އޮޑިޓު އޮފީހަށް 112.27 މިލިއަން ރުފިޔާގެ ބަޖެޓެއް

އޮޑިޓަރ ޖެނެރަލް އޮފީހަށް އަންނަ އަހަރު 112.27 މިލިއަން ރުފިޔާގެ ބަޖެޓެއް ދޭން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
އޮޑިޓު އޮފީހުގެ ބަޖެޓު ކޮމިޓީން ފާސްކުރީ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު ހުށަހެޅުއްވި އިސްލާހާ އެއްގޮތަށެވެ.
އޭނާ ހެޅުއްވީ މުވައްޒަފުންގެ ޑިޕެންޑެންޓު އެލަވަންސް ބޮޑުކުރުމަށް ބަޖެޓުކުރި 10.4 މިލިއަން ރުފިޔާ އުނިކޮށް، އާ އޮފީސް އިމާރާތުގެ ބަޖެޓަށް 38.1 ކަނޑައެޅުމަށާއި، ރިކަރަންޓް އަދި ކެޕިޓަލް ޚަރަދުގެ ޖުމުލަ 74.14 މިލިއަން ރުފިޔާ އަށް ވަނީ ކުޑަ ކުރުމަށެވެ.
އަންނަ އަހަރަށް ލަފާކޮށް އޮޑިޓް އޮފީހުން މަޖިލީހަށް ފޮނުވީ 123 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެއީ ރިކަރެންޓު ހަރަދާއި ކެޕިޓަލް ހަރަދަށް 85 މިލިއަން ރުފިޔާ އަދި ހުޅުމާލޭގައި ހަދާ އާ އިމާރާތަށް 32 މިލިއަން ރުފިޔާއެވެ. ނަމަވެސް ކޮމިޓީން ފާސްކުރީ ޖުމުލަ 112.27 މިލިއަން ރުފިޔާ ދޭށެވެ.