ޝަރީފާއި، ނިހާދަށް ހަމަލާދިން މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް އެޗްއާރުސީއެމުން ގޮވާލައިފި

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފާއި، ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދަށް ބަޔަކު ހަމަލާދިން މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ގޮވާލައިފިއެވެ.
އެޗްއާރްސީއެމުން ދެންމެ ބުނީ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފާއި، ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދަށް ބަޔަކު ހަމަލާދީފައިވާ ކަމަށާއި މި ދެ ހާދިސާ ހިނގި ތަނުގައި ތިބި އާންމު ރައްޔިތުންނަށްވެސް އެކިވަރުގެ ހަމަލާ ދީފައިވާކަން އެ ކޮމިޝަނުން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.
ސިޔާސީ ދެބަސްވުންތަކުގައްޔާއި ފިކުރު ތަފާތުވާ ހާލަތްތަކުގައިވެސް އެކަކު އަނެކަކަށް ޖިސްމާނީ އަނިޔާ ދިނުމާއި، އަބުރަށް އަރައިގަތުމާއި، ނަފްރަތުގެ އަމަލުތައް އިސްކުރުމަކީ އެޗްއާރްސީއެމުން ކަންބޮޑުވާ ކަމެއް ކަމަށް އެ ކޮމިޝަނުން ބުނެފައި ވެއެވެ.
އެޗްއާރުސީއެމުން ވަނީ މި އަމަލުތަކަކީ ޤާނޫނީ ގޮތުންވެސް ޖިނާއީ ކުށްތަކެއްކަން ހަނދާންކޮށްދީފައެވެ.
މީގެ އިތުރުން މިފަދަ މައްސަލަތައް ކަމާގުޅުންހުރި އިދާރާތަކުން ވީހާވެސް އަވަހަށް ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް އެޗްއާރްސީއެމުން ވަނީ ގޮވާލާފައެވެ.