ވޯޓު ފޮށި ފަޅައިލި މީހާގެ ބަންދަށް ދެ މަސް!

ގދ ވާދޫގައި ބެހެއްޓި ވޯޓު ފޮށްޓެއް ފަޅާލި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.
ފުލުހުން ވިދާޅުވީ، މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 35 އަހަރުގެ މީހެއް ކަމަށެވެ. އަދި އޭނާގެ ބަންދަށް 60 ދުވަސް ކޯޓުން ދީފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ވާދޫގައި ބަހައްޓާފައި ހުރި އެ ވޯޓު ފޮށި ފަޅާލާފައި ވަނީ ވޯޓު ފޮށި ބަންދުކޮށްފައި ވަނިކޮށެވެ.
ރިޔާސީ އިންތިހާބާ ގުޅުންހުރި އެކި މައްސަލަތަކުގައި އެކި ފަހަރު މަތިން 20 އަށް ވުރެ ގިނަ މީހުން ހައްޔަރުކުރިއެވެ. ފުލުހުން ވިދާޅުވީ، އިންތިޚާބު ކުރިއަށް ދިޔަ ވަގުތު ވޯޓު ކަރުދާހުގެ ފޮޓޯ ނަގައި އާންމުކުރި 19 މީހަކު ހައްޔަރުކުރި ކަމަށާއި އެ އެންމެން ދޫކޮށްލާފައިވާ ކަމަށެވެ.
އަދި މިވަގުތު ހައްޔަރުގައި ހުރީ ވާދޫ ގައި ވޯޓު ފޮށި ފަޅާލި މީހާ ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.