ޚަބަރު

އިންތިޚާބީ ރައީސް ޑރ. މުޢިއްޒުގެ ގަދަ ބަސް ފަލަސްތީނާއެކު; ގިނަ ބައެއްގެ ތައުރީފް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޔަހޫދީންގެ އަޅުވެތި ކަމަށް ނިމުމެއް ގެނައުމަށް ޙަމާސްއިން 'އޮޕަރޭޝަން އަޤްޞާ ފްލަޑް'ގެ ނަމުގައި ފަށާފައިވާ ޚާއްޞަ އަސްކަރީ ކެމްޕޭނާ ގުޅިގެން ޔަހޫދީ އިސްރާޢީލުން ކުރިޔަށް ގެންދާ ލާއިންސާނީ އަމަލުތައް ހުއްޓާލުމަށް ގޮވާލާ, އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި ޓްވީޓަށް ގިނަ ބައެއްގެ ތައުރީފް ލިބިއްޖެއެވެ.

Ads by Hajj Corporation

އިނގިރޭސި ބަހުން އިއްޔެ ކުރި ޓްވީޓެއްގައި ޑރ. މުޢިއްޒު ވިދާޅުވެފައިވަނީ, އިސްރާއީލުން ވެރިވެގެންފައިވާ ފަލަސްތީނުގެ ބިމުން ވަގުތުން ވަގުތަށް ފައިބަން ޖެހޭ ކަމަށެވެ.

"އިސްރާއީލުން ފަލަސްތީނުގެ އިސްތިއުމާރުކުރުން ވަގުތުން ހުއްޓާލައި ފަލަސްތީނުގެ އަތުން ގަދަކަމުން ހިފާފައިވާ ބިންތައް އަނބުރާ ދޭން ޖެހޭ. އިސްރާއީލުން ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަނެ، 1967 ވަނަ އަހަރުގެ ބޯޑަރުގެ މަތިން, އިރުމަތީ ގުދުސް އަކީ އެ ގައުމުގެ ވެރިރަށެއްގެ ގޮތުގައި ބަލައިގަނެ ރެފިއުޖީން ވަގުތުން އެނބުރި ގައުމަށް ގެންދިއުމުގެ ފުރުސަތު ދޭން ޖެހޭ" އިންތިޚާބީ ރައީސް ކުރެއްވި ޓްވީޓްގައި ވިދާޅުވިއެވެ.

ޑރ. މުއިއްޒުގެ މި ސްޓޭޓްމެންޓާއެކު ގިނަ ބައެއްގެ ތައުރީފް އެމަނިކުފާނަށްވަނީ ލިބިވަޑައިގެންފައެވެ.

އެގޮތުން ޓްވިޓަރގައި މީހަކު ބުނެފައިވަނީ, ދިވެހިން ބޭނުންވާ ގޮތަށް, ދިވެހިންގެ ރާގުގައި ފަަލަސްތީނާއެކުގައި ތިބިކަން ޑރ. މުޢިއްޒުގެ ޓްވީޓުން ދޭހަކޮށްދޭ ކަމަށެވެ. މަޖިލީހުގެ ރައީސް, ރައީސް މުޙައްމަދު ނަޝީދު ވެސް ވަނީ އެ ޓްވީޓް ރީޓްވީޓް ކުރައްވާފައެވެ. އަދި ވިދާޅުފައިވަނީ އެމަނިކުފާނު ވެސް އެކަމަށް އެއްބަސްވެ ލައްވާ ކަމަށެވެ.

ޑރ. މުއިއްޒުގެ ޓްވީޓް ފަސް ހާސް މީހުންނަށް ވުރެ ގިނަ މީހުން ރީޓްވީޓްކޮށްފައިވާއިރު, ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކުގެ ތައުރީފް ވެސް އެމަނިކުފާނަށް ވަނީ ލިބިވަޑައިގެންފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!