ޑރ. މުޢިއްޒު ވެފައިވާ ވަޢުދުތަކާއި ކެމްޕެއިންގައި ދައްކާފައިވާ ވާހަކަތައް ހިމެނޭ ފޮތެއް ނެރުއްވަނީ
އިންތިހާބުގެ ތެރެއިން ވީ ހުރިހާ ވައުދުތަކާއި ދައްކާފައިވާ ވާހަކަތައް ހިމެނޭ ފޮތެއް މާދަމާ ލޯންޗުކުރައްވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ މާލޭ ސޯޝަލް ސެންޓަރުގައި މީޑިއާތަކާ އެކު ރޭ ބޭއްވި ހަފްލާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރޭ ބޭއްވި ޖަލްސާގައި އެ މަނިކުފާނު ވަނީ ނޫސްވެރިންގެ ކަންބޮޑުވުންތަކާއި އެ ދާއިރާ އިތުރަށް ތަރައްގީކުރުމާ ގުޅޭގޮތުން ނޫސްވެރިންގެ ޚިޔާލު ހޯއްދަވާފައެވެ. ނޫސްވެރިން ވަނީ ނޫސްވެރިކަމުގެ ދާއިރާގައި ދިމާވާ ގޮންޖެހުންތަކާއި، މި ދާއިރާ ތަރައްޤީކުރަން ބޭނުންވާ ގިނަ ޚިޔާލުތަކެއް އިންތިޚާބީ ރައީސާއި ހިއްސާކުރައްވާފައެވެ.
އެ ހަފްލާގައި ވާހަކަފުޅުދައްކަވަމުން މުޢިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރަކީ ދެފުށްފެންނަ ހާމަކަން ބޮޑު ސަރުކާރަކަށް ވާނެކަމަށެވެ. އެގޮތުން ސަރުކާރުގެ މަޢުލޫމާތުތައް މީޑިއާއަށް ލިބޭނެ ފަސޭހަ އިންތިޒާމެއް ފަހިކޮށްދެއްވާނެކަމަށް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
އަދި އިންތިޚާބުގައި ވާދަކުރެއްވުމަށް ފޯމު ހުށަހެޅުއްވި ހިސާބުން ފެށިގެން މިހާތަނަށް ދެއްކެވި ހުރިހާ ވާހަކަފުޅުތަކެއް އެކުލެވޭ ޚާއްޞަ ފޮތެއް ބުރާސްފަތި ދުވަހު ނެރުއްވާނެކަމަށާއި އެއީ އެއްވެސް ކަމެއް ފޮރުވަން ބޭނުންނުވާތީ ކަމަށެވެ.
“އެއީ ފުރަތަމަ ދުވަހު ކެންޑިޑޭޓަކަށް ވުމަށްޓަކައި ފޯމު ލީ ދުވަހު ނުކުމެ ނޫސްވެރިންނާ ދެއްކި ވާހަކައިން ފެށިގެން، ދެބުރުގައި ދެއްކި ހުރިހާ ވާހަކައެއް، ހުރިހާ ރަށަކަށް ގޮސް، ހުރިހާ ތަނެއްގަ ދެއްކި ހުރިހާ ވާހަކައަކާ، އަދި އިންތިހާބު ކާމިޔާބުވެގެން މިތަނުގައި ދެއްކި ވާހަކައާ ހަމައަށް ހުރިހާ ވާހަކައެއް އަކުރުން އަކުރަށް ލިޔެފައިވާ ފޮތެއް” ޑރ. މުޢިއްޒު ވިދާޅުވިއެވެ.
މުޢިއްޒު ވިދާޅުވީ އެ ފޮތް ނެރުމުގެ ބޭނުމަކީ ވައުދުތަކަކީ އިހްލާސްތެރިކަމާއެކު ހިތުގެ އަޑިން، ކޮށްދިނުމުގެ ނިޔަތުގައި ވެފައިވާ ވައުދުތަކެއް ކަން ސާބިތުކޮށްދިނުމަށް ކަމަށެވެ. އަދި އަމަލީ ގޮތުން ކަންތައްތައް ކޮށްދިނުމަށް އެމަނިކުފާނާއި، އެމަނިކުފާނުގެ ޓީމުވެސް އޮތީ ތައްޔާރަށް ކަމަށް ވިދާޅުވިއެވެ.
“އަޅުގަނޑުމެންގެ ޓީމު މިއޮތީ ތައްޔާރުވެގެން. ނޫސްވެރިން ތި ތިއްބެވީ އަޅުގަނޑުމެން އެ ފޮތުގައި އޮތް ގޮތަށް ކަން ކުރޭތޯ ބައްލަވަން” މުޢިއްޒު ވިދާޅުވިއެވެ.