ގިނައިން ބިދޭސީން އުޅޭ ސަރަހައްދުތަކުގައި ފައިލޭރިއާއަށް ޓެސްޓުކުރަނީ
ގިނައިން ބިދޭސީން ދިރިއުޅޭ ރަށްތަކުގައި ފައިލޭރިޔާ ސްކްރީނިން ކުރުމުގެ މަސައްކަތް ކުރުމަށް ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހެލްތު މިނސްޓްރީން ބުނެފިއެވެ.
ރާއްޖެއިން ނައްތާލެވިފައިވާ ފައިލޭރިޔާ ބައްޔަށް 26 މީހަކު ޕޮޒިޓިވްވެފައިވާއިރު، އެ އެންމެންނަކީވެސް ބިދޭސީންނެވެ.
ރޭ ޕީއެސްއެމްގެ ''ރާއްޖެ މިއަދު'' ޕްރޮގްރާމްގައި ހެލްތް މިނިސްޓްރީގެ ޕަބްލިކް ކޯޑިނޭޓާ މުހައްމަދު ހަމްޒަތު ވިދާޅުވީ ހެލްތު މިނިސްޓްރީން މަސައްކަތްކުރަމުންދަނީ ރާއްޖޭގައި ހުނަން ޑަބްލިއުއެޗްއޯގެ ކަންޓްރީ އޮފީހުގެ ލަފާގެ މަތިން ކަމަށެވެ. އެގޮތުން ގިނަ އަދަދެއްގެ ބިދޭސީން ތިބި ރަށްތައް ބެލުމަށް އިމިގްރޭޝަންއާ އިކޮނޮމިކް މިނިސްޓްރީއާ ގުޅިގެން މައުލޫމާތު އެއްކުރަމުންދާ ކަމަށެވެ.
އެތަންތަނުގައި ގިނަ އަދަދެއްގެ ބިދޭސީން އުޅެންޏާ އެ ތަންތަން ސްކްރީނިން ކުރުމުގެ ޕްލޭނެއް އަޅުގަނޑުމެން އެބަ ގެންގުޅެން
ހަމްޒަތު ވިދާޅުވީ އެ ޕްލޭންގެ ތެރެއިން ސްކްރީނިން ކުރުމުގެ ބޭނުމަކީ ޕޮޒިޓިވް ކޭސްތަކެއް އުޅޭތޯ ބެލުމާއި އޭގެ ސަބަބުން އެ ރަށުގެ ރައްޔިތުންނަށް ނުރައްކާ އޮތް މިންވަރު ބެލުން ކަމަަށެވެ. އެހެންވެ ކެޕޭސިޓީ ބިލްޑުކުރުން ހިމެނޭހެން ޕްލޭނެއް އެކުލަވާލައިގެން މިނިސްޓްރީ ލެވެލްގައި މަސައްކަތް ކުރަމުންދާ ކަމަށެވެ.
ހުޅުމާލެއިން ބިދޭސީއަކު ފައިލޭރިޔާއަށް ޕޮޒިޓިވްވެފައިވާތީވެ ގްރޭޓާ މާލެ އޭރިޔާ ސަރަހައްދުތަކުގައި ސައިޓްތަކުގައި އުޅޭ ބިދޭސީން ބައްޔަށް ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ފައިލޭރިޔާ ބަލީގެ 57 އިންސައްތަ ކޭސްތައް ފެނިފައިވަނީ ދެކުނު އޭޝިޔާ ސަރަހައްދުންނެވެ.
މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ފައިލޭރިޔާ ނެތް ކަމަށް ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައިވަނީ ރާއްޖޭއާ ސްރީލަންކާއެވެ. އިންޑިއާ، ޕާކިސްތާން އަދި ބަންގްލަދޭޝް ފަދަ ގައުމުތަކަށް ދަތުރުކުރާ ދިވެހިންނަށް މި ބަލީގެ ކިހާ ނުރައްކަލެއް އޮތްތޯ ސުވާލުކުރުމުން ހަމްޒަތު ވިދާޅުވީ އެ ގައުމުތަކުގައިވެސް ޕޮޒިޓިވް ކޭސްތައް ފެނިފައިވަނީ ވަކި ސަރަހައްދުތަކުން ކަމަށެވެ. އެހެންވެ އެ ގައުމުތަކަށް ދަތުރުކުރުމުގެ ސަބަބުން ބަލިޖެހުމުގެ ފުރުސަތު ކުޑަކަމަށެވެ.
... އެހާ ވަރަށް އެ ސްޓޭޓުތަކުގައި އެހާ ގިނަ ދުވަހު އުޅެފައި އެހާ ގިނަ ބައިޓްސް ( މަދިރި 15،000 ހާސް ފަހަރު ދަތް އަޅަން ޖެހޭ، އެހެންވީމަ އެހާވަރަށް މީހާ އެކްސްޕޯޒްވީމަ މިހާއަށް އެހެން ގައުމަކަށް ގޮސްގެން މި ބަލި ޖެހޭނީ
ބަލިފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން މަދިރި ކޮންޓްރޯލް ކުރުމުގެ ޕްރޮގްރާމްތަކެއް އެޗްޕީއޭއިން ވަނީ ފަށާފައެވެ. އެ ޕްރޮގްރާމްގެ ދަށުން މަދިރި އުފެދޭ ގޮތަށް ހުރި ތަންތަން ބަލާ ނައްތާލުމާއި، ސާފުކުުރުމުގެ ހަރަކާތްތައް ހިންގުމާއި، ފޮގް ކުރުން އަދި ބޮޑެތި ފެންގަނޑުތަކުގައި މަދިރި ކޮންޓްރޯލްކުރުމާއި ގުޅޭ މައުލޫމާތު ފޯރުކޮށްދިނުންވެސް ހިމެނެއެވެ.