ޚަބަރު

އެމްއެންޕީއިން މުއިއްޒުއަށް ތާއީދުކުރި ސަބަބު ރިޔާޒު ވިދާޅުވެދެއްވައިފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

މޯލްޑިވްސް ނެޝަނަލް ޕާޓީ(އެމްއެންޕީ) އިން ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒުއަށް ތާއީދު ކުރަން ނިންމީ، ރިޔާސީ އިންތިޙާބުގެ ފުރަތަމަ ބުރުގައި ރައްޔިތުން ބަސް އިއްވައި، އެމަނިކުފާނަށް ތާއީދު ކުރުމުން ކަމަށް އެމްއެންޕީގެ ނައިބު ރައީސް، އަދި ތިމަރަފުށީ ދާއިރާގެ މެމްބަރު ރިޔާޒު ވިދާޅުވެއްޖެއެވެ.

Ads by MWSC

ރިޔާސީ ކެމްޕެއިނުގައި، ރ.ހުޅުދުއްފާރުގައި މިރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ރިޔާޒު ވިދާޅުވީ، މި މަހުގެ ނުވަ ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ރައްޔިތުންގެ 61 އިންސައްތަ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ނޫނެކޭ ބުނެފައިވާ ކަމަށާއި، އެމްއެންޕީ އިން މުއިއްޒުއަށް ތާއީދު ކުރީ ރައްޔިތުން އެގޮތް ނިންމުމުން، ޤައުމީ ވިސްނުމެއްގައި ކަމަށެވެ.

"އަޅުގަނޑު މިއަދު އެންމެ ހިތާމަ ކުރާ ސަބަބަކީ ރައްޔިތުން ދެއްކި ވާހަކަ އަޑު ނީވުނު ސިޔާސީ ބޭފުޅުންތަކެއް ފެނިގެން ދިޔައީމަ." ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި، އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ކުރައްވަން ނިންމަވައިފައިނުވާ ސިޔާސީ ލީޑަރުންނަށް އަމާޒު ކުރައްވައި، އޭނާ ވިދާޅުވިއެވެ.

ރިޔާޒު ވިދާޅުވީ، އެމްއެންޕީއެކޭ އެއްގޮތަށް، މުއިއްޒުއަށް ތާއީދު ނުކުރެއްވީ އަމިއްލަ އެދުން އިސް ކުރެއްވި ލީޑަރުންނެވެ. ޕީޕީއެމް-ޕީއެންސީ އާއިއެކު ކޯލިޝަން ހެދުމަށް އެމްއެންޕީ އިން ނިންމީ، އެއްވެސް ޝަރުތަކާއި ނުލައެވެ. ދެވަނަ ބުރުގައި ޕީއެންސީ އާއި ގުޅުނީ އެމްއެންޕީ އެކަންޏެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!