ޚަބަރު

އެސޯސިއޭޝަންގެ އެއްވެސް މީހަކު ފައިސާ އަށް ހިޔާނާތްތެރިވެފައެއް ނުވާނެ: އެފްއޭއެމް

ޢާއިޝަތު އިނާޝް ، ދެން އޮންލައިން

އެސޯސިއޭޝަންގެ އެއްވެސް ވެރިޔަކު، އެއްވެސް މެންބަރަކު އަދި އެއްވެސް މުވައްޒަފަކުވެސް ފައިސާއަށް ޚިޔާނާތްތެރިވެފައެއް ނޯންނާނެކަމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފިއެވެ.

Ads by MWSC

މިދިޔަ އާދިއްތަ ދުވަހު ދިވެހި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އެފްއޭއެމްގެ އިމާރާތަށް ވަދެ، ކުރިއަށް ގެންދިޔަ ރެއިޑްއަށްފަހު އެކަމާގުޅޭ ގޮތުން ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވަމުން އެފްއޭއެމްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބައިނަލްއަޤްވާމީ އިދާރާތަކުން އެފްއޭއެމްއަށް ދޭ ފައިސާއަށް ޚިޔާނާތްތެރިވެ، ނަހަމަ ގޮތުގައި ބޭނުންކުރާކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ ސާބިތު ނުހިފޭ ދޮގު ވާހަކަތަކެއް ކަމަށާއި އަދި ޒާތީ ބޭނުމަށް ކުރިމަތިކުރާ ކަންކަމަށް ރައްދު ނުދީ ނުތިބޭނެ ކަމަށެވެ.

އެ އިދާރާއަށް ކުރިމަތިކުރަމުންދާ އެންމެހާ ތުހުމަތުތަކަށް އެސޯސިއޭޝަންގެ މެނޭޖުމަންޓުން ކުރިމަތިލާނެކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

"ޤާނޫނީ ތަރަހައިގެ ބޭރުން އެއްވެސް ޢަމަލެއް ވެސް މުއާމަލާތެއް ވެސް އެފްއޭއެމްގެ ފަރާތުން ކޮށްފައިނުވާނެކަން މި އިދާރާގެ މެޏްބަރުންނަށާއި އެންމެހައި ލޮބުވެތި ރައްޔިތުންނަށް ސާބިތުކޮށްދިނުމުގައި ފަހަތައް ނުޖެހޭނެ ވާހަކަ ވެސް ދަންނަވަމެވެ." އެފްއޭއެމްގެ ބަޔާނުގައިވެއެވެ.

އެ އެސޯސިއޭޝަނަށް ލިބޭ ފައިސާއަކީ ކޮންމެ އަހަރަކު އޮޑިޓުކުރެވޭ ކަންތައްތަކެއްކަމަށާއި ޒާތީ ބޭނުމަށް ސާބިތުނުހިފޭ ވާހަކަތައް ދައްކާނަމަ ރައްދު ނުދީ ނުތިބޭނެކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

"ސާބިތު ނުހިފޭ އަމިއްލަ މަސްލަޙަތާއި ޒާތީ ބޭނުމަށް ހާލަތުގެ ފައިދާ ނެގުމުގެ ބޭނުމުގައި އެއްވެސް ފަރާތަކުން އެއްވެސް ޒާތެއްގައި ކުރިމަތިކުރުވާ އެއްވެސް އަމަލަކަށް ކުޅިވަރުގެ އެންމެ މަތި މަޤަޞަދު ހިމާޔަތް ކުރުމަށް ކުޅިވަރުގެ ރޫޙުގައި މި އިދާރާ އިން ރައްދު ނުދި ނުތިބޭނެ ވާހަކަ ވެސް ދަންނަވަމެވެ." އެ ބަޔާނުގައިވެއެވެ.

އެފްއޭއެމްއަށް ކުރަމުންދާ ތުހުމަތުތަކާއި ގުޅިގެން ކުރިއަށްގެންދާ ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދޭނެކަމަށްވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!