ޚަބަރު

މި ދައުރު ނިމެންވާއިރަށް، ދެވަނަ ބުރުގައި ހުށަހެޅި ފޯމުތައް އިވެލުއޭޓްކޮށް ދާއިމީ ލިސްޓު ނުނެރެވިދާނެ: މިނިސްޓްރީ

އާއިޝަތު ޝައުނާ ، ދެން އޮންލައިން

މާލެ ސަރަހައްދުން ދޫކުރާ ގޯއްޗާއި ފްލެޓަށް އެދި ފޯމު ހުށަހެޅުމަށް ހުޅުވާލި ދެ ވަނަ ފުރުސަތުގައި ހުށަހެޅި ހުރިހާ ފޯމުތަކެއް މި ދައުރު ނިމެންވާއިރަށް އިވެލުއޭޓްކޮށް ނުނިމޭނެ ކަމަށް ޕްލޭނިން މިނިސްޓްރީން މިއަދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

"ސަން" އަށް މަޢުލޫމާތުދެއްވަމުން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ، ފޯމުތަކުގެ އަދަދު ދެނެގަނެވިފައިވި ނަމަވެސް، އެންމެ ބޮޑު މަސައްކަތަކަށްވާނީ އެ ހުރިހާ ފޯމެއްގައި ހުރި މައުލޫމާތު ވަކިވަކިން ބެލުންކަމަށާއި އެ މަސައްކަތް އަވަސް އަރުވައިލައިގެން ކުރުމުގެ ނިޔަތުގައި، ލިސްޓުތަކެއް ނެރެ، ގޯތީގެ ރަޖިސްޓްރީ ދޫ ނުކުރައްވާނެކަމަށެވެ.

"ފޯމުތަކުގެ އަދަދު އަޅުގަނޑުމެންނަށް އެނގޭ. އެކަމު އޭގައި ހުރި އެއްޗެއް ބެލީމާ އެނގޭނީ އިވެލުއޭޓްކޮށް، ވަކި ދާއިމީ ލިސްޓެއް ނެރެން،" އަކްރަމް ވިދާޅުވެފައިވެއެވެ.

ހަމައެއާއެކު ދެވަނަ ބުރުގެ މި މަޝްރޫއަށް ބިން ދޫކުރާ ސަރަހައްދު ކަމަށްވާ އުތުރު ތިލަފަޅު ހިއްކައި ނުނިމޭކަމަށް ފާހަގަކުރައްވަމުން އަކްރަމް ވިދާޅުވީ ނުހިއްކާ ތަނަކުން ބިން ދިނުމަށް ލިޔުން ނުދެއްވާނެކަމަށާއި މިހާރު މި އޮތް ސްކީމުން ވެސް ބޯހިޔާވަހިކަމަށް އެދި ތިބި ރައްޔިތުން ހާމަވާން އެބައޮތްކަމަށެވެ.

"އަޅުގަނޑުމެންނަށް ކުރީ ސަރުކާރެއްގައި ފެނުނު ދެއްތޯ، ނުހިއްކާ އޮތް ތަނަކުން ގޯތި ލިބުނުކަމަށް ލިޔުން ދިންތަން. އެހެންނެއް އެކަމެއް ނުކުރާނަން،" އަކްރަމް ވިދާޅުވިއެވެ.

މި ސަރުކާރުގެ ދައުރުގައި މި މަސައްކަތް އެއްކޮށް ނުނިމުނު ނަމަވެސް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، މި މަސައްކަތް ކުރިއަށް ގެންދަވާނެކަމަށް އުންމީދުކުރައްވާކަމަށް އަކްރަމް ވިދާޅުވިކަމަށް "ސަން" އިން ބުނެފައިވެއެވެ.

އަކްރަމް މިހެން ވިދާޅުވެފައިވާއިރު، މާލެ ސަރަހައްދުން ދޫކުރާ ގޯއްޗާއި ފްލެޓަށް އެދި ފޯމު ހުށަހެޅުމަށް ހުޅުވާލި ދެ ވަނަ ފުރުސަތުގައި ހުށަހެޅި ފޯމުތަކާއި ގުޅިގެން އައު ސަރުކާރުން އަމަލުކުރައްވާނެ ގޮތެއް އަދި ނުނިންމަވާ ކަމަށް އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު މުޙައްމަދު ފިރުޒުލް ވަނީ އިއްޔެ ވިދާޅުވެފައެވެ.

ގޯތި ނުވަތަ ފްލެޓް ލިބި ލިޔުން ހަވާލުކޮށްފައިވާ ނުވަތަ ބިން/ފްލެޓު ދިނުމަށް ގެޒެޓު ކޮށްފައިވާ އެއްވެސް ފަރާތެއްގެ އެއްޗެއް ނުހުއްޓުވުން ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިކަމަށާއި އެ ސްޓޭންޑުގައި އެމަނިކުފާނު ހުންނަވާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވާފައިވާކަން ފާހަގަކުރައްވަމުން ފިރުޒުލް ވިދާޅުވީ، އިއްޔެ މުއްދަތު ހަމަވީ އޭގެ ފަހުން އިއުލާނުކޮށްގެން އެޕްލިކޭޝަން ހުށަހެޅި ބައެއް ކަމަށެވެ.

"އިންތިހާބީ ރައީސުލްޖުމްހޫރިއްޔާގެ ކޮމިޓްމެންޓް ގުޅިފައި އޮތީ ކުރިން ޝާއިއުކުރި ލިސްޓާ. ފަހުން ކުރި އިއުލާނާ ގުޅިގެން ހުށަހެޅި އެޕްލިކޭޝަންތަކާ ގުޅޭ ގޮތުން އިތުރު މަޝްވަރާތައް ކުރަމުން އެބަ ގެންދަން،" ފިރުޒުލް ވިދާޅުވި އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!