ޚަބަރު

އިންތިޚާބުގައި އެމްޑީޕީ ފެއިލްވީ ރައްޔިތުންނަށް "ހާނިއްކަވާގޮތަށް" ކަންތައް ކުރުމުން: ޖާބިރު

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ރިޔާސީ އިންތިޚާބުގައި ވެރިކަން ކުރާ އެމްޑީޕީއަށް ނާކާމިޔާބާ ކުރިމަތިލާންޖެހުނީ އެ ޕާޓީން ރައްޔިތުންނަށް "ހާނިއްކަވާގޮތަށް" ކުރި ކަންތައްތަކުގެ ސަބަބުން ރައްޔިތުންގެ ތެރޭގައި ރުޅިވެރިކަން އިތުރުވެގެންކަމަށް ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޖާބިރު މިހެން ވިދާޅުވީ، ސަރުކާރުގެ ފަރާތުން، ކޮމަންޑޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޝިދު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 24/2022 (ކުނި މެނޭޖުކުރުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސްގައެވެ.

އެމްޑީޕީއިން މި ސަރުކާރުގައި ކަންތައްކޮށްފައިވާ ގޮތަށް އަލިއަޅުވާލައްވަމުން ޖާބިރު ވިދާޅުވީ، އެމްޑީޕީންވަނީ މަޖިލިސް ބޭނުންކޮށްގެން ކުއްލި ކުއްލިއަށް ޕޮލިސީތަކަށް ބަދަލުގެނެސްފައި ކަމަށެވެ. އަދި ކުނި މެނޭޖުކުރުމަށް ރައްޔިތުންގެ އަތުން ޕްލާސްޓިކް ކޮތަޅަކުން 2ރ ނެގި ނެގުން އެއީ އޭގެ މިސާލެއްކަމަށް ޖާބިރު ވިދާޅުވިއެވެ.

"މިފަދަ ކަންތައްތައް ކުރީމާ އެއްވެސް ފައިދާއެއް ނުވެ ނަތީޖާއެއް ނުނިކުމެ ރައްޔިތުންގެ ތެރޭގައި ރުޅިވެރިކަން އިތުރުވެގެން ދިޔަ ކަމުގެ ނަތީޖާތާ އިންތިޚާބު ފޭލުވެގެންދިޔައީވެސް، މިކަހަލަ ކުދި ކުދި ހާނިކަތައްވާގޮތަށް ކުއްލިކުއްލިއަށް އެކި ޒާތްޒާތަށް މި މަޖިލީހުގެ މެޖޯރިޓީ ބޭނުންކޮށްގެން އަޅުގަނޑުމެންގެ ޕާޓީން އަމަލުކޮށްފަ ހުރީމާ މިއަދު އެކަހަލަ ކަންތައް ރަނގަޅުކުރާން އަޅުގަނޑުމެން މިތިބީ ވިއްދާފަ. އުންމީދުކުރަނީ ކުރިއަށްއޮތް ތާނގަވެސް ޕީޖީ ގުރޫޕް ތަންކޮޅެއް ހަމަޖެހޭ ގޮތަކަށް ޤާނޫނުތަކަށް ބަދަލުގެންނަވާނެކަމަށް" ޖާބިރު ވިދާޅުވިއެވެ.

މީގެ އިތުރުން ޖާބިރު ވިދާޅުވީ އެމްޑީޕީގެ ޕީޖީ ގުރޫޕުގައި އެމަނިކުފާނު މެމްބަރަކަށް އިންނެވިނަމަވެސް އެމަނިކުފާނުގެ އެއްވެސް ޚިޔާލެއްވެސް ކަންކަން ނިންމަވާއިރު ނުޙޯއްދަވާކަމަށެވެ.

"މިހާރު ޓަސްލާފަ އަންގަވާނެ މިހެންނޭ އޮންނާނީ، މިސާލެއްގެ ގޮތުން އިއްޔެ ކޮމިޓީތައް އެކުލެވިގެން ދިޔައިރުގައި އަޅުގަނޑަކާ އެއްވެސް މަޝްވަރާއެއް ނުކުރޭ. އަދި 11 ޖަހާއިރަށް ކޮމިޓީއަށް ކިޔާފައި މުޤައްރިރުން ކަނޑައަޅަން 10:30 ކިޔާފައި 11 ޖަހާއިރަށް ކިޔާފައި އެއޮއް ގަޑިތައްވެސް ބަދަލުވެގެން ދިޔައީ، އޮޅުވާލައިގެން އެކަންވެސް ކުރީ" ޖާބިރު ވިދާޅުވިއެވެ.

އެހެންކަމުން، އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ އޮތުމުގެ މާނައަކީ ރައްޔިތުންނަށް "ތުރާވާގޮތަށް" އެމްޑީޕީއަށް ކަންތައްތައް ކުރެވެން އޮތުމެއް ނޫންކަމަށާއި އެހެން އެކަން އޮންނާނެކަމަށް ޤަބޫލުފުޅުވެސް ނުކުރައްވާކަމަށް ޖާބިރު ވިދާޅުވިއެވެ.

ބަހުސް ކުރާ މައުޟޫއަށް ވާހަކަދައްކަވަމުން ޖާބިރު ވިދާޅުވީ، ރާއްޖޭގެ ކުނި މެނޭޖްކުރުމުގެ ސިޔާސަތު ތަންފިޒުކުރަމުން ދަނީ އޭރެއްގެ އެންވަޔަރުމަންޓް މިނިސްޓަރަކަށް ހުންނަވާ ބޭފުޅަކަށް ފެނިވަޑައިގަންނަވާ ގޮތަކަށްކަމަށާއި، ކުނި މެނޭޖުކުރާ ސިސްޓަމްތަކަށް ރާއްޖޭގައި ކޮއްފައިހުރި އިންވެސްޓްމަންޓު ތަނަކީ ދުނިޔޭގެ ފެންވަރަށް ބަލާއިރު ބޮޑު އިންވެސްޓުމަންޓުތަކެއްކަމަށެވެ. އެހެންކަމުން އެކަމާ ވިސްނާލަންޖެހޭކަމަށް ޖާބިރު ވިދާޅުވިއެވެ.

"ރާއްޖޭގެ ވަކި ރަށެއްގައި މިސާލެއްގެ ގޮތުން ކުނި މެނޭޖުކުރަން ކުންފުންޏެއް އޮޕަރޭޓްވެފައި އަނެއް ރަށަށް އެ ޚިދުމަތް ނެތުމަކީވެސް ރަނގަޅުކަމެއް ނޫންތާ އެންމެން ހަމަހަމަ ޤައުމެއްގައި ޤާނޫނު އަސާސީގައި ސަލާމް ބުނެފަ އޮންނައިރުގައި. އަޅުގަނޑުމެންގެ ދާއިރާގައި ކުނި މެނޭޖުކުރަނީ ކިހިނެއްތޯ؟ ގާފަރުގައި ކުނި މެނޭޖުކުރަނީ ކިހިނެއްތޯ؟ ހިނގާ ބަލަމާ. ކުނި ނަގާނެ މީހަކު ނުވެސް ހުރޭ. ގިނަ ފަހަރު އަޅުގަނޑު އިންތިޚާބަށް ދާއިރު ފުނި ފުންޏަށް ޖަހާފައި ހުންނަ ކުނި ގެންގޮސް އަމިއްލަ ޚަރަދުގައި އެކަންކަން ސާފުތާހިރު ކުރަމުން އަޅުގަނޑުމެން ދަނީ" ޖާބިރު ވިދާޅުވިއެވެ.

ޖާބިރު އިތުރަށް ވިދާޅުވީ ކަންކަން ކުރާއިރު ވަށާ ޖެހޭ ޕްރޮގްރާމެއް ހިންގަން އެމްޑީޕީން ޖެހޭކަމަށާއި ކުރިއަށް އޮތް މަޖިލިސް އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ކުރެވޭނީ އެފަދަ ކަންތައްތައް ރަނގަޅުކޮށް ހަރުދަނާކޮށްގެންކަމަށެވެ.

މަޖިލިސް އިންތިޚާބުގައި އެމްޑީޕީން މިހާރު އޮންނާނީ "މާފިޔާ" އަޅައި ގޮނޑިތައް ދޭންވާ މީހުން ކަނޑައަޅާފައި: ޖާބިރު

"ހަމަ ގައިމުވެސް އަޅުގަނޑު ގޮނޑި ނަގާނަން. ޕްރައިމަރީގައި އޮންނާނޭ މިހާރު މާފިޔާ އަޅާފައި، އެމްޑީޕީގައި. ދޭންވާ ފަރާތްތައްވެސް ކަނޑައަޅާފައި. އެ ނެޓްވޯކް ތެރޭގައި އަޅުގަނޑުމެން ތާށްޓެއް ނުވާނަމު. ޤާނޫނުގައި  ވަރަށް ސާފުކޮށް އެބަބުނޭ ކުރިމަތިލާން އޮންނަ އުޞޫލުތައް. އުޞޫލާ ޚިލާފު ވެއްޖިއްޔާ އަޅުގަނޑުމެން އަނެއްކާވެސް ދާނީ ދާންވާ މަގުން" ޖާބިރު ވިދާޅުވިއެވެ.

ހަމައެއާއެކު، ޖާބިރަކީ އެމްޑީޕީ ޕީޖީ ގުރޫޕުގެ މެންބަރަކަށް ވާތީ އެމަނިކުފާނުގެ މަޝްވަރާވެސް ކަންކަމުގައި ބޭނުންވާނެކަމަށް ފާހަގަކުރައްވަމުން ޖާބިރު ވިދާޅުވީ އެމްޑީޕީ ހަރުދަނާކޮށް ހިންގެން އޮއްވައި އެކަން ކުރަންވީ ކަމަށާއި ރައްޔިތުންނަށް ޚިދުމަތްކުރުމުގައި އެމްޑީޕީ ޝާމިލުވާންޖެހޭކަމަށެވެ.

"އެހެންވީމާ އަދި އަޅުގަނޑު އެމްޑީޕީ ޕީޖީ ގުރޫޕުގެ މެންބަރަކަށް ހުއްޓަސް އަޅުގަނޑުގެވެސް މަޝްވަރާ ބޭނުންވާނެތާ؟ އަޅުގަނޑަކީ އެއްވެސް މީހަކު ފޮޓޯ ޖަހައިގެން ގޮސް ހޮވި މީހެއްނޫން. އަމިއްލަ ފޮޓޯ ދައްކައިގެން ހޮވިފައި ހުންނަ މީހެއް. އެހެންވީމާ އަޅުގަނޑު އުންމީދު ކުރަނީ ދެން އޮތް ބައިގައިވެސް ތަންކޮޅެއް ތަހުޒީބުކޯށް ޕާޓި ހިންގާށޭ. ޕާޓީގެ މެޖޯރިޓި މިތާނގައި އެބައޮތޭ. މިއަދު އޮތްހާވެސް އެއްޗަކީ މި މަޖިލީހުގައި އޮތް މެޖޯރިޓީ" ޖާބިރު ވިދާޅުވިއެވެ.

މީގެ އިތުރުން، އެމްޑީޕީގެ އެތެރޭގެ މަޤާމުތަކަށް ބޭފުޅުން ހޮވުމަށް އިންތިޚާބު ބާއްވަން ޖެހޭކަން ފާހަގަކުރައްވަމުން ޖާބިރު ވިދާޅުވީ، އެމްޑީޕީ ހަރުދަނާކޮށް ހިންގަން ޖެހިއްޖެކަމަށެވެ.

"ޕާޓީ ހިންގަން އެނގޭ ބަޔަކު ޕާޓީއަށް ލާ. އަދި ނެތިއްޔާ ރާއްޖެއިން ބޭރުން އިމްޕޯޓުކޮށްގެންވެސް އެބަޖެހޭ ޕާޓީ ހިންގަން" ޖާބިރު ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!