މި އުޅެނީ ހަނދަށް ދާކަށް ނޫން, ފެންނަ ނުފެންނަ ވޯޓެއް ނެގުމަކީ އުދަނގޫ ކަމެއް ނޫން: ބޮންޑެ
ރާއްޖޭގެ ވެރިކަން ކުރުމުގެ ނިޒާމީ ވޯޓެއް ނެގުމާއި ގުޅޭ ގޮތުން ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަކީ ބަހަނާ ކަމަށް ސިފަ ކުރައްވަމުން, އެކަން ކުރުމަކީ އުދަނގޫ ކަމެއް ނޫން ކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެއެވެ.
ބޮންޑެ މިހެން ވިދާޅުވީ, ވެރިކަން ކުރުމުގެ ނިޒާމު ބަދަލުކުރަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ގޮވާލައި ހުޅުދޫ ދާއިރާގެ ޑިމޮކްރެޓްސްގެ މެމްބަރު އިލްޔާސް ލަބީބް ހުށަހަޅުއްވާފައިވާ ގަރާރަށް މިއަދު ބަހުސް ކުރައްވަމުންނެވެ.
"އޭރުގައި ދިވެހި ރާއްޖޭގައި އެ ވޯޓް (ނިޒާމުގެ ވޯޓް) ނެގުނުއިރު އެސްއެމްއެސް އެކަނި ފޮނުވެނީ, މިހާރު މިއީ ފޭސްބުކް ޖެނެރޭޝަން, ޓްވިޓަރ ޖެނެރޭޝަން. އަދި އެހެނިހެން ސޯޝަލް މީޑިއާތަކުގައި އިންތިހާއަށް, ދިވެހިން ހަރަކާތްތެރިވޭ, ޚާއްސަކޮށް ޒުވާނުން" ވެރިކަމުގެ ނިޒާމުގެ ވޯޓް ނަގާއިރު, ރައްޔިތުން ހޭލުންތެރި ކުރުވަން ޖެހޭ ކަމަށާއި, އެކަމަށް ވަގުތު ދާނެ ކަމަށް ބައެއް ފަރާތްތަކުން ދައްކަމުން އަންނަ ވާހަކަތަކަށް ރައްދު ދެއްވަމުން ބޮންޑެ ވިދާޅުވިއެވެ.
"މިއީ މާ އުދަނގޫ ކަމެއް ނޫން. ހަނދަށްދާ ވާހަކައެއް ނޫން އަޅުގަނޑު މި ދައްކަނީ."
ބޮންޑެ ވިދާޅުވީ, ދިވެހިންނަކީ 10 އަހަރުގެ ތެރޭގައި އަމިއްލަ ސެޓެލައިޓެއް ދިވެހިން ފޮނުވާނެ ބައެއް ކަމަށާއި, ދިވެހިންނަށް ނުވާނެ ކަމަށް ޤަބޫލު ކުރުމަކީ ދެރަ ކަމެއް ކަމަށެވެ.
"މާ ބޮޑު ކަމަކަށް ހަދައިގެން މިކަން ނުކުރެވޭނެ ކަމަށް ދައްކައިގެން އުޅޭ ބަޔަކު އެބަ އުޅޭ. ކުރިޔަށް އޮތް 48 ގަޑިއިރުގެ ތެރޭގައި ދިވެހިން ދަސްކުރާނެ, ޕާލިމެޓަރީ ނިޒާމު އޮތީ ކިތައް ޤައުމުގައިތޯ, ކިހިނެތްތޯ އެކަން ފެށުނީ" ބޮންޑެ ވިދާޅުވިއެވެ.