ފައްޔާޒު ރައީސް ނަޝީދަށް: އެމްޑީޕީ ފުނޑައެއް ނުލެވޭނެ، ޑިމޮކްރެޓްސްގައި ތިބީ ހިތުގައި ނަފްރަތު އުފައްދައިގެން ތިބި ބައެއް
އެމްޑީޕީ ފުނޑައި ނުލެވޭނެ ކަމަށާއި ޑިމޮކްރެޓްސްގައި ތިބީ ހިތުގައި ނަފްރަތު އުފައްދައިގެން ތިބި ބައެއް ކަމަށް އެމްޑިޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
ފައްޔާޒު މިފަދައިން ވިދާޅުވީ"ދަ ޑިމޮކްރެޓްސް"އަށް ސޮއި ކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅާއި ގުޅިގެންނެވެ.
"އަޅުގަނޑު ދަންނަވާނަން އެމްޑީޕީގެ ހުރިހާ މެންބަރުންނަށް އިރާދަކުރެއްވިއްޔާ އަޅުގަނޑު ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލަނަން. ތިކެޔޮގަނޑުގެ ފޫވަށް ވެއްޓިއްޖެ. ތިޕާޓީ އަޅުގަނޑުމެން ރޫޅާލާނަން،" ރައީސް ނަޝީދު ވާހަކަފުޅު ފައްޓަވަމުން އަދި ނިންމާލަމުން ވެސް ތަކުރާރު ކުރެއްވީ މި ވާހަކައެވެ.
ރޭގެ ޖަލްސާގައި ނަޝީދު ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުން އެމްޑީޕީގެ ވަޓްސްއަޕް ގުރޫޕަކަށް ފޮނުއްވި މެސެޖެއްގައި ފައްޔާޒު ވިދާޅުވެފައިވަނީ، އެމްޑީޕީ ރޫޅާލާނެކަމަށް ވިދާޅުވެ ނަޝީދު ބިރު ދެއްކެވުމަކީ ވަރަށް ނާތަހުޒީބީ އަމަލެއް ކަމަށެވެ.
އިތުރަށް ފައްޔާޒު ވިދާޅުވީ އެމްޑީޕީއަކީ އެތައްބައެއްގެ ވިސްނުން ކަމަށާއި، އެޕާޓީން އުފެއްދި މީހުންގެ ވިސްނުމަކީ އެއީ ނަޝީދުގެ އާއިލާއާއި ނަޝީދަށް އުފައްދައިދޭ ޕާޓީއަކަށް ވުން ނޫން ކަމުގައެވެ.
“މިއީ މި ޕާޓީ އުފެއްދުމުގައި ގުރުބާންވީ އެތައް ބައެއްގެ ވިސްނުމެއް ނޫން. އޭރު އުފެއްދި މީހުން ދެކެވަޑައިނުގަންނަވާ މިއީ ރައީސް ނަޝީދު އާއި އާއިލާއަށް އުފައްދައި ދޭ ޕާޓީއެއް ކަމަށް” ފައްޔާޒު ވިދާޅުވިއެވެ.