ދަނޑުވެރިންނަށް ޚާއްސަ "ދަނޑުވެރިޔާ" ވެބްސައިޓެއް ތަޢާރަފުކޮށްފި

ދަނޑުވެރިންނަށް ޚާއްސަ "ދަނޑުވެރިޔާ" ވެބްސައިޓު މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން އިފްތިތާހްކޮށްދެއްވައިފިއެވެ. މި ވެބްސައިޓް އިފްތިތާހްކުރެއްވީ މިކަމަށްޓަކައި ށ. ގޮއިދޫގައި ބޭއްވި ހަފްލާއެއްގައި މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަންއެވެ.
މި ވެބްސައިޓުގެ ޒަރީއާއިން ދަނޑުވެރިންނަށް ބޭނުންވާ މުހިންމު ގިނަ މައުލޫމާތެއް އެއް ތަނަކުން ލިބޭނެއިރު މިއީ އދ.ގެ ކާބޯތަކެއްޗާއި ދަނޑުވެރިކަމާއި ބެހޭ ޖަމިއްޔާ އެފްއޭއޯއާއި މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިުކަލްޗަރ ގުޅިގެން އިފްތިތާހްކުރި ވެބްސައިޓެއްކަމަށް އެ މިނިސްޓްރީން މައުލޫމާތުދެއެވެ. ވެބްސައިޓު އިފްތިތާޙްކުރައްވަމުން މިނިސްޓަރ ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވީ، މި ވެބް އެޕްލިކޭޝަނުން ދަނޑުވެރިކަމާއި ބެހޭ ގިނަ މައުލޫމާތުތަކެއް ފެންނަން ހުންނާނެކަމަށާއި އޭގެތެރޭގައި އެކި ވަތްތަރުގެ ގޮވާމުގެ ބާވަތްތަކާއި މޭވާއާއި ތަރުކާރީއާއި އަދި ދަނޑަށް ޖެހޭ ބަލިތަކާއި އެކަންކަން ހައްލުކުރާނެ ގޮތްފަދަ މައުލޫމާތު ލިބެން ހުންނާނެކަމަށެވެ. މި ވެބްސައިޓް އެއްކޮށް އަދި ފުރިހަމަ ނުވާކަމަމަށް ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ކުރިއަށްއޮތް ތަނުގައި ދާނީ ވެބްސައިޓް ފުރިހަމަ ކުރުމުގެ މަސައްކަތް ކުރަމުންކަންކަމަށާއި މިވެބްސައިޓްގެ މައިގަނޑު މަޤްސަދަކީ ދަނޑުވެރިކަމާއި ބެހޭ އެކިއެކި މައުލޫމާތު ދަނޑުވެރިންނަށް ފޯރުކޮށްދިނުން ކަމަށެވެ. އެގޮތުން ރާއްޖޭގައި އާންމުކޮށް ހައްދާ ދަނޑުވެރިކަމުގެ ބާވަތްތަކާއި އެތަކެތި ހައްދާނެ ގޮތާއި، ހައްދާނެ މޫސުމާއި، ބޭސް އަޅަންވީ ގޮތް އެނގިގެންދާނެކަމަށެވެ. "މިނިސްޓްރީން މަސައްކަތްކުރޭ އެބަ އިފާޑްގެ އެހީގައި މީގެ މޯބައިލް އެޕެއް ހަދަން. އެއިރުން މީގަ ހިމެނޭ މައުލޫމާތުގެ އިތުރަށް އެއްޗެތި މާކެޓްކުރެވޭނެ މައުލޫމާތުވެސް ހިމެނޭނެ". މިނިސްޓަރ ވިދާޅުވިއެވެ. https://twitter.com/MoFMRAmv/status/1694298876554129480 މީގެ އިތުރުން، ރާއްޖޭގެ ރަށްތައް ބެހިފައިވާގޮތުން ތަމްރީން ހިންގުން ވަނީ ޚަރަދުބޮޑު ކަމަކަށް ކަމަށާއި އެހެންކަމުން ދަނޑުވެރިންނަށް ބޭނުންވާ މުހިންމު މައުލޫމާތު ވެބްސައިޓުން އަވަސްކަމާއިއެކު ފޯރުކޮށްދެވޭނެ ކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ އެ ވެބްސައިޓް ޑިޒައިން ކުރުމުގައި އިސްކަން ދީފައިވާނީ ދަނޑުވެރިޔާއާއި މިނިސްޓްރީއަށް ފަސޭހައިން ވާހަކަދެކެވޭ ގޮތައް ކަމަށެވެ. އެގޮތުން ދަނޑުވެރިޔާގެ އެއްވެސް ސުވާލެއް އޮތްނަމަ މިނިސްޓްރީގެ މާހިރުންނާއި ވާހަކަދެކެވޭނެ ކަމަށެވެ.





ކޮމެންޓް