ފެނަކައާއި ގުޅޭ ކޮރަޕްޝަންގެ މައްސަލަތައް ނުބެލޭ ކަމަށްވަންޏާ އެދެވެނީ އެކަންކަން ކުރަން އިތުރު ހިތްވަރު: ޙަސަން ލަތީފު

ފެނަކަ ކޯޕަރޭޝަނާ ގުޅޭ 72 މިލިއަން ރުފިޔާގެ ޚިޔާނާތް ހިމެނޭ މައްސަލަތައް ނުބެލޭ ކަމުގައިވާނަމަ، އެކަންކަން ކުރާ ފަރާތްތަކަށް ދެވިގެންދަނީ އިތުރު ހިތްވަރެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.
ޙަސަން މިހެން ވިދާޅުވީ، މަޑުއްވަރި ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހަޅުއްވާފައިވާ، ފެނަކައިން ކުދި ވިޔަފާރިތަކާއި ކުންފުނިތަކަށް ދޭންޖެހޭ ފައިސާދިނުން އަވަސްކުރުމަށާއި ފެނަކައިގެ މެނޭޖްމަންޓް އަދި ފައިނޭންޝަލް އޮޑިޓެއް ހެދުމަށާއި ދަރަނިތައް އަދާކުރާނެގޮތުގެ ޕްލޭނެއް އެކުލަވާލުމަށް ގޮވާލައި ހުށަހަޅާ ޤަރާރުގެ ބަހުސްގައި ވާހަކަފުޅުދައްކަވަމުންނެވެ.
އެގޮތުން، ފެނަކަ ކޯޕަރޭޝަނާ ގުޅޭ 31 މައްސަަލައެއްގައި 72 މިލިއަން ރުފިޔާގެ ހިޔާނާތް ހިމެނޭ މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަތައް އޭސީސީއަށް ހުށަހެޅީ ފެނަކައިގެ މުވައްޒަފުންތަކެއްކަމަށް ޙަސަން ވިދާޅުވިއެވެ. އެހެންނަމަވެސް، އެ މައްސަލަތަކުގެ ތަހުގީގު އޭސީސީ ތެރެއިން ކުރިއަށް ނުދާ ކަމަށް ހަސަން ތުހުމަތުކުރެއްވިއެވެ.
"އެތައް މިލިއަން ރުފިޔާއެއް ކުންފުނިތަކަށް ނުދެއްކުމުގެ އިތުރުން، އެ ކުންފުންޏަށް ނިސްބަތްވާ 71.9 މިލިއަން ރުފިޔާގެ ކޮރަޕްޝަންގެ ތަފާތު 31 މައްސަލަ އޭސީސީގައި އެބައޮތް... އެ މައްސަލަތައް ނުބެލޭ ކަމަށް ވަންޏާ އަނެއްކާވެސް އެ ކަންކަން ކުރާ ފަރާތްތަކަށް، ކޮރަޕްޝަންގެ އެ އަމަލުތައް ހިންގާ ފަރާތްތަކަށް އެ ލިބެނީ ހިތްވަރެއް،" ޙަސަން ވިދާޅުވިއެވެ.