އައްމަޓީ ފުރުން މަނާކުރުމަށް ހައި ކޯޓުން އަމުރުކޮށްފި

ސީލައިފް ގްލޯބަލްގެ ވެރިޔާ އަހުމަދު މޫސާ (އައްމަޓީ)ގެ މައްޗަށް ކުރާ ހިޔާނާތުގެ ދައުވާތަކާ ގުޅިގެން ހިފަހައްޓާފައިވާ އޭނާގެ ޕާސްޕޯޓް ވަގުތީގޮތުން ދޫކޮށްލައިފައިވިޔަސް، އޭނާ ފުރުން މަނާކުރަން މޯލްޑިވްސް އިމިގްރޭޝަންގެ މައްޗަށް، ހައި ކޯޓުން އަމުރުކޮށްފިއެވެ.
ހައި ކޯޓުން އިއްޔެ ބުނީ އަދުލު އިންސާފު ގާއިމުކޮށް ދެމެހެއްޓުމަށްޓަކައި އެ މައްސަލައިގައި ކޯޓުން ހުކުމް ކުރަންދެން ނުވަތަ ކޯޓުން ވަކިގޮތެއް އަންގަންދެން އައްމަޓީ ރާއްޖެއިން ބޭރަށް ފުރުން މަނާ ކުރުމަށް އިމިގްރޭޝަންގެ މައްޗަށް އަމުރުކުރާ ކަމަށެވެ.
ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑުގެ ވެރިޔާ އަޙްމަދު މޫސާ ހައްޔަރުކޮށްގެން މާލެ ގެނެސް މައްސަލަ ތަހުޤީގުކުރުމަށްފަހު އޭނާގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ޚިޔާނާތުގެ 42 ދައުވާއެއް އުފުލާފައެވެ. އެއީ އޭނާ ޚިޔާނާތްތެރިވި ކޮންމެ މީހެއްގެ ދައުވާ ވަކިވަކިންނެވެ.
އަޙްމަދު މޫސާގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް 65 އަހަރުގެ ޖަލު ހުކުމެއް އަންނާނެވެ.