ޚަބަރު

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު ޑިޖިޓަލައިޒްކޮށް އިފްތިތާޙްކޮށްފި

ޙައްވާ އިނާޝާ ، ދެން އޮންލައިން

ޗައިލްޑް އެންޑް ފެމެލީ ޕްރޮޓެކްޝަން ސަރވިސް (ސީ.އެފް.ޕީ.އެސް) އިން އަދާހަމަކޮށް ބަލަހައްޓަމުން ގެންދާ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު ޑިޖިޓަލައިޒްކޮށް އިފްތިތާޙްކޮށްފިއެވެ.

Ads by STELCO

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރެއް އެންމެ ފުރަތަމަ ފަހަރަށް އެކުލަވާލައިފައި ވަނީ 2018 ވަނަ އަހަރުގައެވެ.

މި ދަފްތަރުގައި އެމީހުންގެ ވަނަވަރުގެ އިތުރުން ކުރި ކުށުގެ ބާވަތާއި، ޙުކުމް ތަންފީޒުކޮށް ނިމޭ ތާރީޚް ފަދަ މުޙިންމު މަޢުލޫމާތުތައް ހިމެނެއެވެ.

އެގޮތުން މި ދަފްތަރު އަދާހަމަކޮށް ޝާއިއުކުރަމުން އައިކަމުގައި ވީނަމަވެސް  އާންމުންނަށް އެ ވެބްސައިޓަށް ވާޞިލުވުމަށް ދަތިތަކާއި ކުރިމަތިވިއެވެ.

އެހެން ކަމުން މި ދަފްތަރު ޑިޖިޓަލައިޒް ކުރުމުގެ މަޤްޞަދަކީ މީގެ ކުރިން މެނުއަލްކޮށް އަޅަމުންދިޔަ މަޢުލޫމާތު ލަސްކަމެއްނެތި ވަގުތުން އަދާހަމަ ކުރުމެވެ.

އަދި އާންމުންނަށް ފަސޭހައިން މި ދަފްތަރުގައި ހުރި މަޢުލޫމާތަށް ވާޞިލުވުމެވެ.

މިގޮތުން، ފިލްޓަރކޮށް ދަފްތަރުގައި ހިމެނޭ މީހުންގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ބޭނުންކޮށްގެންވެސް މަޢުލޫމާތު ހޯދޭނެގޮތް މިހާރު ވަނީ ހަމަޖައްސާފައެވެ.

މި ދަފްތަރުގައި ހިމެނޭ މީހާ ހުރި ތަން ފިޔަވައި، އެހެން ހުރިހާ މަޢުލޫމާތުތަކަކީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް (ޕީ.ޖީ އޮފީސް) އިން ފޯރުކޮށްދެއްވުމުން، ޗައިލްޑް އެންޑް ފެމެލީ ޕްރޮޓެކްޝަން ސަރވިސް އިން ޝާއިޢުކުރާ މަޢުލޫމާތެވެ.

ޕީ.ޖީ އޮފީހުން ފޯރުކޮށްދެއްވާ މަޢުލޫމާތު ބިނާ ވާނީ، ޝަރުޢީ ކޯޓަކުން ނިންމާ ޙުކުމްގެ މައްޗަށް ބިނާކޮށެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު ޑިޖިޓަލައިޒްކޮށް އިފްތިތާޙްކުރުމުގެ ހަފްލާގައި މިނިސްޓަރ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދު ދީދީ ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައިވަނީ، މި ދަފްތަރު ޑިޖިޓަލައިޒްކުރުމުގެ މަސައްކަތަކީ އަދި ފެށުމެއް ކަމަށެވެ.

މި މަސައްކަތް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ޕީ.ޖީ އޮފީހާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އާއި އެކު ކުރިއަށް ގެންދަންޖެހޭ ކަމަށް އެ ކަމަނާ ވަނީ ވިދާޅުވެފައެވެ.

ހަމަ އެހެންމެ މި ދަފްތަރު، ޑިޖިޓަލައިޒް ކުރެވިގެން ދިޔުމަކީ، އަނިޔާ ލިބިފައިވާ ކުދިންނާއި އެކުދިންގެ ޢާއިލާތަކަށް މުހިންމު މަސައްކަތެއް ކަމުގައި މިނިސްޓަރު ޢާއިޝަތު މުހައްމަދު ދީދީ ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން، ޑިޖިޓަލައިޒްކުރުމުގެ މަސައްކަތް ކޮށްދެއްވާފައިވަނީ ޕީ.ޖީ އޮފީހުގެ އެހީތެރިކަމާއި އެއްބާރުލުމާއިއެކު ކަމަށްވުމުން، މިނިސްޓަރ ވަނީ އެކަން ފާހަގަކުރައްވާ ޕީ.ޖީ އަލްއުސްތާޛް ހުސައިން ޝަމީމް އަދި ޕީ.ޖީ އޮފީހުގެ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާފައެވެ.

ޕީ.ޖީ އަލްއުސްތާޛް ހުސައިން ޝަމީމްގެ ވާހަކަފުޅުގައިވެސް މި މަސައްކަތަކީ އަދި ފެށުމެއް ކަމަށް ވަނީ ފާހަގަކުރައްވާފައެވެ. އަދި މި ދަފްތަރު ހަރުދަނާ ކުރުމުން ކަމާ ގުޅުން ހުރި ހުރިހާ މުޢައްސަސާތަކަކުން އެއްގޮތަކަށް މަޢުލޫމާތުތައް ޝާޢިއު ކުރެވިގެންދާނެ ކަމަށްވެސް ޕީ.ޖީގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.

ޑިޖިޓަލައިޒޭޝަންގެ މި މަސައްކަތް އިފްތިތާޙު ކޮށްދެއްވީ، އިއްޔެ މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސްގައި އޮތް ޙަފްލާއެއްގައި، މިނިސްޓަރ އޮނަރަބަލް އަލްފާޟިލާ ޢާއިޝަތު މުޙައްމަދު ދީދީއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!