ޚަބަރު

ޕީއެންސީއާ ގުޅުން ބައެއް މެމްބަރުން ޕްރައިމަރީއާ ނުލައި ޕާޓީގެ ޓިކެޓްދޭން ޑިމާންޑުކުރި: ފައްޔާޒު

އަލީ ސަމާޙް ، ދެން އޮންލައިން
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް/ ފޮޓޯ: އަވަސް

އިދިކޮޅު އެމްޑީޕީ ދޫކޮށް ސަރުކާރު ހިންގާ ޕީއެންސީއާ ގުޅުން 13 މެމްބަރުންގެ ތެރެއިން ބައެއް މެމްބަރުން އެމްޑީޕީގެ މަޖިލީސް ޓިކެޓް ދިނުމަށް ޑިމާންޑު ކުރި ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެެ.

Ads by Hajj Corporation

ސަންގު ޓީވީގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ އެ މެމްބަރުން ނިންމި ނިންމުމާއި މެދު ވަރަށް ފުންކޮށް ވިސްނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

އެ ވާހަކަ ދައްކަވަން އެހާ ބޮޑަށް ބޭނުންނުވާ ކަމަށާއި ނަމަވެސް ޕީއެންސީއާ ގުޅުނު ބައެއް މެސެޖްކޮށް  އެމްޑީޕީގެ ޕްރައިމަރީގެ ވާހަކަ ދައްކާފައިވާ ކަމަށެވެ. އަދި ދާއިރާއަށް ކުރިއެރުން ލިބޭނީ ސަރުކާރާ އެކު  ތިބެގެން ކަމަށްވެސް އެ މެމްބަރުން މެސެޖު ކުރެއްވި ކަމަށް ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ އޭގެ ތެރެއިން ބައެއް ބޭފުޅުން ޕްރައިމަރީއަކާއި ނުލައި އެމްޑީޕީ މަޖިލީސް ޓިކެޓްއަށް ޑިމާންޑު ކުރި ކަމަށެވެ.

''ޓިކެޓު, އޭގެ ތެރެއިން ބައެއް ބެފުޅުން އަޅުގަނޑުމެންނަށް ޑިމާންޑު ކުރި ޓިކެޓު އެ ބޭފުޅުންނަށް ޕްރައިމަރީއެއް ނުބާއްވައި ދޭން، އެކަމެއް ނުކުރެވޭނެ'' ފައްޔާޒު ވިދާޅުވިއެވިއެވެ.

މިދިޔަ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރުކަންވެސް ކުރައްވާފައިވާ ފައްޔާޒު ވިދާޅުވީ އެ މެމްބަރުން އެމްޑީޕީ ދޫކޮށް ދިޔަ ސަބަބުތަކަކީ އެ ޕާޓީއާ ގުޅުންހުރި ސަބަބެއް ނޫންކަން ސަރުކާރުގައި ތިއްބެވި ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

''އަޅުގަނޑަކާއި ހިސާބަކަށް އެ ޕާޓީ ދޫކޮށްލާއި ބަޔަކު ދިޔުމުގެ ވިސްނުމުގެ ވާހަކައެއް ނޭގޭއޭ އެކަމެއް ހިނގުމުގެ ކުރީ ދުވަހު ފިޔަވާ، އަޅުގަނޑުމެންނާ މަޝްވަރާއެއް ނުކުރޭ ތިކަހަލަ ވާހަކައެއް'' ފައްޔާޒު ވިދާޅުވިއެވެ.

ރިޔާސީ ކެމްޕޭނާ ގުޅިގެން ހުރި ހަރަދުތަކުގެ ކަންބޮޑުވުން ފިޔަވައި އެހެން އެއްވެސް ވާހަކައެއް ހިއްސާކޮށްފައިނުވާ ކަމަށް ވިދާޅުވިއެވެ.

މި ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމާއި ގުޅޭ ގޮތުން ފައްޔާޒު ވިދާޅުވީ އެންމެ ފުރަތަމަ ޕާޓީގެ ސެކެރެޓޭރިއަޓުގެ ޕޮޒިޝަނަކީ ހުރިހާ ވަޒީރުންނަށް ރުހުން ދިނުން ކަމަށެވެ. ނަމަވެސް ބައެއް ބޭފުޅުން އެކަމުގައި ހިޔާލުތަފާތުވުމުން ގޮތް ނިންމަން ދޫކޮށްލި ޕާލަމެންޓަރީ ގްރޫޕަށް ކަމަށް ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ ހައުސިން މިނިސްޓަރު ޑރ އަލީ ހައިދަރު އަހުމަދަށާއި، މިނިސްޓާ އޮފް ސިޓީސް، ލޯކަލް ގަވަންމަންޓް އެންޑް ޕަބްލިކް ވާކްސް އާދަމް ޝަރީފްއަށް ރުހުން ދިނުމާއި މެދު އެމްޑީޕީގެ ތެރޭގއި ކަންބޮޑުވުން އަދި ވެސް އެބައޮތް ކަމަށެވެ.

އެއަށް ފަހު ވިދާޅުވީ ލާމަރުކަޒީ ނިޒާމަށް ހާއްސަކޮށްގެން  މިނިސްޓްރީ އުފެދުމުންވެސް ކަންބޮޑުވާ ކަަމަށެވެ. ފައްޔާޒު ސިފަކުރެއްވި ގޮތުގައި އެއީ ސަރުކާރަށް ''ސަވާރުވުމަށްޓަކައި'' އުފައްދާފައިވާ މިނިސްޓްރީއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!