ޚަބަރު

ގޭންގު މާރާމާރީތައް ހުއްޓުވުމަށް އައްޑޫ ސިޓީގައި ފުލުހުންގެ ޚާއްސަ އޮޕަރޭޝަނެއް ފަށައިފި

ޙައްވާ އިނާޝާ ، ދެން އޮންލައިން

ގޭންގު މާރާމާރީތައް ހުއްޓުވުމަށް އައްޑޫ ސިޓީގައި ފުލުހުންގެ ޚާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.

Ads by Hajj Corporation

ފުލުހުން މިއަދު ވިދާޅުވީ ގޭންގު ހަދައިގެން މާރާމާރީ ހިންގާ މީހުން ހުއްޓުވުމަށް އައްޑޫ ސިޓީ ޕޮލިސް ސްޓޭޝަންތަކާއި، ސައުތު ޕޮލިސް ސީރިއަސް ކްރައިމް ސެލް އަދި ސްޕެޝަލިސްޓް އޮޕަރޭޝަންސްގެ ފުލުހުން ގުޅިގެން ހާއްސަ އޮޕަރޭޝަނެއް އައްޑޫ ސިޓީގައި ފަށާފައިވާ ކަމަށެވެ.

މި މަހުގެ 3 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދާ މި އޮޕަރޭޝަނުގައި މިހާތަނަށް 10 މީހުން ހައްޔަރު ކޮށްފައިވާ ކަަމަށް ފުލުހުން ބުނެފައި ވެއެވެ.

ފުލުހުން ބުނީ އެ މީހުން ހައްޔަރުކޮށްފައި ވަނީ މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ 18 އަހަރުގެ މީހަކާއި، 19 އަހަރުގެ 2 މީހުންނާއި، 20 އަހަރުގެ 3 މީހުންނާއި، 21 އަހަރުގެ މީހަކާ އަދި 23 އަހަރުގެ 3 މީހުނެވެ.

މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން 10 މީހުންވެސް ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފައި ވެއެވެ.

މި އޮޕަރޭޝަނުގައި، ހިތަދޫ ސަރަހައްދުގައި ގްރޫޕުތަކުން އެއްވެ އުޅޭ ތަންތަން ފުލުހުން ބަލައި ފާސްކުރަމުންދާއިރު މާރާމާރީ ހިންގުމަށް ތައްޔާރުކޮށްފައި ހުރި ކަމަށް ބެލެވޭ ތޫނު ހަތިޔާރާއި، ދަގަނޑު ބުރިތަކާއި އެހެނިހެން އާލާތްތައް ފެނިފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

މި މައްސަލަތައް އައްޑޫ ސިޓީ ޕޮލިސް ސްޓޭޝަންތަކާއި ސައުތު ޕޮލިސް ސީރިއަސް ކްރައިމް ސެލް ގުޅިގެންދަނީ ތަހުޤީގު ކުރަމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!