ޚަބަރު

ޑރ. މުޢިއްޒު ހުވާ ކުރައްވާއިރުން ފެށިގެން ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ލަސްނުވެ ފެށިގެންދާނެ: ޠާރިޤް 

އާއިޝަތު ޝައުނާ ، ދެން އޮންލައިން
ފޮޓޯ: ޕީއެސްއެމް

އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސަރުކާރާއި ޙަވާލުވެވަޑައިގަތުމަށް ހުވާ ކުރައްވާއިރުން ފެށިގެން ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ފެށުމަށް ވާންޖެހޭ ތައްޔާރީތައް މިހާރުވެސް ކުރައްވާފައިވާކަމަށް ކުރީގެ އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤް އިބްރާޙިމް ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ޠާރިޤް މިހެން ވިދާޅުވީ، ޕީއެސްއެމްއިން ގެނެސްދޭ ދިވެހީންގެ ރާއްޖެ ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެގޮތުން، ޑރ. މުޢިއްޒުގެ ސަރުކާރުގެ މެނިފެސްޓޯއިންވެސް ރާއްޖޭގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރެއްވުމަށް އެމަނިކުފާނު އިސްކަން ދެއްވާކަން ފެނިވަޑައިގަންނަވާނެ ކަމަށާއި، އެމަނިކުފާނުގެ ވިސްނުންފުޅު ހުންނެވީ، ކުދިކުދި މަޝްރޫޢުތައް ހިންގުމުގެ ބަދަލުގައި، ބޯހިޔާވަހިކަމުގެ ބޮޑު މައްސަލައަށް ރިއާޔަތްކޮށް ދާއިމީ ޙައްލެއް ހޯއްދަވައިދެއްވުމަށްކަމަށް ޠާރިޤު ވިދާޅުވިއެވެ.

"ހުވާ ކުރައްވާއިރު ވަގުތުން ވަގުތަށް ލަސްނުވެ ބައެއް ކަހަލަ މަސައްކަތްތައް ފެށޭ ހިސާބަށް ގެންދަވާފައި ވަނީ. އެމަނިކުފާނު ވިދާޅުވެފައިވަނީ މާލެ ސަރަޙައްދުން ހިއްކަން ޖެހޭ ތަންތަން، 1 އަހަރު ތެރޭގައި ހިއްކާނެކަމަށް. ދެން އެއަށްފަހު، މަގުތައް ހެދުމާއި ގެދޮރު އެޅުމާއި އިތުރު އުމްރާނީ މަސައްކަތްތައް އަވަހަށް ފެށިގެން ދާނެ." ޠާރިޤް ވިދާޅުވިއެވެ.

ބޯހިޔާވަހިކަމަކީ އަސާސީ ޚިދުމަތެއްގެ ގޮތުގައި ދެކިވަޑައިގެން، އެ މައްސަލަ ޙައްލުކޮށްދެއްވުމަށް ވަޢުދުވެވަޑައިގެން ބޭފުޅަކީ ޑރ. މުޢިއްޒު ކަން ފާހަގަކުރައްވަމުން ޠާރިޤް ވިދާޅުވީ، ޑރ. މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަންނަވާ ހިސާބުން ފެށިގެން ބޯހިޔާވަހިކަމުގެ މަސައްކަތްތައް އެންމެ އިސްކަމެއް ދީގެން ފައްޓަވާނެކަމަށެވެ.

ޑރ. މުޢިއްޒުއަކީ ރާއްޖޭގެ ތަރައްޤީގައި ވަރަށް ތަޖުރިބާކާރު ބޭފުޅެއްކަމަށާއި މިހާތަނަށް ހިންގި އެންމެ ބޮޑު ހައުސިންގ ޕްރޮޖެކްޓްތައް ކަމަށްވާ ހިޔާ މަޝްރޫޢުވެސް ހިންގެވީ އެމަނިކުފާނު ކަމަށް ޠާރިޤް ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން، މިހާރު ހިނގަމުންދާ ސަރުކާރުގައި ގޯއްޗާއި ފްލެޓް ދޭނެކަމަށް ނިންމާފައިވާ ލިސްޓުގައި ހިމެނޭ މީހުންގެ ޙައްޤުވެސް ކަށަވަރުކޮށްދެއްވާނެ ބޭފުޅަކީ، ޑރ. މުޢިއްޒުކަމަށާއި އެމަނިކުފާނު މަސައްކަތްތައް ރާއްވަވާއިރު، އެކަމުގެ އެންމެ ޙައްޤުވެރިންނަށް ބޯހިޔާވަހިކަން ލިބޭނެކަން އެމަނިކުފާނު ޔަގީންކޮށްދެއްވާނެކަމަށްވެސް ޠާރިޤް ވިދާޅުވިއެވެ.

2024 ވަނަ އަހަރުގެ ދަޢުލަތުގެ ބަޖެޓުގައި ޑރ. މުޢިއްޒުގެ "ފުށިދިއްގަރު ފަޅު" ހިއްކުމަށް ހިިމަނުއްވާފައިވާއިރު، ވެރިކަމާ ޙަވާލުވެވަޑައިގަންނަވާ ދުވަހުން ފެށިގެން، ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތް އަހަރެއްގެ ތެރޭގައި ނިންމަވާ، ތަރައްޤީގެ މަސައްކަތްތައް ފައްޓަވާނެކަމަށް ޑރ. މުޢިއްޒުވަނީ ވިދާޅުވެފައެވެ.

އަދި ބޯހިޔާވަހިކަމަށް ބޭނުންވާ 18 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދެއްވުމަށް
ޑރ. މުޙައްމަދު މުޢިއްޒު ވަޢުދުވެވަޑައިގެންފައިވާއިރު، އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމަނުއްވާފައިވަނީ، ކުރިއަށް އޮތް 5 އަހަރު ކުރިއަށްގެންދަވާ މަސައްކަތްތަކާއެކު 20 އަހަރު ތެރޭގައި 65000 އަށްވުރެ ގިނަ ބޯހިޔާވަހިކަން ފޯރުކޮށްދެއްވުމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!