ޚަބަރު

ޔާމީނާއި ރިޟްވާނުގެ މަރުގެ މައްސަލައިގައި ދަޢުވާކުރި އިސޫ ބަންދުން ދޫކޮށްލައިފި

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ބްލޮގާ ޔާމީން ރަޝީދާއި، ނޫސްވެރިޔާ އަޙްމަދު ރިޟްވާން އަބްދުﷲގެ މަރުގެ މައްސަލައިގައި، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވެދިނުމުގެ ކުށުގެ ދައުވާކުރި އިސްމާއިލް އަބްދުލްރަހީމް (އިސޫ) ބަންދުން ދޫކޮށްލައިފިއެވެ.

Ads by STELCO

އިސޫ ބަންދުން ދޫކޮށްލާފައި މިވަނީ، އެ މައްސަލައިގައި ތުހުމަތުކުރެވުނު އަޙްމަދު އިސްމާޢީލް (ބުރު އަހަނދު) ވެސް ބަންދުން ދޫކޮށްލާފައިވަނިކޮށެވެ. އޭނާ ބަންދުން ދޫކޮށްލިއިރު ހަރުކަށި ޝަރުޠުތަކެއް އޭނާގެ މައްޗަށް ކޮށްފައިވާކަމަށް މަޢުލޫމާތުލިބެއެވެ.

ޔާމީނާއި ރިިޟްވާނުގެ މަރުގެ މައްސަލައާ ގުޅިގެން ހައްޔަރުކުރި އިސޫ ބަންދުން ދޫކޮށްލުމަށް މިއަދު ކްރިމިނަލް ކޯޓުން އަމުރު ކޮށްފައިވާއިރު އޭނާގެ މައްޗަށް ވެސް ވަނީ އަހްމަދު އިސްމާޢީލަށް ކުރި ޝަރުތުތައް ކޮށްފައެވެ.

މި ޝަރުޠުތަކުގެ ތެރޭގައި، ޒަރޫރީ ބޭނުންތަކަށް ނޫން ގޮތަކަށް ބޭރަށް ނުދިއުމަށް ކުރި ޝަރުޠު ހިމެނޭއިރު، އޭނާގެ ފައިގައި ޓެގް އެޅުވުމަށް ވެސް ވަނީ އަމުރުކޮށްފައެވެ. އަދި އޭނާގެ ޕާސްޕޯޓް ވެސް ހިފަހައްޓާފައިވާއިރު، އޭނާ ދޫކޮށްލުމުން އެ މައްސަލައިގައި ހިމެނޭ ހެކިންނަށް ޖިސްމާނީ ރައްކާތެރިކަން ދިނުމުގެ އަމުރެއް ވެސް ވަނީ ނެރެފައެވެ.

އިސޫއަކީ ރިިޟްވާން ރަހީނުކޮށް މަރާލުމަށްޓަކައި 2014 ވަނަ އަހަރު އޭނާއަށް ފާރަލައި، އޭނާ މަރާލުމުގައި އެހީތެރިވި މީހެއްކަމަށް ޕީޖީ އޮފީހުން ބުނެއެވެ. އަދި ޔާމީންގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކާއި އޭނާގެ ބްލޮގްގައި އިސްލާމްދީނަށް ފުށުއަރާ ވާހަކަތައް ލިޔެ ޕޯސްޓްކުރަމުންދާ ކަމަށް ބުނެ އޭނާ މަރާލުމަށްޓަކައި 2017 ވަނަ އަހަރު އޭނާއަށް ފާރަލައި އެހީތެރިވެދީފައިވާކަމަށްވެސް އެ އޮފީހުން ބުނެއެވެ.

އިސޫއަކީ މީގެ ކުރިން ސީރިއާގައި ހިނގަމުން ދިޔަ ހަނގުރާމައަށް ތުރުކީ މަގުން އެ ގައުމަށް ދާން އުޅެނިކޮށް ހިފެހެއްޓި މީހެކެވެ. މަރު ކޮމިޝަނުން އެކުލަވައިލި ރިޕޯޓުގައި ފުރުޤާން މިސްކިތުގައި ޙަރަކާތްތެރިވާ ޖިހާދީ ފިކުރުގެ ޖަމާއަތުގެ މެމްބަރުންގެ ތެރޭގައި އޭނާ ހިމެނޭކަމަށް ވަނީ ބުނެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!