ބަންޑާރަނައިބުގެ ޒިންމާތައް ޤާނޫނަކުން ކަނޑައަޅަނީ

ބަންޑާރަނައިބުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ކަނޑައެޅުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑުގެ ބިލު ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.
ބަންޑާރަނައިބުގެ ޝަރުތުތަކާއި ޒިންމާތައް ކަނޑައެޅުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑުގެ ބިލު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމެވެ.
ސަރުކާރުން މި ބިލު މަޖިލީހަށް ހުށަހެޅުމުގެ މަޤްސަދުގެ ތެރޭގައި ބަންޑާރަނާއިބުގެ މައްޗަށް އެއްވެސް ފަރާތެއްގެ ނުފޫޒެއް ނުހިންގޭނެކަން ކަށަވަރު ކުރުން ހިމެނެއެވެ.
ހަމަ އެހެންމެ ރައްޔިތުންގެ ސަލާމަތާއި މިނިވަންކަން ދިފާއު ކުރުމަށް ބަންޑާރަނައިބު އަދާކުރަންޖެހޭ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރުމަށްޓަކައި ބަންޑާރަނައިބަށް ލިބިގެންވާ ބާރުތައް ކަނޑައެޅުންވެސް މި ބިލުހުށަހެޅުމުގެ މަޤްސަދުގެ ތެރޭގައި ހިމެނެއެވެ.
މީގެ އިތުރުން ބަންޑާރަނާއިބު އޮފީހުގެ މުވައްޒަފުންގެ ސުލޫކީ މިންގަނޑު ކަނޑައެޅުންވެސް މި ބިލު ހުށަހެޅުމުގެ މަޤްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.