މަޖިލީހަށް ފޮނުވާފައިވާ ސަޕްލިމަންޓްރީ ބަޖެޓަކީ ޤާނޫނާއި އެއްގޮތަށް ހުށަހަޅާފައިވާ ބަޖެޓެއް ނޫން: ޑިމޮކްރެޓްސް
ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ސަޕްލިމަންޓްރީ ބަޖެޓަކީ ޤާނޫނާއި އެއްގޮތަށް ހުށަހަޅާފައިވާ ބަޖެޓެއް ނޫންކަމަށް ދަ ޑިމޮކްރެޓްސް ޕާޓީން ވިދާޅުވެއްޖެއެވެ.
ސަޕްލިމަންޓަރީ ބަޖެޓާއި ގުޅިގެން މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، މި ހިނގާ 2023 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ދައުލަތުގެ ބަޖެޓަށް އިތުރަށް ބޭނުންވާ ފައިސާ ހޯދުމަށް މިނިސްޓްރީ އޮފް ފިނޭނސްއިން 19 އޮކްޓުބަރު ގައި މަޖިލީހަށް ފޮނުއްވާފައިވާ ސަޕްލިމެންޓަރީ ބަޖެޓް ތައްޔާރުކޮށް ހުށަހަޅާފައިވަނީ ޤާނޫނުގައި ބަޔާންކޮށްފައިވާ ހަމަތަކުގެ މަތިން ނޫންކަމަށެވެ.
މީގެ އިތުރުން، މި އަހަރުގެ ބަޖެޓު ހުށަހަޅުއްވަމުން މާލީ ވަޒީރު އިބްރާހިމް އަމީރު ދެއްވި މެދުރާސްތާގެ ފިސްކަލް ސްޓްރެޓަޖީގެ ބަޔާނުގައި ކަނޑައެޅުއްވި ލަނޑުދަނޑިތަކަށް މި ފަހަރުގެ ސަޕްލިމަންޓްރީ ބަޖެޓުގެ ސަބަބުން ބަދަލު އަންނާނެތީ، ބަޖެޓު ޕޮޒިޝަން ރިޕޯޓަށް އައި ބަދަލު ބަޔާންކޮށް، އާ ރިޕޯޓެއް ހުށަހަޅަންޖެހޭނެ ކަމަށް ފެންނަ ކަމަށްވެސް އެ ސިޓީގައި ބަޔާންކޮށްފައިވެއެވެ.
ހަމައެއާއެކު، މި އަހަރު މަޖިލީހުން ފާސްކޮށްދީފައިވާ ބަޖެޓުން ހަރަދު ކޮށްފައިވަނީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތަށްތޯ ކަށަވަރު ކުރުމަށްޓަކައި، ސަޕްލިމަންޓްރީ ބަޖެޓު ތައްޔާރުކުރުމާ ހަމައަށް، ބަޖެޓުން ކުރި ހަރަދުތަކުގެ ތަފްސީލު ހިމެނުން މަޖިލީހުގެ މަސްއޫލިއްޔަތު ޒިންމާދާރުކަމާ އެކު، އަދާކުރުމަށް މުހިންމުކަން ފާހަގަކުރައްވަމުން އާޒިމްގެ ސިޓީގައި ވިދާޅުވެފައިވަނީ އެ އިން އެއްވެސް މައުލޫމާތެއް ފިނޭންސް މިނިސްޓްރީން ސަޕްލިމެންޓްރީ ބަޖެޓުގައި ހިމަނާފައި ނުވާކަމަށެވެ.
އަދި ފިނޭންސް އިން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ސަޕްލިމަންޓްރީ ބަޖެޓު މަޖިލީހުގެ ތަޅުމަށް ހުށަހެޅިއްޖެ ކަމަށް ވަނީ ނަމަ "ނުރަނގަޅު އާދަ އެއް ފެށި ތަކުރާރުވާން ހުޅުވިގެންދާ ޖާގަ" އަކަށްވާނެކަމަށްވެސް އެ ސިޓީގައި ވިދާޅުވެފައިވެއެވެ.
މަޖިލީހުގެ މައިނޯރިޓީ ޕާޓީން ސަޕްލިމަންޓްރީ ބަޖެޓާ ދެކޮޅު މި ހެދީ، އެ ބަޖެޓު ހުށަހެޅުން މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައި އޮއްވައެވެ.
ކަމާގުޅޭ ޤާނޫނުތަކާ އެއްގޮތަށް ތައްޔާރުކޮށްގެން މެނުވީ، ސަޕްލިމަންޓްރީ ބަޖެޓު މަޖިލީހަށް ހުށަނޭޅޭނެކަމަށްވެސް އާޒިމްގެ ސިޓީގައި ވިދާޅުވެފައިވެއެވެ.