އެއް ސިޓީއަކުން އެންމެ ބޮޑު އިންސައްތައެއް މުޢިއްޒަށް ދިނީ ފުވައްމުލަކުން!

އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގައި އެއް ސިޓީއަކުން އެންމެ ގިނަ ވޯޓު, ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒަށް ލިބުނު ސިޓީއަަކަށް ފުވައްމުލަކު ސިޓީވެއްޖެއެވެ.
ފުވައްމުލަކު ސިޓީގެ ޖުމްލަ ނަތީޖާއަށް ބަލާލާއިރު, އެރަށުން އެމްޑީޕީއަށް ލިބިފައިވަނީ 3064 ވޯޓެވެ. އެއީ ވޯޓްލީ މީހުންގެ 43.49 އިންސައްތައެވެ. ޕީއެންސީގެ ކެނޑިޑޭޓް, ޑރ. މުޢިއްޒަށް. އެރަށުން 3982 ވޯޓް ލިބިވަޑައިގަތެވެ. އެއީ 56.51 އިންސައްތައެވެ.

2018 ވަނަ އަހަރުގެ ވޯޓްގެ ނަތީޖާއަށް ބަލާލާއިރު, އެ އަހަރު ޕީޕީއެމް އިން ވާދަކުރި ކުރީގެ ރައީސް ޔާމީންއަށް 43.5 އިންސައްތަ ލިބުނުއިރު, އެމްޑީޕީގެ ކެނޑިޑޭޓް ރައީސް ޞާލިހަށް އޭރު ލިބިފައިވަނީ 56.5 ވޯޓެވެ.
އެރަށުގެ ކެންޕެއިން ހަރަކާތްތަކާއި ގުޅޭ ގޮތުން "ދެން"އާ ވާހަކަފުޅު ދައްކަވަމުން ފުވައްމުލަކު ދެކުނު ދާއިރާއަށް ނިސްބަތްވާ އެރަށު ކެންޕެއިންގައި އިސްކޮށް ހަރަކާތްތެރިވާ އިބްރާހީމް ހުސެއިން (އިއްބެ) ވިދާޅުވީ, މިއަދު އެރަށުން ލިބުނު ނަތީޖާއަކީ ފައިސާގެ ނުފޫޒާއި ވަޒީފާގެ ބިރަށް ރައްޔިތުން ނުސިހޭނެ ކަމުގެ ނަމޫނާއެއް ކަމަށެވެ. އެގޮތުން ސަރުކާރުން ވޯޓާ ދިމާކޮށް ނުފޫޒު ފޯރުވަން މަސައްކަތް ކުރިކަން ފާހަގަ ކުރައްވަމުން ވިދާޅުވީ, މިއަދު ރައްޔިތުން ބަސްބުނެފައިވަނީ އެކަންކަމާ ދެކޮޅަށް ކަމަށެވެ.
"މި ނަތީޖާއަކީ ފުވައްމުލަކުގެ މިހާތަނަށް ރިޔާސީ އިންތިޚާބެއްގައި ހޯދި އެންމެ ރަނގަޅު ނަތީޖާ. މިއީ އަޅުގަނޑުމެންގެ ވެސް ރިކޯޑެއް" ދެ ޕާޓީން ވެސް ވަރުގަފަ ކެންޕެއިނެއް ކުރި އެރަށުން އެހާ ބޮޑު ކާމިޔާބީއެއް ލިބުމުގެ ސިއްރަކީ ކޮބައިތޯ ސުވާލު ކުރުމުން އިއްބެ ވިދާޅުވީ, އެއީ މިސަރުކާރަށް ރައްޔިތުން ނޫނެކޭ ބުނި ބުނުމާއި, ކުރެވުނު ރަނގަޅު ކެންޕެއިން ކަމަށެވެ.
"ރޭވުންތެރި ކަމާއެކު, ރަނގަޅު ސްޓްރެޖީއަކާއެކު ބަދަލަކަށް ކުރެވުނު ބޮޑު މަސައްކަތެއް މިއީ"
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ރައީސް ޞާލިހަށް އެރަށުން ލިިބިވަޑައިގަތީ, 35.7 އިންސައްތަ ވޯޓެވެ. ރައީސް ޑރ. މުޢިއްޒަށް ލިބިވަޑައިގަތީ 48.2 އިންސައްތައެވެ.