ޚަބަރު

ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 1.5 މިލިއަނަށް އަރައިފި

ޢާއިޝަތު އިނާޝް ، ދެން އޮންލައިން

ދިވެހިރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު 1.5 މިލިއަނަށް އަރައިފިއެވެ.

Ads by STELCO

މިނިސްޓްރީ އޮފް ޓޫރިޒަމް އިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު މިއަހަރު އެވްރޭޖް ގޮތެއްގައި ދުވާލަކު 5،000 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މި އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ފެބުރުވަރީ މަހުގައެވެ.

2022 ވަނަ އަހަރު 1.5 މިލިއަން ފަތުރުވެރިން ހަމަވެފައިވަނީ ޑިސެންބަރު މަހުގައެވެ. މި އަހަރުގެ އަމާޒަކީ 1.9 މިލިއަން ފަތުރުވެރިން ކަމަށް ސަރުކާރުން ވަނީ ހަމަޖައްސާފައެވެ. މި އަހަރުގެ އަމާޒަށް ވާސިލްވުމަށް ބާކީ ދެން އޮތީ އެންމެ ދެ މަހެވެ.

މި އަހަރު އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ ރަޝިޔާއިންނެވެ. އެއީ 172،000 ފަތުރުވެރިންނެވެ. 163،000 ފަތުރުވެރިންނާއެކު ދެވަނަ އަދި ތިންވަނައަށް އެންމެ ގިނައިން ޒިޔާރަތްކުރީ އިންޑިއާ އަދި ޗައިނާއިންނެވެ. ލިސްޓުގެ ހަތަރު ވަނައިގައި އޮތް އިނގިރޭސިވިލާތުން ރާއްޖެއަށް ޒިޔާރަތްކުރީ 121،000 ފަތުރުވެރިންނެވެ.

 

2021 ވަނަ އަހަރު ނިމުނު އިރު 1،321،937 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު 2022 ވަނަ އަހަރު ނިމުނު އިރު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 1،675،303 ފަތުރުވެރިންނެވެ. އަދި މި އަހަރުގެ އޮކްޓޫބަރު މަހުގެ 28 ވަނަ ދުވަހާއި ހަމައަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަކީ 1،505،366 އެވެ.

މިއަހަރު 1.5 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާއިރު، މިއީ 2022 ވަނަ އަހަރާ އަޅާބަލާއިރު 13 އިންސައްތައިގެ ކުރިއެރުމެކެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!