ޣައްޒާ ފަންޑަށް ދިވެހީންގެ ފަރާތުން 28 މިލިއަނަށްވުރެ ގިނަ ރުފިޔާ!

ފަލަސްޠީނުގެ މުސްލިމް އަޚުންނާއި އުޚްތުންނަށް އެހީވުމަށްޓަކައި، އިިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)ގެ ރާއްޖެ ގޮފިން ހުޅުވާފައިވާ ފަންޑަށް މިހައިތަނަށް 28 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް އެ ޖަމާޢަތުން ހާމަކޮށްފިއެވެ.
އައިއޭސީން އަންނަނީ ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ އެކި ކަންކަމުގައި، ދިވެހީންގެ ފަރާތުން ދޭ އެހީ ޣައްޒާއަށް ފޯރުކޮށްދެމުންނެވެ.
އެ ޖަމާޢަތުން ބުނީ އިއްޔެގެ ނިޔަލަށް ދިވެހި ރުފިޔާ އިން ފަންޑަށް ލިބުނު ޖުމްލަ އަދަދަކީ 28،027،420.14ރ. ކަމަށެވެ.
މީގެ އިތުރުން ފަންޑަށް ޑޮލަރުގެ ގޮތުގައި ޖުމްލަ 17،300.50 ޑޮލަރު ލިބިފައިވެއެވެ. ދިވެހިންގެ ފަރާތުން ލިބޭ މި އެހީން އައިއޭސީން އަންނަނީ ފަލަސްތީންގެ ރައްޔިތުންނަށް މި ވަގުތު އެންމެ މުހިއްމުވާ އަސާސީ ޚިދުމަތްތައް ފޯރުކޮށް ދޭން ބޭނުން ކުރަމުންނެވެ. އެގޮތުން ދާދި ފަހުން ވަނީ ޣައްޒާގެ ހޮސްޕިޓަލަކަށް ތެޔޮ ވެސް ފޯރުކޮށްދީފައެވެ.
އިޒްރޭލުގެ ހައްދުފަހަނައަޅައިފައިވާ ޔަހޫދީންގެ ހަމަލާތަކުގައި ފަލަސްތީނުގެ 9,227 މީހަކު ވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި އޭގެ ތެރޭގައި 3,826 ކުޑަކުދިންނާއި 2,405 އަންހެނުން ހިމެނެއެވެ. އަދި 32,516 މީހަކަށް ވަނީ އެކި ވަރުގެ އަނިޔާ ދީފައެވެ.