ޒަކާތާބެހޭ ވަކި އިދާރާއެއް އުފައްދަން ކެބިނެޓުން ނިންމައިފި
"ޒަކާތު ހައުސް"ގެ ނަމުގައި ވަކި އިދާރާއެއް އުފައްދަން ސަރުކާރުން ނިންމައިފިއެވެ. އެ އިދާރާއަކީ ޒަކާތާ ގުޅޭ އެންމެހާ ކަންތައްްތައް ކުރިއަށް ގެންދަން އުފައްދަން ނިންމާފައިވާ އިދާރާއެކެވެ.
ޒަކާތު ހައުސް އުފެއްދުމަކީ ރައީސް ޑރ. މުޢިއްޒުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ ފޯ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ވިދާޅުވީ ޒަކާތު ހައުސްގެ ނަމުގައި ހާއްސަ އިދާރާއެއް އުފައްދަން ނިންމާފައިވަނީ ޒަކާތުގެ ގޮތުގައި ދައްކާ މިންވަރު އިތުރުކޮށް، ޒަކާތުން ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ޒަކާތް ލިބޭ މީހުންގެ ފުދުންތެރިކަން އިތުރުކުރުމުގެ ބޭނުމުގައި ކަމަށެވެ.
"މި މަސައްކަތުގެ ތެރެއިން މައިގަނޑު ގޮތެއްގައި އަމާޒު މި ހިފަނީ މިއަދު ޒަކާތު ފަންޑަށް ލިބޭ މިންވަރު އޭގެ ދެގުނަ އިތުރު ކުރުމަށް،" ފިރުޒުލް ވިދާޅުވި އެވެ.
ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ މިހާރު ހޭދަކުރަމުން ދަނީ މާބޮޑު ނިޒާމީ ވިސްނުމެއް ނެތި ކަމަށާއި ޒަކާތު ހައުސްއާއެކު ރާއްޖޭގައި ފަގީރުކަމުގެ ހާލަތު އޮތް މިންވަރު ނައްތާލުމަށް ކުރެވޭ މަސައްކަތަކަށް އަމާޒު ހިފިގެން އެ މަސައްކަތްތައް ބަދަލުކުރެވޭނެ ކަމަށްވެސް ފިރުޒުލް ވިދާޅުވި އެވެ.
ޒަކާތުގެ މަސައްކަތް މިހާރު ކުރަމުން އަންނަނީ އިސްލާމިކް މިނިސްޓްރީގެ ހާއްސަ ސެކްޝަނަކުންނެވެ.