ރިޕޯޓް

އިހުމާލުވުމުގެ ސަބަބުން ކޮވިޑަށް ފައްސިވީ އުމުރުން ދުވަސްވީ މީހަކު އައިސީޔޫ ގައި! ޒިންމާވާނީ ކާކު؟

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ފޮޓޯ: މިހާރު

މިއީ ކޮވިޑް ޖެހިފައި ތިބޭ ހައި ރިސްކު މީހުން ބަހައްޓާފައިތިބޭ ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ ބައެއް ސިއްޙީ ޚިދުމަތްތެރިން، އެތަނަށް ގެންދިޔަ އުމުރުން 73 އަހަރުވީ އަންހެނަކާއިމެދު ކަންތައް ކުރި ގޮތެވެ.

Ads by Sosun Fihaara

"ދެން" އަށް މިވާހަކަ ހިއްސާ ކުރަމުން އެއަންހެން މީހާގެ މާމަ ދަރިފުޅު ބުނީ، އުމުރުން ދުވަސްވީ އެއަންހެން މީހާއާއި އެ ފެސިލިޓީގައި މިވަގުތު ތިބި އެހެން މީހުންނާއި މެދު ވެސް ބައެއް ޚިދުމަތްތެރިން ވަރަށް ފަރުވާ ކުޑަ ކަމަށެވެ. އަދި ފަރުވާ ކުޑަ ކުރުމުގައި ކޮންމެވެސް ވަރަކަށް އައިޖީއެމްއެޗްގެ ބައެއް ޚިދުމަތްތެރީން ވެސް ހިމެނޭ ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑުގެ މާމަ މިމަހުގެ ތިންވަނަ ދުވަހު ހުޅުމާލޭގައި ފްލޫ ކްލިނިކަށް ގެންދިޔައީ ނޭވާލާން ކޮންމެވެސް ވަރަކަށް ދަތިވެގެން އުޅޭތީ އާއި ވަރުބަލި ވާތީ. މާމަ އުޅެނީ ހުޅުމާލޭގައި އެހެންވެ އެކޮޅަށް ގެންދިޔައީ.
އެމީހުން ބަލާފައި ބުނީ މާމަގެ ލޭގެ ޕްރެޝަރު ވަރަށް މައްޗޭ، ކޮވިޑަށް ޓެސްޓުކުރަން ސާމްޕަލް ވެސް ނެގި.
އޭގެ އަނެއް ދުވަހު އައިޖީއެމްއެޗުން ގުޅާފައި ބުނީ މާމަ ކޮވިޑަށް ފައްސިއޭ، ހުޅުމާލޭ މެޑިކަލް ފެސިލިޓީއަށް ގެންދަންށޭ ޖެހޭނީ. މާމަ އެތަނަށް ގެންގޮސް އެފެސިލިޓީގައި 9 ނުވަތަ 10 ދުވަސް އީއިރު ބަލީގެ އެއްވެސް އަލާމާތެއް ނުފެނޭ.

ނަމަވެސް ފެސިލިޓީއަށް ގެންދިޔަތާ 14 ދުވަސް ހަމަވި ދުވަހު (އެއީ މިމަހުގެ 17 ވަނަ ދުވަހު) ކުއްލިއަކަށް އެތަނުންް މާމަ ޑިސްޗާޖު ކޮށްލި. ދެރަކަމަކީ ޑިސްޗާޖު ކުރިކަން އަޅުގަނޑުމެންނަށް އެންގީ ފެސިލިޓީންނެއް ނޫން. މާމައާއެކު އެތަނުގައި ހުރި އެހެން ބަލި މީހަކު އަޅުގަނޑަށް ގުޅާފައި ބުނީ އެވާހަކަ. އަޅުގަނޑު އެހިން ފެސިލިޓީން ކީއްވެތޯ ނުގުޅީ، އެމަޖެންސީ ކޮންޓެކްޓެއް ވެސް ދީފައި އިންނާނީ. އަޅުގަނޑަށް ފޯނު ކުރި މީހާ ބުނީ ފެސިލިޓީގައި އުޅޭ ބައެއް ޚިދުމަތްތެރިން މާމައާއި ވާހަކަ ދައްކަނީ ވަރަށް 'ރޫޑްކޮށް' ބޭއަދަބީކޮށް ކަމަށް. އަޅުގަނޑު ވަރަށް ދެރަވި އެވާހަކަ އިވިފަ. އެމީހުން މާމަ ދޫކޮށްލި ވާހަކަވެސް ގޮސް ފުރަތަމަ ބުނީ މާމަ ގާތުގައި. ތިހުރީ މިހާރު ދޫކޮށްލާފައޭ ދެން ދާންވީއޭ ބުނިކަމަށް. އެހެންބުނީމަ މާމަ އެމީހުންގާތު ބުނިކަމަށްވޭ ތިމަންނައަކީ ނުހިނގޭ މީހެކޭ، ކިހިނެއްހޭ އެކަނި ދާނީ ތިމަންނަގެ ކުދިންނަށް ގުޅާދޭށޭ. ބުނީމަަ ބުނިކަމަށް ބުނި އެއީ އެތަނުން ބަލަންޖެހޭ ކަމެއް ނޫން ކަމަށް. އެހެންވެ އެތަނުގެ އެހެން ބަލި މީހަކު ގުޅާފައި އެންގީ އަޅުގަނޑަށް.

މާމަ ބަލާ ދިޔައިރު ހުރީ ހުން އައިސް ރޯގާވެސް ޖެހިފައި. އަޅުގަނޑު ސުވާލުކުރިން ކޮވިޑްގެ އަލާމާތްތައް ހުރިއިރު ކީއްވެތޯ ޑިސްޗާޖު ކުރަނީ. ފެސިލިޓީން ބުނީ އެއީ އެމީހުންގެ ޕްރޮސީޖަރ އޮންނަ ގޮތް ކަމަށް. އެތަނުގައި 14 ދުވަސް ވުމުން ދޫކޮށްލާ ކަމަށާއި 14 ދުވަސްވުމުން އިތުރަށް ޓެސްޓު ނުހަދާނެ ކަމަށް. އެމީހުން ދިނީ ޑިސްޖާޗު ސަމަރީ. މާމަ ބުނި އެމީހުން ތިމަންނާގެ ގަޔަށް އެވީ ދުވަސްތަކުގައި 17 އިންޖެކްޝަންް ޖެހިއޭ. އަޅުގަނޑު ހުރީ ވަަރަށް ހިތްހަމަ ނުޖެހިފައި. އެކަމަކު އެވަގުތު ދެން ޒުވާބެއް ނުކުރަން ވެގެން މާމަ ގޮވައިގެން މާލެ ދިޔައީ. އެއީ އެރޭ 20:30 ހާއިރު ގެއަށް އައިސް ސަމަރީ ބަލައިލީމަ އެނގުނީ މާމައަށް އެމީހުން ދިން އެއްވެސް ފަރުވާއެއްގެ ތަފްސީލެއް އޭގައި ނެތްކަން. މާމަގެ ހާލަތު ކިޔައިދޭން އެރޭ ވެސް އެޗްޕީއޭ އަށް ގުޅިން.

އޭގެ އަނެއް ދުވަހު ވެސް ގުޅިން، އެދުވަހު (18 އޮގަސްޓު ގައި) އެޗްޕީއޭ އިން ގުޅީމަ އަޅުގަނޑުމެން ކިޔައިދިނިން ވެގެން އުޅޭގޮތްް. އެމީހުން ނަރުހެއް ފޮނުވި ހަމަ ރޫޓީން ޓެސްޓުތަކެއް ހަދާލަން، ސާމްޕަލް ނަގަންް. ޓެސްްޓުގެ ނަތީޖާތައް ލިބުނީ އޭގެ އަނެއް ދުވަހު. ޑޮކްޓަރު ދެއްވާފައި އޮތް ނަންބަރަކަށް އެނަތީޖާތައް އަޅުގަނޑު ވައިބަ ކުރިންް. އެކޮޅުން ޖަވާބު ދެއްވީ ހަމަ އެވަގުތުން ވަގުތަށް މާމަ އައިޖީއެމްއެޗަށް ގެންދިޔުމަށް ނަމަވެސް ޓެކްސީ އަކަށް ނާރާ، އެމްބިއުލޭންްސެއްގައި ދިޔުމަށް. އެމްބިއުލޭންސް ލިބުނީ ވަރަށް ގިނައިރު ފަހުންް، އެރޭ 12 ވެސް ޖެހިފަހުން.

އައިޖީއެމްއެޗަށް ދިޔުމުން އެމީހުން ބޭނުންްވީ އިތުރު ޓެސްޓުތަކެއް ހަދަން. އީސީޖީ އަކާއި އެކްސް ރޭ ވެސް ނަގަން. އެމީހުން އެއިރު ޝައްކު ކުރީ މާމައަށް ހުރީ ޑެންގޫ ޖެހިފައި ކަމަށް. އެރޭ ދެން ގެއަށް ފޮނުވާލަމުން ބުނީ ނަތީޖާ ލިބުމުން އޭގެ އަނެއް ދުވަހު ޓެސްޓުގެ ނަތީޖާ އެވަގުތު އިން ޑޮކްޓަރަކަށް ދެއްކުމަށް.

މިމަހުގެ 21 ވީ ހުކުުރު ދުވަހު ނަތީޖާތައް ދެއްކުމުން، ހޮސްޕިޓަލުން ބުނީ މާމަގެ ސޯޑިއަމް އާއި ޕޮޓޭސިމް ހުރި މިންވަރު ވަރަށް ދަށް ކަމަށް. އެހެންކަމުން ވީ އެންމެ އަވަހަކަށް މާމަ ހޮސްޕިޓަލަށް ގެންދިޔުމަށް. މާމަ ގޮވައިގެން އަޅުގަނޑު ދިޔުމުން، އެތަނުގެ އައިސޮލޭޝަންގައި މާމަ އެޑްމިޓު ކުރި، އަދި އައިވީ ވެސް ގުޅި. ޑެންގޫ ޓެސްޓު ނައްސި ވުމުން، ޑޮކްޓަރުން ބުނީ އަލުން ކޮވިޑަށް ޓެސްޓު ކުރާނީ ކަމަށް.

މާމައާއެކު އަޅުގަނޑު ހުރިންް. ހޮސްޕިޓަލުން ބުނީ އެތަނުން ބޭރަށް އަޅުގަނޑުމެންނަށް ނުނިކުމެވޭނެ ކަމަށް. އަޅުގަނޑަށާއި މާމައަށް ބޭނުންވާ ކާއެއްޗެހި ވެސް އެމީހުން ގެނެސްދޭނެ ކަމަށް. އެރޭ މާމަ ބަނޑުހައިވެފަ ހުރީމަ ކާއެއްޗެއް ގެންނަން ވެގެން ބުނިން މާމައަށް ބިސްގަނޑަކާއި ކިރު ޕެކެޓެއް ގެނެސްދޭން. އަދި އަޅުގަނޑަށް ބަތެއް ގެނެސްދޭން. ބިސްގަނޑު ނެތީމަ، މާމައަށް ބޭނުންވެގެން ގެނެސްދިނި ސޫޕެއް. ދެން ގެނައީ 1.5 ލީޓަރުގެ ފެންފުޅިއެއް. މާމައަށް އެފުޅިން އަނގަޔަށް އޮއްސައިގެން ފެން ނުބޮވޭނެތީ، ތުނބުގައި ޖައްސާފަ ފެން ދިނީ. އެހެންވެ އަޅުގަނޑު ހުރިން އެތަނުގައި 16 ގަޑިއިރު ވަންދެން ފެންފޮދެއް ނުލިބިފައި. އެމީހުން ގާތު އެވާހަކަ ބުނަން ވެސް ބުނިން، އެކަމަކު ފެންފޮދެއް ލިބޭނެ ގޮތެއް ނުވި.

އޭގެ އަނެއް ދުވަހު ހެނދުނު މާމައަށް ސައިދޭން ވެގެން އަޅުގަނޑު އެތަނުގައި ހުރި ކުއްޖެއްގާތު ،ބުނިން މާމަ ބަނޑުހައި ވެފަ ހުރި ވާހަކަ. ބުނީމަ އެކުއްޖާ ބުނީ އެތަނުން ކާންދޭނެ ވާހަކަ ބުނެވުނީ އޮޅިގެން ކަމަށް. އަސްލުގައި އަޅުގަނޑުމެންގެ އަތުން ޚަރަދު ކޮށްގެން ކަމަށް ކާން ޖެހޭނީ. އަޅުގަނޑު ބުނިން ވަރަށް ބޮޑަށް އޮޅިފައި ހުރި ވާހަކަ، ދެން އެކަމަކު އެކަން ހަމަޖެއްސިން.

އެދުވަހު 9:00 ޖެހިއިރު މާމަގެ ނަތީޖާ ލިބުނުުއިރު ކޮވިޑަށް މާމަ ފައްސި. މާމައަކީ ހައިރިސްކު މީހެއް ކަމަށްވުމުން އަނެއްކާވެސް އެމީހުންް ބުނީ ހުޅުމާލެ މެޑިކަލް ފެސިލިޓީއަށޭ ގެންދަން ޖެހޭނީ. މާމަ އެވަގުތު ވެސް އެކަމާއި ބިރުންް ރޯން ފަށާފައި ބުނި އެމީހުން ތިމަންނަ މަރާލަފާނޭ. އަޅުގަނޑު އައިޖީއެމްއެޗް ގެ ނަރުހުންް ކައިރީގައި ބުނިން މާމައާއި ދޭތެރޭ އެމީހުން އިހާނެތިކޮށޭ ކަންތައްކޮށްފައި ހުރިކަމަށް އެބަ ބުނެއޭ އެހެންވެ މާމައަށް އެހުރީ ވަރަށް އަސަރު ކޮށްފައޭ. އެހެންވެ އަޅުގަނޑު ވެސް ބޭނުމޭ މާމައާއެކީގައި ދާން އެތަނަށް، އެކަނި މިފަހަރު ފޮނުވަން ހިތްހަމައެއް ނުޖެހެއޭ.

އެމީހުން އަޅުގަނޑު ލައްވާ ލިޔުމެއްގައި ސޮއި ކުރެއްވި، އުޅެން ދަނީ ކޮވިޑަށް ފައްސިވެފައި ތިބި ބައެއްގެ ކައިރިއަށްކަން އެނގޭ ކަމަށާއި އަމިއްލައަށް ބޭނުން ވެގެންދާ ކަމަށް، އަޅުގަނޑު އެލިޔުމުގެ ތިރީގައި އިތުުރު ކޮށްލިން ހުޅުމާލޭ ފެސިލިޓީން ކުރިން އިހާނެތިކޮށް ކަންތައް ކޮށްފައި ހުރުމުން މާމައަށްޓަކައި އަޅުގަނޑަށް މަޖުބޫރުވަނީ ކަމަށް ދާން. އެބައި އިތުރު ކޮށްފައި އޭގައި ސޮއި ކުރީ ވެސް.

ފެސިލިޓީއަށް ގެނައީ 22 ވަނަ ދުވަހުގެ ރޭ 21:00 ހާއިރު. އަޅުގަނޑުގެ މާމަ މިހާރު އޮތީ މިތަނުގެ އައިސީޔޫ ގައި. މިއަދު މިތަނުން ބުނެފި މާމަގެ ކިޑްނީ ވެސް ރަނގަޅަށް ފަންކްޝަން ނުކުރާ ވާހަކަ. އަޅުގަނޑު މިހުރީ ކޮވިޑު ޖެހިފައިވާ ހައިރިސްކު 20 ވަރަކަށް މީހުންގެ (އަންހެނުންގެ ބައިގައި) ތެރޭގައި، ހަމައެކަނި މާސްކެއް އަޅައިގެން މިއުޅެނީ.

މިތަނުގައި ހުންނަނީ ތިން ފާޚާނާ. މުޅިއަކު 60 ވަރަކަށް މީހުން އެބައުޅޭ. ސަފު ހަދައިގެން ފާޚާނާއަށް ވަންނަނީ. ފާޚާނާ ސާފު ކޮށްފައި ހުންނަނީ ވެސް ހަމައެކަނި ފެންފޮދެއް އަޅައިގެން. އަޅުގަނޑު އަދި ނުދެގެން ކެމިކަލެއް އަޅައިގެން ސާފު ކުރިތަނެއް.

އަޅުގަނޑު ޤަބޫލު ކުރަން މިތަނުގައި މަސައްކަތް ކުރާ ނަރުހުންނާއި ޑޮކްޓަރުން ހަމަ ވަރަށް ބުރަކޮށްކަން އުޅެނީ. އެބޭފުޅުންގެ މަސައްކަތުގެ އަގު ވަޒަން ކުރަން، ހަގީގަތުގައި ވެސް އެބޭފުޅުން އުޅެނީ ވަރަށް ބުރަކޮށް، ހަމަ ބަލިމީހުންނަށް ޚިދުމަތް ކޮށްދިނުމުގައި.

ނަމަވެސް އަޅުގަނޑު މިބުނާ ވާހަކައަކީ ބައެއް ޚިދުމަތްތެރިން ފަރުވާ ކުޑައޭ، އިހުމާލު ވެއްޖެއޭ. މާމަ އެންމެ ފުރަތަމަ މިތަނަށް ގެނައި އިރު ކޮވިޑަށް ފައްސި ކަމަކަށް ޤަބޫލެއް ނުކުރެވޭ. އެއީ އެއިރު އެއްވެސް އަލާމާތެއް ނުފެނި ހުރީމަ. މާމައާއި އެއިރު އެއްވެސް މީހަކާއި ކޮންޓެކްޓު ވެފައެއް ވެސް ނުވޭ ކޮވިޑަށް ފައްސިއޭ ބުނިއިރު. ނަމަވެސް މިތަނުން ގެއަށް ދިޔައިރު މާމަގެ ހަށިގަނޑު ތެރެއަށް މިވަނީ މިވައިރަސް ވަދެފައި.

އަޅުގަނޑުގެ އަނެއް ޝަކުވާއަކީ ކޮވިޑުގެ އަލާމާތްތަށް ފެންނަމުން ދިޔައިރު ވެސް ގެއަށް ފޮނުވާލުން، އަދި 14 ދުވަސް ވެފައިވާތީ ދެން ޓެސްޓު ނުހެދޭނެ ކަމަށް ބުނުންް. ރާއްޖެފަދަ ކުޑަ ޤައުމެއްގައި މިބަލި ހަލުވިކަމާއިއެކު ފެތުރެމުންދާއިރު، މިފަދައިން އިހުމާލުވުމަކީ ގެއްލުމެއް. ސަރުކާރުން މިކަމުގެ ޒިންމާ ނަގަން ވާނެކަމަށް ޤަބޫލު ކުރަން." އޭނާ ކިޔައިދީފައިވެއެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!