަރަކީ ވެސް އެއްބަސްވެފައިވާ ބްރޭންޑްގެ ވެންޓިލޭޓަރު ނޫން ކަމަށް އޮޑިޓް ރިޕޯޓްގައިވެއެވެ.