ޚަބަރު

މިލަދޫގެ ތިން މަޝްރޫޢުއެއްގެ ނިމުން ފާހަގަކުރައްވައިފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، މިލަދުންމަޑުލު ދެކުނުބުރީ، މިލަދޫ ބަނދަރާއި، ފެނަކަ އިންޖީނުގެ އަދި އޮފީސް ޢިމާރާތް ހުޅުއްވައި ދެއްވައިފިއެވެ.

Ads by Sosun Fihaara

ރައީސް ޞާލިޙު މިލަދޫ ބަނދަރާއި، ފެނަކަ އިންޖީނުގެ އަދި އޮފީސް ޢިމާރާތް ހުޅުއްވައި ދެއްވީ، މިހާރު އެމަނިކުފާނު ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު މެންދުރުކުރީގައި އެރަށަށް ވަޑައިގެންނެވެ.

ރައީސް މިއަދު ހުޅުއްވައިދެއްވި، ނ. މިލަދޫ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫޢު ސަރުކާރުން ޙަވާލުކޮށްފައި ވަނީ އެމްޓީސީސީއާއެވެ. މިމަޝްރޫގެ ދަށުން ބަނދަރާއި ނެރު ފުންކޮށް، ރޭމްޕް ހަދައި، ނެރުބައްތި އާއި ބަނދަރު ބައްތި ޖަހައި، ޕޭވްމަންޓްވަނީ އަޅާފައެވެ.

ރައީސް ޞާލިޙު މިއަދު ހުޅުއްވައިދެއްވި، ފެނަކަ އައު އޮފީސް ޢިމާރާތަކީ، ދަތިނުވެ 30 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ ޖާގަ ތަނަވަސް ޒަމާނީ އޮފީސް ޢިމާރާތެކެވެ. މީގެކުރިން ހުރި އޮފީސް ޢިމާރާތަކީ، 3 މީހުންގެ ޖާގައިގެ އިމާރާތެކެވެ. މިއަދު ހުޅުވި ފެނަކަ އައު އިންޖީނުގޭގެ ކެޕޭސިޓީއަކީ، 1080ކިލޯވޮޓްއެވެ.

އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ޚިދުމަތްތައް ޤާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި، ސަރުކާރުން ވަނީ، އަތޮޅުތަކުގެ ރަށްރަށުގައި ޢުމުރާނީ ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގާފައެވެ. އަދި ފަޚުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެހެން މަގުފަހިކުރުމަށް ރާއްޖޭގެ ރަށްރަށުގެ ތަރައްޤީއަށް ސަރުކާރުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!