ފްލޯޓިންގ ސިޓީ މަޝްރޫއު އޮޑިޓްކުރަނީ
މޯލްޑިވްސް ފްލޯޓިންގ ސިޓީ މަޝްރޫއު 2024 ވަނަ އަހަރުގެ ތެރޭގައި އޮޑިޓުކުރުމަށް ނިންމާފައިވާކަން އޮޑިޓު އޮފީހުން ވިދާޅުވެއްޖެއެވެ.
އިއްޔެ ބޭއްވި މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި 2024 ވަނަ އަހަރު އޮޑިޓްކުރާނެ ކަންތައްތަކުގެ ތަފްޞީލް ހާމަކޮށް، އަންނަ އަހަރު ކުރުމަށް ކަނޑައެޅިފައިވާ މަސައްކަތްތަކާއި ހާއްސަ އޮޑިޓުތަކާއި ގުޅޭ މައުލޫމާތު މެމްބަރުންނާއި ހިއްސާކޮށްފައެވެ.
އެގޮތުން، ސްޕެޝަލް އޮޑިޓުތައް ކުރެވިގެންދާނީ އެއިރެއްގައި ހުންނަ އެންމެ ބޮޑެތި ރިސްކުތައް ފާހަގަކުރުމުންކަމަށާއި އެކަމުގައި ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުންވެސް ލިބޭކަން ފާހަގަކުރައްވަމުން އޮޑިޓު އޮފީހުން ބުނެފައިވަނީ، އެކި އެކި މުއައްސަސާތަކުގެ ތެރޭގައިހުރި ރިސްކުތައް ދެނެގަތުމަށް އެ މުއައްސަސާއިން މަސައްކަތްކުރާނެކަމަށާއި މީޑިއާތަކުގައި ޝާއިއުކުރެވޭ މައްސަލަތަކަށްވެސް ސަމާލުކަންދޭނެކަމަށެވެ.
2024 ވަނަ އަހަރު ފައިނޭންސް ކޮމްޕްލަޔަންސް 294 އޮޑިޓާއި އޮޑިޓް ރިވިއުގެ ގޮތުގައި 39 އޮޑިޓަކާއި ސްޕެޝަން ފަސް އޮޑިޓަކާއި ފާޕޯމަންސް އޮޑިޓްގެ ގޮތުގައި ހަތަރު އޮޑިޓެއް އަދި އިންޕޮމޭޝަން ސިސްޓަމްސްގެ ހަތަރު އޮޑިޓެއް ހިމެނޭކަމަށް އޮޑިޓް އޮފީހުން ފާހަގަކޮށްފައިވެއެވެ.
އަދި ޚާއްސަ އޮޑިޓެއްގެ ގޮތުގައި އެ މައްސަލައެއް ނުވަތަ ކަމެއްގައި މަސައްކަތްތައް ކުރެވިދާނެތޯ ދެނެގަންނަކަމަށާއި، ސްޕެޝަލް އޮޑިޓެއް ކުރިއަށް ގެންދާއިރު ރިއާޔަތްކުރަނީ "ސަސްޕެކްޓެޑް ފްރޯޑް އެންޑް އެލެޖޭޝަންސް" އާއި "ޕްރޮކިއަމެންޓު އޮޑިޓު" ގެ މަސައްކަތްތަކާއި "ޑެމޭޖު އެސެސްމެންޓު" މަސައްކަތްތައްކަމަށް އެ މުއައްސަސާއިން ވިދާޅުވިއެވެ.
އެގޮތުން، 2024 ވަނަ އަަހަރުގެ ތެރޭގައި މޯލްޑިވްސް ފްލޯޓިންގް ސިޓީ މަޝްރޫއުއާއި އެސްޓީއޯ އެފްއެސްއެމްއިން ތެލުގެ ސްޓޮކް ބަލަހައްޓާގޮތުގެ އޮޑިޓެއް ކުރުމަށް ނިންމާފައިވާކަމަށާއި އަދި އެސްއެމްއީ ބެންކާއި މޯލްޑިވްސް ޝިޕިންގެ ޕްރޮކިއަމެންޓު އެންޑް ފްރޮޖެކްޓް އިމްޕްލިމެންޓޭޝަންގެ އިތުރުން ރީޖަނަލް އެއަރޕޯޓުގެ އޮޑިޓު މަސައްކަތްތައްވެސް ކުރުމަށް ކަނޑައެޅިފައިވާކަމަށް ވިދާޅުވެފައިވެއެވެ.
"އަޅުގަނޑުމެން އޮޑިޓް ފޯކަސް ކޮށްފައި އޮންނާނީ މުޅި ދައުލަތުގެ މާލިއްޔަތު ޑެލިވާ ކުރުމާއި ބޮޑެތި އެންޓިޓީތަކުގެ އޮޑިޓްތައް އަހަރުގެ ތެރޭގައި ނިންމުމަށް،" އޮޑިޓު އޮފީހުގެޑިރެކްޓަރު މުހައްމަދު ޝާން ވިދާޅުވި އެވެ.
އަންނަ އަހަރު ޖުމްލަ 346 އޮޑިޓެއް ކުރުމަށް ނިންމާފައިވާކަމަށްވެސް އެ މުއައްސަސާއިން ވަނީ ފާހަގަކޮށްފައެވެ.