އެންމެ މަޤްބޫލު މަންޒިލަކަށް އަނެއްކާވެސް ރާއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2023 ގެ "ވޯލްޑްސް ލީޑިން ޑެސްޓިނޭޝަންގެ" މަގާމު ޖެހިޖެހިގެން ހަތަރުވަނަ ފަހަރަށް ރާއްޖެއަށް ލިބިއްޖެއެވެ.
ދުބާއީ، އިންޑޮނޭޝިއާ، ނިއުޒީލެންޑް، ސްޕެއިން އަދި ވިއެޓްނާމް ފަދަ ދުނިޔޭގެ މަޝްހޫރު 17 މަންޒިލަކުން ވަރުގަދަ ވާދަވެރިކަމެއްގެ ތެރޭގައި ޖެހިޖެހިގެން ހަތަރު ވަނަ އަހަރަށް ރާއްޖެއަށް މި ޝަރަފުވެރި އެވޯޑު ލިބިފައިވާއިރު، މިއީ ދުނިޔޭގެ ޓޫރިޒަމް މަންޒިލްތަކުގެ ފެންވަރާއި މަގުބޫލުކަން ކަނޑައަޅައިދޭ އެވޯޑެކެވެ.
ދުބާއީގެ ބުރުޖް އަލް އަރަބްގައި ރޭ ބޭއްވި މި އަހަރު ބާއްވާ 30 ވަނަ ވޯލްޑް ޓްރެވަލް އެވޯޑްސްގައި ރާއްޖެއަށް ދުނިޔޭގެ ލީޑިން ޑެސްޓިނޭޝަންގެ އެވޯޑް ލިބިފައިވާއިރު، ވޯލްޑް ޓްރެވަލް އެވޯޑްސްއަކީ 1993 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ ޓޫރިޒަމް ސިނާއަތުގައި ދޭ އެންމެ ޝަރަފުވެރި އަދި އެންމެ އިތުބާރު ބޮޑު އެވޯޑެވެ.
ރާއްޖެއަށް ދުނިޔޭގެ ލީޑިން ޑެސްޓިނޭޝަންގެ އެވޯޑް ލިބުމުގެ އިތުރުން ރޭގެ ރަސްމިއްޔާތުގައި އެމްއެމްޕީއާރުސީއަށް ވަނީ މި އަހަރުގެ ވޯލްޑްސް ލީޑިން ޓޫރިސްޓް ބޯޑުގެ އެއްވޯޑުވެސް ލިބިފައެވެ. މިއީ ޖެހިޖެހިގެން އެ އެވޯޑް އެމްއެމްޕީއާރުސީން ހޯދި ދެވަނަ ފަހަރެވެ.
މީގެ އިތުރުން، ރާއްޖެ ވަނީ ވޯލްޑްސް ލީޑިން ބީޗް ޑެސްޓިނޭޝަން އެވޯޑާއި ވޯލްޑްސް ލީޑިން ޑައިވް ޑެސްޓިނޭޝަނާއި ވޯލްޑްސް ލީޑިން ހަނީމޫން އަދި އައިލެންޑް އެވޯޑަށް ވެސް ނޮމިނޭޓްވެފައެވެ.