ޚަބަރު

ނައިބު ރައީީސްގެ ދެ ދަތުރުފުޅެއްގެ ޚަރަދުގެ ތަފްޞީލު ހާަމަ ކުރައްވައިފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް، ޑިސެންބަރު 4 އިން 14 އަށް "ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން" ގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ރަސްމީ ދަތުރުފުޅާއި، "ޔުނިވަރސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސް" އަށް 75 އަހަރު ފުރުމުގެ މުނާސަބަތު "ހިއުމަން ރައިޓްސް 75" ފާހަގަކުރުމަށްޓަކައި ބޭއްވި މަތީ ފަންތީގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ޚަރަދުތަކުގެ ތަފްޞީލުތައް ސަރުކާރުން ވަޢުދުވެފައިވާ ގޮތަށް ހާމަކުރައްވައިފިއެވެ.

Ads by Hajj Corporation

މި މަޢުލޫމާތުތައް ހާމަކުރެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން މުޙައްމަދު ޝަހީބެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޗައިނާ އަދި ޖެނީވާއަށް ކުރެއްވި ދަތުރުފުޅުގެ ޖުމްލަ ޚަރަދަކީ 3،189،544.58 (ތިން މިލިއަން ސަތޭކަ އައްޑިހަ ނުވަހާސް ފައްސަތޭކަ ސާޅީސް ހަތަރު ރުފިޔާ ފަންސާސްއަށްލާރިއެވެ.

އެއީ އެ ދެ ދަތުރުފުޅުގެ ޓިކެޓްގެ ޖުމްލަ ޚަރަދަކީ 2،413،029.54 (ދެ މިލިއަން ހަތަރުސްތޭކަ ތޭރަ ހާސް އޮނަތިރީސް ރުފިޔާ ފަންސާސް ހަތަރު ލާރި)އެވެ.

އަދި ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ޖުމްލަ ޚަރަދަކީ 180،735.90 (އެއްލައްކަ އައްޑިހަ ހާސް ހަތްސަތޭކަ ތިރީސް ފަސް ރުފިޔާ ނުވަދިހަ ލާރި) އެވެ. ޗައިނާ ދަތުރުފުޅުގައި ވަފުދުގެ ބޭފުޅުންނަށް ހުރުމާއި، ފަރިއްކޮޅާއި، އެތެރޭގެ ދަތުރުފަތުރުގެ ޚަރަދުތައް ހަމަޖައްސަވައިދެއްވާފައި ވަނީ ޗައިނާގެ ސަރުކާރުންނެވެ.

އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޖެނީވާއަށް ކުރެއްވި ދަތުރުފުޅުގެ ޖުމްލަ ޚަރަދަކީ 595،779.14 (ފައްސަތޭކަ ނުވަދިހަ ފަސްހާސް ހަތްސަތޭކަ ހަތްދިހަނުވަ ރުފިޔާ ސާދަ ލާރި)އެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުގެ ޚަރަދުތައް އެދަތުރެއް ނިންމަވައި ވަޑައިގަންނަވާތާ ގިނަވެގެން 15 ދުވަހުގެ ތެރޭގައި ހާމަ ކުރައްވާނެކަމުގައި ވިދާޅުވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!