ޚަބަރު

ދިވެހިރާއްޖޭގެ އަޑުގެ ނަން ސަމަރުބްލޫ އިބްރާހިމް މަނިކަށް ޚާއްސަކުރުމަށް ނާއިބު ރައީސް އެދިވަޑައިގެންފި

ޢާއިޝަތު އިނާޝް ، ދެން އޮންލައިން
ސަމަރުބްލޫ އިބްރާހިމް މަނިކުގެ ހަނދާނުގައި ބޭއްވި ތައުބީންގެ ޖަލްސާގައި ނައިބު ރައީސް ފައިސަލް ނަސީމް ވާހަކަ ދައްކަވަނީ...ފޮޓޯ: ރައީސް އޮފީސް

ދިވެހިރާއްޖޭގެ ރޭޑިއޯ ބްރޮޑްކާސްޓިންގެ ޚިދުމަތުގެ ބާނީއަކީ އަލްމަރްޙޫމް އިބްރާހިމް މަނިކު (ސަމަރުބްލޫ އިބްރާހިމް މަނިކު ނުވަތަ ސަމަރޭ) ކަމަށް ޤަބޫލުފުޅުކުރައްވާކަމަށާއި ދިވެހިރާއްޖޭގެ އަޑުގެ ނަން އެމަނިކުފާނަށް ޚާއްސަކުރުމަށް އެދިވަޑައިގަންނަވާކަމަށް ނާއިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ކުރީގެ އިންފޮމޭޝަން މިނިސްޓަރު އަދި ރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާއިން ޚާއްސަކޮށް ދިވެހިރާއްޖޭގެ އަޑު ތަރައްޤީކުރުމަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވި ސަމަރުބްލޫ އިބްރާހިމް މަނިކުގެ ތައުބީނުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނާއިބު ރައީސް ފައިސަލް ވިދާޅުވީ ރާއްޖެއަށް އެފަދަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅުންގެ ޒިކުރާ އަބަދުވެސް އާކުރަންޖެހޭކަމަށެވެ.

"އަޅުގަނޑު ޤަބޫލުކުރަނީ ރާއްޖޭގެ ރޭޑިއޯ، ދިވެހިރާއްޖޭގެ އަޑުގެ ބާނީއަކީ އަލްމަރުޙޫމް ސަމަރުބުލޫ އިބްރާހީމް މަނިކު. އެ ތަނުގެ އެ މަރުކަޒުގެ ނަންވެސް ކޮންމެވެސް އެއް ސިފައެއްގައި ނިސްބަތް ވާން ޖެހޭނީ އަލްމަރުޙޫމް ސަމަރުބުލޫ އިބްރާހީމް މަނިކުގެ ނަންފުޅު އަންނަން ޖެހޭނެ ކަމަށް އަޅުގަނޑު ޤަބޫލުކުރަން" ފައިސަލް ވިދާޅުވިއެވެ.

ސަމަރުބްލޫ އިބްރާހިމް މަނިކުގެ ހަނދާނުގައި ބޭއްވި ތައުބީންގެ ޖަލްސާގެ ތެރެއިން...ފޮޓޯ: ރައީސް އޮފީސް

ރޭ އިސްލާމީ މަރުކަޒުގައި ބޭއްވި މި ޖަލްސާ ޝަރަފުވެރިކޮށްދެއްވަމުން ފައިސަލް ވިދާޅުވީ މިފަދަ ޚިދުމަތްތެރިންގެ މަސައްކަތުގެ އަގުވަޒަންކޮށް، އެ މަސައްކަތްތައް ބަލައިގެން ކުރެވިދާނެ ކިތަންމެ މަސައްކަތެއް ހުންނާނެކަމަށެވެ.

"އަދި އަމުދުން ދަތި ދުވަސްވަރުގައި އެންމެ ބޭނުންވާ ކަންތައްތައް ކޮށްދެއްވައިފައި ތިބި ފަރާތްތަކުގެ މަތިން ހަނދާން އާކޮށް، އެ ފަރާތްތަކަށް ޝުކުރުވެރިވެ، ކަން އެގޮތަށް ކުރުމަކީ އެއީ އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް" އެ މަނިކުފާނު ވިދާޅުވިއެވެ.

ސަމަރުބުލޫ އިބްރާހީމް މަނިކާއި ބައްދަލުވި ގޮތުގެ ހަނދާން އާކުރައްވަމުން ފައިސަލް ވިދާޅުވީ އެންމެ ފުރަތަމަ ދުވަހު ބައްދަލުވިއިރުވެސް ވަރަށް ގާތް ބޭފުޅެއްގެ ގޮތުގައި އިހުސާސްކުރެވުނުކަމަށެވެ.

"ވަރަށް ސާދާ މިޒާޖުގެ ބޭފުޅެއް. އަޅުގަނޑަށް އިބްރާހިމް މަނިކު ފާހަގަކުރެވުނީ ވަރަށް ކަމަށް ކަމޭ ހިތްތަވާ އެ ކުރައްވަން ނިކުންނަންވާ ކަމެއް ވަރަށް ރަނގަޅަށް ކުރައްވާ ބޭފުޅެއް، ޒުވާނުންނަށްޓަކައި ޤައުމީ މަސައްކަތްތަކެއް ކުރައްވަން ތައްޔާރަށް ހުންނެވި ބޭފުޅެއްގެ ގޮތުގައި" ނާއިބު ރައީސް ވިދާޅުވިއެވެ.

ގިނަ ދުވަސްތަަކެއްވަންދެން އާލާސްކަންފުޅުގައި އުޅުއްވުމަށްފަހު އިބްރާހިމް މަނިކު އަވަހާރަވީ އުމުރުފުޅުން 72 އަހަރުގައި މިދިޔަ އަހަރުގެ ނޮވެންބަރު 30 ވަނަ ދުވަހުއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ސަމަރު އިބްރާހިމް މަނިކަށް ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ދެއްވަނީ....ފޮޓޯ: މިހާރު

އިބްރާހިމް މަނިކު ވަނީ ބްރޯޑްކާސްޓިން ދާއިރާއިން ލައިފްޓައިމް އެޗީވްމެންޓް އެވޯޑު ހާސިލްކުރައްވާފައެވެ.

ރޭ ބޭއްވި ތައުބީނުގެ ޖަލްސާގައި ބްރޯޑްކާސްޓިން ދާއިރާގައި މަސައްކަތްކުރައްވާ ގިނަ އަދަދެއްގެ ބޭފުޅުންނާއި، އިބްރާހިމް މަނިކުގެ އާއިލާ ބޭފުޅުންނާއި ގާތް ރަހުމަތްތެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!