ޚަބަރު

''ރައީސް ދެކިލައްވަން ބޭނުންފުޅުވަނީ ''އޯގާވެރިކަމުގެ މޫސުމެއް

އަލީ ސަމާޙް ، ދެން އޮންލައިން
އެއްބައިވަންތަކަމުގެ ދުވަހުގެ ޖަލްސާއަށް ރައީސްއާ ފަސްޓު ލޭޑި ވަޑައިގަންނަވަނީ/ ފޮޓޯ: ރައޯީސް އޮފިސް

ހިތްތަކަށް ރަހުމާއި ކުލުނާއި އޯގާވެރިކަމުގެ މޫސުމެއް އަންނަން އެބަ ޖެހޭ ކަމަށާއި އެ މަންޒަރު ދިވެހި ރައްޔިތުންގެ ފަރާތުން ދެކިއްލައްވަން ބޭނުންފުޅުވާ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

Ads by MWSC

ރައީސް އެހެން ވިދާޅުވީ މިއަދު ފާހަގަކުރާ އެއްބައިވަންތަކަމުގެ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް މުއިއްޒު ވިދާޅުވީ، މިއަދު އާއިލީ ގުޅުންތަކަށް ފަރުވާ ބޭނުންވާ ކަމަށެވެ. އަދި ދޭދޭ ކުލުނުވެރިކަމާއި އެއްބަނޑުއެއްބަފާކަން ގާއިމުކުރުމަށް އެހީވެސް ބޭނުންވާ ކަމަށް ވިދާޅުވިއެވެ. ދިވެހީން އެކަކު އަނެކަކުގެ އަބުރަށް އިއްޒަތަށް ހުރުމަތްތެރިކޮށް ހިތުމަށް، މަގުދައްކައިދޭން ޖެހޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އަަޅުގަނޑުމެންގެ ހިތްތަކަށް ރަހުމާއި ކުލުނާއި އޯގާވެރިކަމުގެ މޫސުމެއް އަންނަން އެބަ ޖެހޭ. އަޅުގަނޑު ދެކެން ބޭނުންވަނީ އެ ދުވަސް. މާޒީން އަޅުގަނޑުމެން ދެކެފައިވި، އެކުވެރިކަމުގެ ދުވަސް. ގުޅުންތެރިކަމުގެ ދުވަސް.

ރާއްޖެއަށް ސުނާމީ ކާރިސާ ދިމާވި ދުވަހު ކަންކަން ހިނގިގޮތުގެ ހަނދާން އައު ކުރައްވަމުން ރައީސް ވިދާޅުވީ، އެ ދުވަހު އެކެއްގެ އަންނައުނުން އަނެކަކު ނިވާކޮށްދިން ކަމަށެވެ. އެކެއްގެ ބަތްސުވަލުން އަނެކެއްގެ ހައިހޫނުކަން ފިލުވައިދިން ކަމަށާއި އެކެއްގެ ރެޔާއި ދުވާލުގެ ހިލޭ މަސައްކަތުން އަނެކެއްގެ ގޯތި ގެދޮރު ކުނިކަހައި ސާފުކޮށް ދިން ކަމަށެވެ.

އެ ކާރިސާއަށް ފަހު ކެނޑިފައި އޮތް ކަރަންޓާއި، ހުއްޓިފައި އޮތް ތައުލީމީ ނިޒާމަށް އަލުން ފެށުމެއް ގެނެސްދިނީ، ހުރިހައި ދިވެހީން ގުޅިގެން ދިވެހިވަންތަ އިސްލާމީ ޤައުމީ ރޫހުގައި ހަރަކާތްތެރިވެގެން ކަމަށް ރައީސް ވިދާޅުވިއެވެ.

އެއަށް ފަހު ރައީސް ވިދާޅުވީ ސުނާމީ ކާރިސާއަށް ފަހު، އަލުން ބައެއް ރަށްތައް ބިނާކުރުމުގައި ސޭފް އައިލެންޑް ކޮންސެޕްޓް ބޭނުންކުރަން ފަށާފައިވާއިރު މި ސަރުކާރުން ފެށި ރަސްމާލެ މަޝްރޫޢު އަކީ ވެސް ސޭފް އައިލެންޑް ކޮންސެޕްޓަށް ފަރުމާކުރެވިފައިވާ މަޝްރޫޢުއެއް ކަމަށެވެ.

ކިތަންމެ ފެންވަރު މަތިކޮށް ނަމަވެސް އެ ގޮތަށް ސިޓީތައް ބިނާކުރުމުގެ އަސާސީ ބޭނުމަކީ، ރައްޔިތުންގެ މުދަލާއި ގެދޮރާއި ފުރާނަތައް ސަލާމަތް ކޮށްދިނުން ކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ރަށުގެ ފަސްގަނޑު ވަކި ވަރަކަށް އުސްކޮށް، އޮޔާއި ވައިގެ ދައުރުވުމަށް ބަލައި ބަނދަރުތަކާއި ތޮށިގަނޑުތައް ލެވެނީ އެހެންވެގެން ކަމަށެވެ.

ސަލާމަތާއި ރައްކާތެރިކަމަށް ޓަކާ. އެކަމަކު ދަންނަވަންތޯ؟ އަޅުގަނޑުމެންގެ ހަގީގީ ސަލާމަތްތެރިކަން އޮތީ އަދި މުޅިން އެހެން ކަމެއްގާ. އެހެން ގޮތެއްގާ. އެ ގޮތަކީ ކޮބައިތޯ؟

ޖަލްސާ ފެށުމުގެ ކިޔެވި އާލުއިމްރާނު ސޫރަތުގެ 103ވަނަ އާޔަތަށް އިޝާރާތްކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ ލިބިގަންނަންވީ ﷲ ގެ ވާފަށުގައި އެންމެން އެކުވެރިވެގެން ހިފުމުގެ ފިލާވަޅު ކަމަށެވެ. އަދި އިސްލާމްދީނުގައި އެންމެން އެކީގައި ސާބިތުވެތިބުމުގެ ފިލާވަޅާއި އެކި ނަންނަމުގައި އެކި ކަންކަމުގައި، ބައިބައިވެ އިސްލާމީ އަހުވަންތަކަމުގެ ކިއްލާ ފުނޑުފުނޑުކޮށްނުލުމުގެ ފިލާވަޅު ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!