ހިންމަފުއްޓަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެއްޖެ

ބޯކޮށް ވާރޭވެހި، ކ.ހިންމަފުށީގެ އެކި ސަރަހައްދުތަކުގައި ފެންބޮޑުވުމުން، ފެންހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔުު ސާވިސްގެ ފަޔާ ފައިޓަރުން އެހީތެރިކަން ފޯރުކޮށްދީފި އެވެ.
އެމްއެންޑީއެފުން ބުނީ މިހާދިސާގެ މަޢުލޫމާތު، އިއްޔެ ހެނދުނު 08:52 ހާއިރު ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުމުން، ފެންހިންދުމުގެ މަސައްކަތަށް ބޭނުންވާ އިކުއިޕްމަންޓާއެކު ފަޔަރ ފައިޓަރުން އިއްޔެ އެ ރަށަށް ގޮސް، އެ ރަށުގެ ދެ ސަރަހައްދެއްގައި ޕަންޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ގެންގޮސް، ރޭ 23:25 ހާއިރު ވަންދެން ކޮށްފައިވާ ކަމަށެވެ.
މި މަސައްކަތުގައި ފަޔަރ ފައިޓަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑުގެ މެރިން ޑިޕްލޮއިމަންޓް ޔުނިޓް 2 ގެ މެރިންސް ވެސް އެހީތެރިކަން ފޯރުކޮށްދިން ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.