ޚަބަރު

ރީކޯ އިންތިއަށް: ނަންވާނީ މަސީޙު

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް މައްސަލަ ނުނިމުނު ނަމަވެސް އިންތިޚާބީ ރައީސްއަށް މަޤާމުގެ ހުވާކުރެއްވޭކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވުމުން، އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު އެކަމަށް ފާޑުވިދާޅުވެއްޖެއެވެ.

އިންތި މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައާއި ގުޅިގެން ސުޕްރީމް ކޯޓުން މިއަދު ކުރެއްވި ޙުކުމުގައި ބަޔާންކޮށްފައިވާ ބައެއް ކަންތައްތައް ވިދާޅުވެދެއްވާފައެވެ.

އެގޮތުން، އިންތި ވިދާޅުވީ އެ ޙުކުމުގައި އިތުބާރު ނެތް މައްސަލަ ނުނިމުނަސް އިންތިޚާބީ ރައީސްއަށް ހުވާކުރެއްވޭކަމަށާއި، ބަޖެޓު ހުށަހަޅަން ފިނޭންސް މިނިސްޓަރު އަމީރު ވަޑައިނުގެންނެވީ ޤާނޫނާއި ޚިލާފަށްކަމަށާއި އަދި މަޖިލީހުގެ ތޮބީއަތު އޮތްގޮތަށް އަދިވެސް އޮތްކަމަށެވެ.

ސުޕްރީމް ކޯޓުގެ ޙުކުމުގައި ބަޔާންކުރައްވާ ބައެއްކަންކަން އިންތި ފާހަގަކުރެއްވުމާއެކު، މޫސާ މަނިކު ވިދާޅުވީ، އެ ޙުކުމުގައި ބަޔާންކޮށްފައިވަނީ މިހުރިހާ ދުވަހެއް ވަންދެން އިތުބާރުނެތް ރައީސަކު މަޤާމުގައި ބަގުޑި ބައްދަވައިގެން ހުންނެވީ ޤާނޫނާއި ޚިލާފަށްކަމަށެވެ. އަދި ނަންވާނީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ މަސީހް އިބްރާހީމް ކަމަށްވެސް ވިދާޅުވެފައިވެއެވެ.

"ޙުކުމުގަ އޮތީ މި ހުރިހާ ދުވަހުވެސް އިތުބާރުނެތް ރައީސެއް މަޤާމުގަ ބަގުޑި ބައްދަވައިގެން އެހުންނެވީ ޤާނޫނާ ޚިލާފަށޯ. އެއްްވެސް ކަމެއް ނުކޮށް ބަހަނާ ނުދައްކާ އެކަން ކުރާށޯ. މަސީހު ނަންވާނީ" މޫސާ މަނިކު ވިދާޅުވެފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން މަސީހް އިސްތިއުފާ ދެއްވާފައިވަނީ އެ މަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިސް ޖަލްސާއަކަށް އެޖެންޑާ ކޮށްފައިވަނިކޮށެވެ. މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަަލަ މަޖިލީހަށް ވައްދާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ 43 މެންބަރުންގެ ސޮޔާއެކު ގުޅިފައިވާ ޕާޓީތަކުގެ މެމްބަރުންނެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!