ދުނިޔެ

ފަލަސްތީނަށް އަމާންކަން ނުލިބެނީސް އިސްރާއީލާ ގުޅުން ގާއިމެއް ނުކުރާނަން: ސައުދީ

އަފްރާޙް ޢަބުދުއްރަޝީދު ، ދެން އޮންލައިން

ފަލަސްތީނު ރައްޔިތުންނަށް ލިބެންޖެހޭ ހައްގުތައް ފުރިހަމަ އަށް ލިބި އެ ގައުމަށް އަމާންކަން ނުލިބެނީސް އިސްރާއީލާ ގުޅުން ގާއިމު ނުކުރާނެ ކަމަށް ސައުދީ އަރަބިއްޔާއިން ބުނެފިއެވެ.

Ads by Sosun Fihaara

ސައުދީން މިހެން ބުނެފައި ވަނީ އެމެރިކާ މެދުވެރިއެއްގެ ރޯލު އަދާކޮށްގެން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން އިސްރާއީލާ ގުޅުން ގާއިމް ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރަން ނިންމާފައިވާ ދަނޑިވަޅެއްގައެވެ.

އެކަމާ ގުޅިގެން ސައުދީގެ ފޮރިން މިނިސްޓަރު ޕްރިންސް ފައިސަލް ބިން ފަރުހާން ވިދާޅުވީ ޕަލަސްތީނުގެ މައްސަލަ ހައްލު ނުވަނީސް އިސްރާއީލާ އެއްވެސް ގުޅުމެއް ނުބާއްވާނެ ކަމަށެވެ.

"ޕަލަސްތީނުގައި އަމާންކަން ގާއިމް ކުރަން ޖެހޭ. އެކަން ގާއިމް ވެއްޖެނަމަ އެހެން ހުރިހާކަމެއް ވެސް ވާނެ." ފައިސަލް ވިދާޅުވިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މީގެ ވިދާޅުވެފައިވާ ގޮތުގައި އޭނާ ގަބޫލު ކުރައްވަނީ ޔޫއޭއީ އެކޭ އެއްގޮތަށް ސައުދީން ވެސް އިސްރޭލާއެކު ޑިޕްލޮމެޓިކް ގުޅުންތައް ބާއްވާނެ ކަމަށެވެ.

ސައުދީގެ އިތުރުން ޕާކިސްތާނުން ވެސް ވަނީ ފަލަސްތީނު ރައްޔިތުންނަށް ލިބެންޖެހޭ ހައްގުތައް ފުރިހަމަ އަށް ނުލިބެނީސް އިސްރާއީލާ ގުޅުން ގާއިމު ނުކުރާނެ ކަމަށް ބުނެފައެވެ.

އެކަމާ ގުޅިގެން ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ވިދާޅުވީ ކޮންމެ ގައުމަކުން ކޮންމެ ގޮތަކަށް ކަންކުރި ނަމަވެސް ޕާކިސްތާނުގެ ނިންމުން ވަރަށް ސާފު ކަމަށާއި އެގޮތުން ފަލަސްތީނު ރައްޔިތުންނަށް ލިބެންޖެހޭ ހައްގުތައް ނުލިބެނީސް އިސްރާއީލް ބަލައިގަނެވެން ނެތް ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!