ސިފްކޯ ހިޔާ އާއި ގުޅޭ ގޮތުން ހަޤީގަތާ ހިލާފު ވާހަކަ ނުފެތުރުމަށް އެދިއްޖެ
ސިފްކޯ ހިޔާ އާއިގުޅޭ ގޮތުން ހަޤީގަތާއި ހިލާފު ވާހަކަ ނުފެތުރުމަށް އެމްއެންޑީއެފުން އިލްތިމާސް ކޮށްފިއެވެ.
އެމްއެންޑީއެފުން މިހެން ބުނެފައި ވަނީ ސިފްކޯ ހިޔާ އާއިގުޅޭ ގޮތުން ބައެއް ފަރާތްތަކުން ހަގީގަތާއި ހިލާފު ވާހަކަތައް ފަތުރަމުންދާތީއެވެ.
އެގޮތުން އެމްއެންޑީއެފުން ބުނީ ކުރިންވެސް ހާމަކޮށްފައިވާފަދައިން ސިފްކޯ ހިޔާގެ ރެސިޑެންޝަލް މަސައްކަތްތައް ނިމުމާއެކު ސިފްކޯ ހިޔާ ލިބޭ ފަރާތްތަކަށް، ތަން ހަވާލުކުރުމަށް އެޕާޓްމެންޓްތަކުގެ އެލޮކޭޝަން ހެދުމަށްޓަކައި ގުރުއަތުލުން ބާއްވައި އެލޮކޭޝަންގެ ކަންކަން ވަނީ ކުރިއަށް ގެންގޮސްފައި ކަމަށެވެ.
އެގްރިމެންޓްތައް ހެދުމުގެ ކުރިން، އެޕާރޓްމެންޓްތައް އެކެއް އަނެކެއްގެ އެޕާރޓްމެންޓާއި ބަދަލުކުރުމުގެ ފުރުސަތު ދީ އެލޮކޭޝަންގެ ކަންކަން އެއްކޮށް ނިމުމާއެކު އެގްރިމެންޓްކޮށް ތަން ހަވާލުކުރަންވެސް ފަށާފައިވާ ކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ.
އެމްއެންޑީއެފުން ބުނީ މިހާތަނަށް 68 ފަރާތަކާއި އެގްރިމެންޓް ކުރެވި، 10 ފަރާތަކަށް ތަޅުދަނޑި ހަވާލުކޮށްފައިވާ ކަމަށާއި އިތުރު 22 ފަރާތަކަށް މިއަދުގެ ވަގުތެއްގައި ތަޅުދަނޑި ހަވާލު ކުރާނެ ކަމަށެވެ.
މީގެ އިތުރުން ސިފްކޯ ހިޔާގެ ފްލެޓްތައް ލިބިފައިވާ ފަރާތްތަކާއި ތަން ހަވާލުކުރުމަށް މިވަގުތު ހިދުމަތުގައި ތިބި ސިފައިންނާއިއެކު އެގްރިމެންޓްކޮށް ނިމުމާއެކު ހިދުމަތުން ވަކިވެފައިވާ ބޭފުޅުންނާއި އެގްރިމެންޓްކޮށް ތަން ހަވާލުކުރަން ފެށޭނެ ކަމަށް ވެސް އެމްއެންޑީއެފުން ހާމަކުރެއެވެ.
އަދި އެގްރިމެންޓްތަކުގައި ސޮއިކޮށް ތަން ހަވާލުކުރުމުގައި ސިފްކޯގެ މުވައްޒަފުން އެއްވެސް ވަރުބަލިކަމެއްނެތި މިހާރުވެސް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ބުނެފައި ވެއެވެ.
އެހެންކަމުން، ސިފްކޯ ހިޔާގެ މައުލޫމާތުތައް ފްލެޓްތައް ލިބިފައިވާ ފަރާތްތަކަށާއި މީޑިއާއަށް ފޯރުކޮށްދެމުން ދަނިކޮށް، ކަމުގެ ހަގީގަތް އޮޅޭގޮތަށް ބައެއް ފަރާތްތަކުން މީޑިއާގެ އެކި ވަސީލަތްތައް މެދުވެރިކޮށް ފަތުރަމުންދާ ހަގީގަތާއި ހިލާފު ވާހަކަތައް ހުއްޓާލުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސް ކޮށްފައެވެ.
ފަތުރަނީ ޙަޤީޤަތާ ޚިލާފު ވާހަކައެއް ނޫން. ތަޅުދަނޑި ނުލިބެންޏާ އެވާހަކަ ދައްކާނެ. ފުލެޓުގެ މަސައްކަތާ އެތާގައި ކުރަންހުރި އެހެން މަސައްކަތް ނުނިމެންޏާ އެވާހަކަ ދައްކާނެ.