އިންތިޚާބީ ރައީސް ޑރ. މުޢިއްޒަށް, އިންޑިއާގެ ބޮޑު ވަޒީރު މޯދީ މަރުޙަބާ ވިދާޅުވެއްޖެ

އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާ, ރާއްޖޭގެ 8ވަނަ ރައީސް ކަން ކަށަވަރު ކުރެއްވި, ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒަށް, އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ މަރުޙަބާ ވިދާޅުވެއްޖެއެވެ.
މިއަދު ކުރެއްވި ޓްވީޓެއްގައި މޯދީ ވިދާޅުވީ, ރާއްޖެއާއި އިންޑިއާގެ ގުޅުމަކީ މީގެ ކުރިން ޓެސްޓް ކުރެވި ނަތީޖާ ނެރެވިފައިވާ ގުޅުމެއް ކަމަށާއި, އެ ގުޅުން ބަދަހި ކަމާއެކު ކުރިޔަށް ގެންދަވާނެ ކަމަށް އުންމީދު ކުރައްވާ ކަަމަށެވެ. އަދި އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރަން އެކުގައި ކުރެވެން ހުރި ކަންކަން އަބަދު ވެސް ކުރައްވަން އިންޑިއާއިން ތައްޔާރަށް ތިބި ކަމުގެ ޔަޤީންވަނީ ދެއްވާފައެވެ.
އިންޑިއާއިން އައު ރައީސަށް މަރުޙަބާ ވިދާޅުވެފައިވާއިރު, މިފަހަރުގެ ރިޔާސީ އިންތިޚާބުގައި އިދިކޮޅުން އެންމެ ބޮޑަށް ދެއްކި އެއް ވާހަކައަކީ އިންޑިއާގެ އަސްކަރިއްޔާ ރާއްޖޭގައި ތިބޭ ކަމަށް ބުނާ ވާހަކައެވެ. އަދި އެފަރާތްތަކަށް ރާއްޖޭގައި ނުތިބެވޭނެ ކަމަށް ތަކުރާރުކޮށް ދަނީ އިދިކޮޅުން ވިދާޅުވަމުންނެވެ. އިންތިޚާބީ ރައީސް ޑރ. މުޢިއްޒު ވެސް ވަނީ އިންޑިއާއެކު ހަދާފައިވާ އެއްބަސްވުންތައް ބަލާ, ޤައުމީ ސަލާމަތަށް ނުރައްކާވާ ވަރުގެ ކަމެއް އޮތްނަމަ އެކަން ބަދަލު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ނެގުނު ވޯޓުގައި, ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒަށް ވަނީ 129,159 ވޯޓް ލިބިވަޑައިގެންފައެވެ. އެއީ 54.96% އިންސައްތައެވެ. އެމްޑީޕީގެ ކެނޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ލިބިވަޑައިގަތީ 109,868 ވޯޓެވެ. އެއީ 45.96% އިންސައްތައެވެ. މިއަހަރު އިންތިޚާބުގައި 7888 ބާތިލް ވޯޓް ލާފައިވެއެވެ. އިންތިޚާބުގައި ވޯޓު ލުމުގެ ޙައްޤު, 282,804 މީހަކަށް ލިބިފައިވާއިރު, ވޯޓްލާން ނިކުމެފައިވަނީ 246,915 މީހުންނެވެ. އެއީ 87,3 އިންސައްތައެވެ.






ކޮމެންޓް