ފެނުގެ އަސަރުކޮށް، ޑިސްއިންފެކްޓް ނުކުރެވޭ ތަކެތި އުކައިލަން އެދިއްޖެ

ވިއްސާރަވެ، ފެން ބޮޑުވުމާ ގުޅިގެން ދޮވެ، ޑިސްއިންފެކްޓް ނުކުރެވޭ ތަކެއްޗަށް ފެނުގެ އަސަރުކޮށްފައިވާނަމަ އެތަކެތި އުކާލުމަށާއި، ރައްކާތެރި ކަމުގެ ގޮތުން އެޅިދާނެ އެހެން ބައެއް ފިޔަވަޅުތައް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވެދެއްވައިފިއެވެ.
އެ އެޖެންސީން މިކަމަށް އިލްތިމާސް ކުރައްވައިފައިވަނީ ރޭގެ ވަގުތެއްގައެވެ.
އިއްޔެ ވަރަށް ބޯކޮށް ވާރޭ ވެހި، މާލެ އާއި އެކި ރަށްރަށުގައި ވަރަށް ބޮޑަށް ފެންބޮޑުވިއެވެ. މި ޙާލަތުގައި ޢަމަލު ކުރެވިދާނެ ގޮތްތައް އެޗްޕީއޭއިން ވަނީ އަންގަވައިފައެވެ.
ައެގޮތުން ޑިސްއިންފެކްޓް ނުކުރެވޭ ތަކެތި ކަމަށްވާ ގޮދަނޑި، ސޯފާގެ ފޮތި/ސްޕޮންޖު ބައި، ބާލިސް، ފޮތް އަދި އެފަދަ އެހެނިހެން ތަކެއްޗަށް ފެނުގެ އަސަރު ކޮށްފައިވާނަމަ އެތަކެތި ވަގުތުން އުކާލުމަށް އެޗްޕީއޭ އިން އެދިލެއްވިއެވެ.
އަދި ކުޑަކުދިން ކުޅޭ ތަކެއްޗަށް ފެނުގެ އަސަރު ކޮށްފައިވާނަމަ އެތަކެތި އުކާލުމަށާއި، މަގުތަކުގައި ފެންބޮޑުވެފައިވާއިރު، އެފެނަކީ ނަޖިސް އެތައް ޒާތެއްގެ ތަކެތި ހިމެނޭ ފެނަކަށްވާތީ ފެންގަނޑުގެ ތެރެއަށް ކުޑަކުދިން އެރުމުން ދުރުހެލިކުރުމަކީ މުހިންމު ކަމެއްކަމަށް އެޗްޕީއޭ އިން ވިދާޅުވިއެވެ.
މީގެ އިތުރުން ފެނުގެ އަސަރުކޮށްފައިވާ ފާރާއި ތަޅުންގަނޑާއި ފަރުނީޗަރުވެސް ފެނާއި އޯމޯ ނުވަތަ ބްލީޗު ލައިގެން ރަނގަޅަށް ސާފު ކުރުމަށާއި، މި މަސައްކަތުގައި ލައިގެން ހުރި އަންނައުނު ދޮންނައިރު އެހެން އަންނައުނާ ވަކިން ދޮވުމަށްވެސް އެޗްޕީއޭއިން ވަނީ އެދިފައެވެ.







ކޮމެންޓް