ޤައުމީ މަސައްކަތްތަކަށް ޚާއްޞަ 3 އެެޖެންސީއެއް އުފައްދަވަން ރައީސް ނިންމަވައިފި
ދިވެހި ޤައުމީ ނިޒާމް އިއާދަކުރުމަށް ޚައްޞަ ތިން އިދާރާއެއް އުފެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
މިއަދު ކެބިނެޓުގައި ނިންމެވި މުހިންމު ކަންކަމާއި ގުޅޭ މަޢުލޫމާތު ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޕްރެސްކޮންފަރެންސްގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކެޓްރީ ފޮރ ޕަބްލިކް ޕޮލިސީ މުޙައްމަދު ފިރުޒުލް ވިދާޅުވީ ދިވެހި ޤައުމިއްޔަތު އިއާދަކުރެއްވުމުގެ ޤައުމީ ނިޒާމް ޤާއިމްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅުގެ ދަށުން އެކަންކުރުމަށް މައިގަނޑު 3 އިދާރާއެއް އުފެއްދެވުމަށް ރައީސް ނިންމަވާފައިވާކަމަށެވެ.
އޭގެ ތެރެގައި ހިމެނެނީ ދިވެހި ތަރިކަ ދިރާސާކުރާ މަރުކަޒާއި، ދިވެހި ޤައުމީ ތަރިކައިގެ ކޮލެޖު އަދި ދިވެހި ޤައުމީ ޗާޕްޚާނާއެއް ޤާއިމްކުރުމެވެ.
"މި ތިން އިދާރާއަކީ ޚާއްޞަ މަސައްކަތްތަކެއްކުރާނެ ޚާއްޞަ އިދާރަތަކަކަށްވާނެ. އެއްކަމެއްގެ ގޮތުން ދިވެހި ތަރިކަ ދިރާސާކުރާ މަރުކަޒުން ދިވެހި ޤައުމިއްޔަތުގެ ބަހާތަކާ ދިވެހި ތަރިކަ ހިމާޔަތްކުރުމަށް ޚާއްޞަ ދިރާސާވެރިން ޤާއިމްވެތިބެ އެބޭފުޅުން އެ މަސައްކަތްތައް ރަސްމީ މަސައްކަތްތަކެއްގެ ގޮތުގައި ކުރައްވަމުން ގެންދަވަނެ. އަދި ތަފާތު ޢިލްމީ އުފެއްދުންތައް އުފައްދާ އެ އުފެއްދުންތައް ޝާއިއުކުރުމުގެ ކަންކަން ކުރާނެ." ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކެޓްރީ ފޮރ ޕަބްލިކް ޕޮލިސީ މުޙައްމަދު ފިރުޒުލް ވިދާޅުވިއެވެ،
ފިރުޒުލް ވިދާޅުވީ، ދިވެހި ޤައުމީ ތަރިކައިގެ ކޮލެޖުގެ މަސައްކަތްތަކުގެ ތެރޭގައި ދިވެހި ޤައުމިއްޔަތުގެ ޢިލްމު ދިވެހިންގެ ތެރޭގައި އުފައްދައި ދިވެހި ޤައުމިއްޔަތާމެދު ހޭލުންތެރި ޖީލެއް ބިނާކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުން ހިމެނޭކަމަށެވެ.
ދިވެހި ޤައުމީ ޗާޕްޚާނާގެ ތެރެއިން ޤައުމީ އިދާރާތަކުންކުރާ މަސައްކަތްތައް ޝާޢިއުކުރުމުގެ މަސައްކަތްތައް ކުރުނެކަމަށާއި، ޗާޕްޚާނާ މަސައްކަތްކުރާނީ ޕަބްލިޝާއެއްގެ ގޮތުގައިކަމަށް ފިރުޒުލް ވިދާޅުވިއެވެ. މީގެ އިތުރުން މިދާއިރާއިން ފޮތްތައް ޝާއިއުކުރުމުގެ އިތުރުން އެކި މީޑިއަމްތަކުގައިވެސް ޝާއިއުކުރާނެކަމަށްވެސް ފިރުޒުލް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޤައުމިއްޔަތަށް ޚާއްޞަ އިސްކަމެއް ދެއްވައެވެ. އެގޮތުން ޤައުމިއްޔަތު ދިރުވާ އާލާކުރުމަށް ޚާއްޞަ ވުޒާރާއެއް އެމަނިކުފާނު ވަނީ އުފައްދަވާފައެވެ. އަދި ދަރިވަރންގެ ހިތްތަކުގަިއ ޤައުމީލޯބި އުފެއްދުމުގެ ގޮތުން އަންނަ ޖެނުއަރީ މަހުން ފެށިގެން ސްކޫލްތަކުގައި ކިޔަވާދިނުމުގެ ސެޝަންތައް ޤައުމީ ސަލާމުން ފެށުން ހިމެނެއެވެ. މީގެ އިތުރުން ސަރުކާރުގެ ހުރިހާ އިދާރާއެއްގައި 24 ގަޑިއިރު ޤައުމީ ދިދަ ނަގާފައި ބެހެއްޓުމާއި ޤައުމިއްޔަތަށް ޚާއްޞަ މާއްދާއެއް ކިޔަވައިދިނުންފަދަ ނިންމުންތައް ސަރުކާރުން ވަނީ ނިންމަވާފައެވެ.