ޚަބަރު

ފިނޭންސް މިނިސްޓަރު އެ ވަނީ ޤާނޫނު އަސާސީއާ ޚިލާފުވެފައި: ޑިމޮކްރެޓްސް

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގައި ރައީސް، ރައީސް މުޙައްމަދު ނަޝީދު މަޤާމުން ވަކިކުރުމުގެ ކަންކަން ކުރިއަށް ގެންދަނީ ގަވާއިދާއި ޚިލާފަށްކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު ޢަލީ ޢާޒިމް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މިއަދު މަޖިލީހުގައި ދަ ޑިމޮކްރެޓްސް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރު އަލީ އާޒިމް ވިދާޅުވީ، ގާނޫނުއަސާސީއާ ހިލާފަށް އެއްވެސް ކަމެއް ކުރުމަށް، އެއްވެސް ފަރާތަކަށް ބަންޑާރަ ނައިބަކަށް ލަފާ ނުދެއްވޭނެ ކަމަށެވެ.

ޢާޒިމް މިހެން ވިދާޅުވީ، މިއަދު ރައްޔިތުންގެ މަޖިލީހުގައި އޮންނަ ޖަލްސާއަށް އެޖެންޑާކުރި ބަޖެޓް ހުށަހެޅުމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވަޑައިނުގެންނެވުމުންނެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައި އޮއްވާ، އިތުރު މަސައްކަތެއް ކުރުމަށް މަޖިލީހުން އެޖެންޑާ ނުކުރެވޭނެކަމަށް ބަންޑާރަނައިބުވެސް ވަނީ ލަފާދެއްވާފައެވެ. އެހެންކަމުން މިއަދުގެ ޖަލްސާގައި ބަޖެޓް ހުށަނޭޅުމަށް މިނިސްޓަރ އަމީރު ވަނީ ނިންމާފައެވެ.

އެކަމާއި ގުޅިގެން ވާހަކަފުޅު ދައްކަވަމުން އާޒިމް ވިދާޅުވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ގާނޫނުއަސާސީއާ ހިލާފުވެފައި ކަމަށާއި އެބޭފުޅާއާ މެދު ފިޔަވަޅު އަޅަންޖެހޭކަމަށެވެ.

"މިނިސްޓަރު އަމީރާ ދޭތެރޭ ކޮންމެވެސް ހިސާބަކުން ފިޔަވަޅު އެޅެންޖެހޭ. ކޮންމެވެސް ކޯޓަކުން ކޮންމެ ވެސް ފަރާތަކުން އެކަމާ ދޭތެރޭ ފިޔަވަޅު އެޅެންޖެހޭ. ގާނޫނުއަސާސީގެ 96ވަނަ މާއްދާގައި ވަރަށް ސާފުކޮށް ލިޔެފައި އޮވޭ މަޖިލީހަށް ބަޖެޓް ހުށަހަޅަންޖެހޭނެ ކަމަށް. ހުށަހަޅަންޖެހޭނީ މިނިސްޓަރު ކަމަށް، އެހެންވީމަ މިނިސްޓަރު އެ ވަނީ ގާނޫނުއަސާސީއާ ހިލާފުވެފައި" ޢާޒިމް ވިދާޅުވި އެވެ.

ޢާޒިމް ވިދާޅުވީ ބަޖެޓުގެ މަސައްކަތްތައް ގެންދަން އެއްވެސް ހުރަހެއް އޮތްކަމަކަށް އެބޭފުޅާ ޤަބޫލުނުކުރައްވާކަމަށާއި މައްސަލައެއް ހުށަހެޅުމަކީ މަޖިލީހުގެ ތަޅުމަށް ހުށަހެޅުން ކަމަށާއި ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މިހާތަނަށް ތަޅުމަށް ހުށަހަޅާފައި ނެތް ކަމަށެވެ.

އެހެންކަމުން، އިތުބާރު ނެތް ކަމުގެ މައްސަލާގައި ގޮތެއް ނުނިންމާ އެހެން މަސައްކަތްތައް ނުކުރެވޭނެ ކަމަށް ބުނާ ހާލަތު ނެތް ކަމަށް ފާހަގަކުރައްވަމުން ޢާޒިމް ވިދާޅުވީ މީގެކުރިން ރައީސް ނަޝީދުގެ މައްސަލަ މަޖިލީހަށް ހުށަހަޅައި، ތަޅުމަށް އިއްވާފައި ނުވާ މުއްދަތުގައި ވެސް މަޖިލީހުގެ އެހެން މަސައްކަތްތައް ކުރިއަށް ދިޔަކަމަށެވެ.

އެހެންނަމަވެސް އެމްޑީޕީން ތަކުރާރުކޮށް ބުނަމުންގެންދަނީ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ވަކިގޮތެއް ނުނިންމަނީސް އެހެން މަސައްކަތެއް ނުކުރެވޭނެކަމަށެވެ. އަދި މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި 2024 ދައުލަތުގެ ބަޖެޓްގެ މަސައްކަތް ތާވަލް ކޮށްފައި ވަނިކޮށް އެކަމަށް ވެސް އެމްޑީޕީ މެންބަރުން ހުރަސް އެޅުމުން ޖަލްސާ ބޭއްވޭގޮތެއް ނުވިއެވެ.

މިކަމާއި ގުޅިގެން ވާހަކަދައްކަވަމުން ޢާޒިމް ވިދާޅުވީ ބަޖެޓްގެ މަސައްކަތް ކުރިއަށް ނުގެންގޮސް ކުރިއަށް އޮތް ސަރުކާރަށް ކުރަން ހުރި މަސައްކަތްތައް ވެސް ކުރިމަގުގައި ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހޭނެ ކަމަށާއި، އެމްޑީޕީގެ ފަރާތުން ފެންނަމުންދާ ނޭދެވޭ ޢަލުތައް ހުއްޓާލުމަށް ޑިމޮކްރެޓްސްގެ ފަރާތުން ތަކުރާރުކޮށް އެދިފައިވާނެ ކަމަށެވެ. އެހެން ނަމަވެސް، އެބޭފުޅުންގެ އެއްބާރުލުން ނުލިބޭ ކަމަށް ޢާޒިމް ވިދާޅުވިއެވެ.

"އެހެންވީމާ އެމްޑީޕީން އެދައްކާ ވާހަކަ ދައްކަނީ، ދެން އަންނަން އޮތް ސަރުކާރަށް ޖެއްސުން ކުރުމަށް ނުވަތަ އެ ސަރުކާރު ހިންގުމުގެ މަސައްކަތަށް ހުރަސްއެޅުމުގެ ވިސްނުން ވަރަށް ބޮޑަށް އޮތަތީވެ ކަމަށް އަޅުގަނޑުމެންނަށް ގަބޫލު ކުރެވެނީ." ޢާޒިމް ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!