ޚަބަރު

ވެންޓިލޭޓަރު ގަންނަން އަމިއްލަ މީހެއްގެ އެކައުންޓަށް ފައިސާ ޖަމާކުރަން އުޅުނު: އޮޑިޓް

އަފްރާޙް ޢަބުދުއްރަޝީދު ، ދެން އޮންލައިން
ވެންޓިލޭޓަރުތައް ގެނައުމަށް ދައްކަންޖެހޭ އެޑްވާންސް ފައިސާ އަމިއްލަ މީހެއްގެ އެކައުންޓަށް ޖަމާ ކުރަން ހެލްތު މިނިސްޓްރީން މަސައްކަތް ކޮށްފައިވާ ކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން ބުނެފިއެވެ.

ހެލްތް މިނިސްޓްރީއިން ކުރި ކޮވިޑް-19ގެ ހަރަދުތަކާ ގުޅޭ ކޮމްޕްލަޔަސް އޮޑިޓް ރިޕޯޓު ހުށަހެޅުމަށް މިއަދު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް އޮޑިޓާ ޖެނެރަލް އާއި އެ އޮފީހުގެ އިސްވެރިން ވަޑައިގެންނެވި އެވެ.

Ads by MWSC

ކޮމެޓިގައި މެމްބަރުން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އޮޑިޓް އޮފީހުގެ ޑިރެކްޓަރ އިބްރާހީމް ފަޒީލު ވިދާޅުވީ 75 ވެންޓިލޭޓަރު ގެންނަން ދުބާއީގެ އެގްޒެކިއުޓާ ޖެނަރަލް ޓްރޭޑިންއަށް އެޑްވާންސްގެ ގޮތުގައި ދައްކަންޖެހޭ 30.9 މިލިއަން ރުފިޔާ އަމިއްލަ މީހެއްގެ ބޭންކު އެކައުންޓަށް ޖަމާކުރަން ހެލްތު މިނިސްޓްރީން މަސައްކަތް ކުރިކަމަށެވެ.

އެޑްވާންސް ފައިސާ އަމިއްލަ މީހެއްގެ އެކައުންޓަށް ޖަމާކުރަން ހެލްތު މިނިސްޓްރީން މަސައްކަތް ކޮށްފައިވާކަން އެލިޔެކިޔުންތަކުން އެނގެން އެބަހުރި ކަމަށް ފަޒީލު ވިދާޅުވިއެވެ. އަދި އެ ފައިސާ އެ އެކައުންޓަށް ޖަމާ ނުކުރެވުނީ އެކަމަށް ފިނޭންސް މިނިސްޓްރީން ދެކޮޅު ހެދުމުން ކަމަށް ވެސް ފަޒީލް ވިދާޅުވިއެވެ.

ފަހުން ފައިސާ ޖަމާކޮށްފައިވަނީ، އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގެ ނަމުގައިވާ އެކައުންޓަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ފައިސާ ޖަމާކުރަން މަސައްކަތް ކުރީ އަމިއްލަ ކޮން އެކައުންޓަކަށްތޯ މެމްބަރުން ކުރި ސުވާލަށް ޖަވާބު ދެއްވަމުން އެސިސްޓެންޓް އޮޑިޓާ ޖެނެރަލް އިބްރާހިމް އައިމަން ވިދާޅުވީ، އޮޑިޓް އޮފީހަށް ލިބުނު މައުލޫމާތުތަކުން އެނގޭ ގޮތުގައި، ޑރ. އަލީ ތަހްމަތީ ނަމަކަށް ކިޔާ މީހެއްގެ އެކައުންޓަށް ކަމަށެވެ.

ހެލްތު މިނިސްޓްރީގެ ކޮވިޑް-19 ކޮމްޕްލަޔަންސް ރިޕޯޓްގައި ވާގޮތުން، އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އާއި އެކު 75 ވެންޓިލޭޓަރު ގަތުމާއި ގުޅޭގޮތުން ކޮށްފައި ހުރި މުއާމަލާތްތަކުގައި، އެގްޒެކިއުޓާޒް ޖެނެރަލް ޓްރޭޑިން ނަމުގެ އިތުރުން، އިމަޖެންސީ ހެލްތު ކެއާ ޓްރެއިނިން ސެންޓަރުގެ ނަމުގައި މުއާމަލާތް ކޮށްފައި ހުރިކަން ހާމަވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!