ވިލިނގިލި- ކޫއްޑޫ ބްރިޖަކުން ގުޅާލާނީ ޑިމޮކްރެޓްސް އިން, އެކަން ކުރަން މި ސަރުކާރަކަށް ނޭނގުނު
ޑިމޮކްރެސްޓްގެ ވެރިކަމެއްގައި އެއާޕޯޓަކާއި މަސްފެކްޓްރީއެއްގެ އިތުރުން ރިސޯޓެއް ހިންގަމުން އަންނަ ގއ.ކޫއްޑޫ އެއަތޮޅުގެ ވެރިރަށް ވިލިނގިލި ބްރިޖަކުން ގުޅާލާނެ ކަމަށް އެ ޕާޓީގެ ރަނިންމޭޓް ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ.
ވިލިނގިލި- ކޫއްޑޫ ބްރިޖަކުން ގުޅާލުމަކީ 2018 ވަނަ އަހަރު އެމްޑީޕީންގެ ރިޔާސީ ވައުދެކެވެ. މިކަމާ ގުޅޭ ގޮތުން އެންމެ ފަހުން ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާޙީމް މުހައްމަދު ޞާލިޙް ވިދާޅުވެފައިވަނީ އެ މަޝްރޫއުގެ ދިރާސާ މިހާރު އޮތީ ނިމިފައި ކަމަށާއި އެ މަޝްރޫއު އޮތީ ކުރިއަށް ދިއުމުގެ މަރުހަލާގައި ކަމަށެވެ. ނަމަވެސް އެކަމަށް ހިނގާ ޚަރަދު ވިލިނގިލި ތަރައްޤީގެ އެހެން ކަމަށް ބޭނުންކޮށްފިނަމަ ފައިދާ ބޮޑުވާނެ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.
ރަނިންމޭޓްގެ ހައިސިއްޔަތުން މިހާރު އަތޮޅު ތެރޭގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރޭގައި ވިލިނގިއްޔަށް ވަޑައިގެން އަމްރު ވަނީ ވިލިނގިލި- ކޫއްޑޫ ބްރިޖްގެ މަސައްކަތް ޑިމޮކްރަޓްސްގެ ވެރިކަމެއްގައި ވަރަށް އަވަހަށް ކުރައްވާނެ ކަމަށް ވައުދުވެ ވަޑައިގެންފައެވެ. އަދި އެ މަސައްކަތް ކުރުމުގައި ލަސްތަކެއް އުޅެނީ ކަންކުރަން ނޭނގޭތީ ކަމަށް ވިދާޅުވިއެވެ.
"2018 ވަނަ އަހަރު ޓިކެޓާއެކީގައި އަޅުގަނޑުމެން ހުށަހެޅިން މިކަން ކުރަން. މިކަން ކުރުމުން އެކަމުގެ ސަބަބުން މިރަށުގެ މީހުންގެ ފުދުންތެރިކަން އިތުރުވެ, އާއްމުދަނީ ހޯދަން އިތުރު މަގެއް ލިބޭނެކަން އިނގޭތީ ހުށަހެޅި ކަމެއް އެއީ" ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވާ އަމްރު ވިދާޅުވިއެވެ.
އަމްރު ވިދާޅުވީ ކޫއްޑޫއަކީ ވަޒީފާގެ ފުރުސަތުތައް ގިނަ ރަށެއް ކަމަށާއި ބްރިޖަކުން ގުޅާލެވިއްޖެނަމަ ވިލިނގިލި ރައްޔިތުންނަށް އެ ފުރުސަތު ވެސް ހުޅުވިގެންދާނެ ކަމަށެވެ. އަދި ބްރިޖް އެޅުމނުް ކޫއްޑުއަށް އަންނަ ފަތުރުވެރިން, ވިލިނގިއްޔަށް އަންނާނެ ކަމަށާއި, އެކަމުގެ ސަބަބުން ވިލިނގިލީގެ ރައްޔިތުންނަށް އެތަކެއް ފައިދާތަކެއް ވާނެ ކަމަށް އަމްރު ފާހަގަ ކުރެއްވިއެވެ.