ޚަބަރު

ފެހުރިހި ހިމާޔަތްކޮށް ރައްކާތެރި ކުރުން ތިމާވެށި ރައްކާތެރި ކުރުމުގެ ޤާނޫނުގެ ދަށަށް ބަދަލު ކުރަން ނިންމަވައިފި

ޙައްވާ އިނާޝާ ، ދެން އޮންލައިން

ދިވެހިރާއްޖޭގައި ފެހުރިހި ހިމާޔަތްކޮށް ރައްކާތެރިކުރުމަކީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށަށް ބަދަލު ކުރައްވަން، ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ނިންމަވައިފިއެވެ.

Ads by STELCO

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ.

ރާއްޖޭގައި ފެހުރިހި މިހާރު ހިމާޔަތްކޮށްފައި ވަނީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނު (ޤާނޫނު ނަންބަރު:14/2019 ) ގެ ދަށުންނެވެ.

ފެހުރިހި ހިމާޔަތްކޮށް ރައްކާތެރިކުރުން ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު: 04/93)ގެ ދަށަށް ބަދަލުކުރުމަށް ނިންމަވާފައި ވަނީ ފެހުރިއްސަކީ މަސްވެރިކަމާއި ގުޅުންހުރި ދިރުމެއް ނޫން ކަމާއި އަދި ރާއްޖެއާ ދުނިޔޭގެ ފެންވަރުގައިވެސް މަސްވެރިކަމުގެ ސިނާޢަތުގައި ބޭނުންކުރާ މަހެއްނޫން ކަމަށް ވުމާއެކު ފެހުރިހި އެންމެ ރަނގަޅަށް ރައްކާތެރިކޮށް ދަމަހައްޓާ މެނޭޖް ކުރެވެން އޮތީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން ކަމަށް ވާތީ ވަޒީރުންގެ މަޖިލިހަށް ހުށަހެޅި ކަރުދާހުގައި ބަޔާން ކުރައްވާފައި ވެއެވެ.

ފެހުރިއްސަކީ 2016 ވަނަ އަހަރުގެ ޖުލައި މަހުގައި އިންޓަރނޭޝަނަލް ޔޫނިއަން ފޯ ކޮންސަވޭޝަން އޮފް ނޭޗަރ (އައި. ޔޫ. ސީ. އެން)ގެ ރެޑް ލިސްޓް އޮފް ތްރެޓަންޑް ސްޕީޝީސްގައި ނެތި ދިއުމުގެ ބިރުހީވެފައިވާ ދިރުމެއްކަމަށް ކަނޑައަޅާފައިވާ ދިރުމެކެވެ.

ހަމަ އެހެންމެ، ފެހުރިއްސަށް ރާއްޖޭގައި ގިނަގުނަ ގެއްލުންތަކެއް ލިބެމުންދާކަން ވެސް  ވަޒީރުންގެ މަޖިލީހަށް ހުށަހެޅި މި ކަރުދާހުގައި ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން މި ދިރުން ހިމާޔަތް ކުރުމުން، މި ދިރުމަށް ލިބޭ ގެއްލުންތައް މަދުވެ، ގިނަ ފައިދާތަކެއް ލިބިގެންދިއުމާއި ރާއްޖެއަށް ތިމާވެށީގެ ގޮތުންނާއި އިޤްތިޞާދީގޮތުންނާއި އިޖުތިމާޢީ ގޮތުން ވެސް ގިނަގުނަ ފައިދާތައް ލިބިގެންދާނެ ކަމެއް ކަމަށް ވަޒީރުންގެ މަޖިލީހަށް މިއަދު ހުށަހެޅި ކަރުދާހުގައި ވަނީ ފާހަގަކުރައްވާފައެވެ.

  1. ހިރިހުފެ

    ފެހުރިހި ހިމާޔަތް ކުރުމަށް ބުނާއިރު މި ރާއްޖޭގެ އެންމެ ބޮޑު ފެހުރިހި އުޅޭނެ ގޮތަކަށް އުޅެން ގެއަށް ދޫކޮށްލައިގެން ތިއުޅެނީ!! އެންމެ ފަހުން މުޅި ރަށުގަވެސް އުޅެވޭނެ ގޮތް ހެދީ! މުޅި ދައުލަތް ދަވާލީމަވެސް ފެހުރިހި ނުހިފެހެއްޓުނު!

  2. ކަލޯގެޔާ ނިކަން ފަލަސްތީނުގައި އެމަރުވާ އިންސާނުން ހިމާޔަށް ކޮށްބަލަ ކިތަކެއް އިންސާނުން އެމަރުވަނީ !