އިޒްރޭލަކަށް ވެސް ހުޅަނގަށް ވެސް ހަމާސް ނައްތައެއް ނުލެވޭނެ, އެ މީހުންގެ ރޫހަކީ މިނިވަންކަމުގެ ރޫހު: ރައީސް ނަޝީދު

އިޒްރޭލުގެ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް ހަނގުރާމަކުރަމުން އަންނަ ހަމާސް ޖަމާއަތް ނައްތާލުމަކީ އިޒްލޭރަށް ވެސް, އަދި މުޅި ހުޅަނގަށް ވެސް ކުރެވޭނެ ކަމެއް ނޫން ކަމަށް މައްޗަންގޯލީ މެދު ދާއިރާގެ މެންބަރު, ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގައި ފަލަސްތީނުގެ ރައްޔިތުންނަށް އިޒްރޭލުން ދެމުން ގެންދާ ހަމަލާތައް ހުއްޓާލުމަށް ގޮވާލާ ޤަރާރަށް ވާހަކަފުޅު ދައްކަމުން ރައީސް ނަޝީދު ވަނީ އިޒްރޭލަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ, ހަމާސްގެ ދިފާއުގައި ވާހަކަފުޅު ދައްކަވާފައެވެ.
"ބެލްފޯޑް ޑެކްލެރޭޝަނާއެކުގައި ފަލަސްތީނު ބިމުގެ ތިންބައިކުޅަ އެއްބައި ރައްޔިތުންނަށް އެބިމުގެ ތިންބައިކުޅަ ދެބައި ޖާގަ ދެވުނީ. އެ ހިސާބުން މި މައްސަލަ ދިޔައީ ބޭއިންސާފުގެ ތިލަފަތް މައްޗަށް" ވާހަކަފުޅު ފައްޓަވަމުން ރައީސް ނަޝީދު ވިދާޅުވީ އިޒްލޭރު-ފަލަސްތީންގެ މައްސަލަ ފެށިފައިވަނީ މީގެ އަހަރުތަކެއް ކުރިން ކަމަށާއި, އޭރުއްސުރެ ފަލަސްތީނުގެ ރައްޔިތުން ވަނީ ބޭއިންސާފު ތަހައްމަލު ކުރަން ޖެހިފައި ކަމަށެވެ.
މިހާރުގެ ހާލަތަށް ރިއާޔަތް ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ, މިއަދު ހަމާސް ނައްތާލަން ކަމަށްބުނެ އިޒްރޭލުން ކުރަމުން އަންނަ މަސައްކަތަކީ އިންސާފެކޭ ނުދެންނެވޭނެ ކަމަށެވެ. އަދި ވަގުތުން ވަގުތަށް ހަނގުރާމަ ހުއްޓާލަން ޖެހޭ ކަމަށް ވިދާޅުވިއެވެ.
"މުޅި ހަޟޯރަތެއް ނައްތާލުމުގެ މަސައްކަތް އެކުރަމުންދަނީ އިންސާފުން ކަމަށް ބުނެވޭނެ ހަމަ އެކަކު ވެސް ނޫޅޭނެ." ރައީސް ނަޝީދު ވިދާޅުވިއެވެ.
"ހަމާސްއެއް ފިލުވައެއް ނުލެވޭނެ, ނައްތައެއް ނުލެވޭނެ. އެއީ އިޒްލޭރަކަށް ވެސް މުޅި ހުޅަނގަށް ވެސް ފިލުވައިނުލެވޭނެ ބައެއްކަން އިންސާނިއްޔަތު ކޮންމެ ދުވަހަކު މިއަންނަނީ ދައްކަމުން. މިނިވަންކަމުގެ ރޫހަކީ އިންސާނާގެ ކިބައިން ނައްތާލެވޭނެ އެއްޗެއް ނޫން. އެކަމަށްޓަކައި އިންސާނާ އަބަދުވެސް ނުކުންނާނެ. ނުރައްކަލުގެ ތެރެއަށް ހުށަހެޅޭނެ. އޭނާ ނިމެންދެން އެ މަސައްކަތް ކުރާނެ."