މީދޫ ރައްޔިތުންގެ ފަރާތުން ފަލަސްތީނަށް އެހީވާން 80،000 ރުފިޔާ

އައްޑޫ ސިޓީ މީދޫ އަވަށު އޮފީހުން އިންތިޒާމްކޮށްގެން ފަލަސްޠީނުގެ ރައްޔިތުންނަށް އެހީވާން ބޭއްވި ހަރަކާތްތަކެއްގައި ލިބުނު 80،000 އަށްވުރެ ގިނަ ރުފިޔާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އަށް ހަދިޔާކޮށްފި އެވެ.
މީދޫ އަވަށު އޮފީހުން އިއްޔެ އެކަން ހާމަކުރައްވަމުން ވިދާޅުވީ، ފަލަސްޠީނުގައި ހާލުގައި ޖެހިފައިވާ މުސްލިމް އަޚުންނާއި އުޚްތުންނަށް އެހީތެރިވުމުގެ ގޮތުން ކުރިއަށް ގެންދެވުނު ހަރަކާތްތަކުން ލިބުނު ޖުމްލަ ފައިސާ ކަމަށްވާ 80،314.65ރ ގެ ރަމްޒީ ޗެކް އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން ގެ އެކައުންޓަށް ޖަމާކޮށްފައިވާނެކަމަށެވެ.
މަޢުލޫމާތު ލިބޭގޮތުގައި އެ ފައިސާގެ ތެރޭގައި ހިމެނެނީ މިދިޔަ މަހުގެ 27 އިން މި މަހުގެ 4 އަށް ބޭއްވި އެކި ހަރަކާތްތަކުން ލިބުނު ފައިސާ އެވެ.
ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުން އެކި ފެންވަރުގައި މަސައްކަތްތައް ކުރަމުންދާކަން ފާހަގަކުރެވެއެވެ.