ޚަބަރު

ވޯޓަކީ ރައްޔިތުންގެ ޙައްޤެއް އަދި ޒިންމާއެއް, އެންމެން ބައިވެރިވޭ: އާޒިމާ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ވޯޓަކީ ދިވެހި ރައްޔިތުންގެ ޙައްޤެއް އަދި ޒިންމާއެއް ކަމުން ހުރިހާ ފަރާތްތަކުން ވެސް ވީހާވެސް އަވަހަށް ވޯޓް ލެއްވުމަށް މާލޭ ސިޓީ ކައުންސިލް އިންތިޚާބުގައި ސަރުކާރުގެ ފަރާތުން މޭޔަރު ކަމަށް ވާދަކުރައްވާ ކެނޑިޑޭޓް އައިޝަތު އާޒިމާ ޝަކޫރު އިލްތިމާސް ކުރައްވައިފިއެވެ.

Ads by MWSC

މާލޭގެ މޭޔަރު ހޮވުމަށް ބާއްވާ އިންތިޚާބުގެ ވޯޓްލުން މިއަދު 8 ޖެހިއިރު ވަނީ ފަށާފައެވެ. އިންތިޚާބުގައި ވޯޓް ލެއްވުމަށްފަހު މީޑިއާތަކާ ވާހަކަފުޅު ދައްކަވަމުން އާޒިމާ ވިދާޅުވީ, ވޯޓަކީ ޑިމޮކްރެޓިކް ޕްރޮސެސްއެއް ކަމަށާއި މި ޕްރޮސެސްގައި އެންމެން ބައިވެރިވުމަށް އެދިލައްވާ ކަމަށެވެ.

"މިއީ ޑިމޮކްރެޓިކް ޕްރޮސެސް އެއް, އެހެންމަ ޑިމޮކްރެޓިކް ޕްރޮސެސްގަ ރައްޔިތުންގެ ހައްގެއް އަދި ޒިންމާއެއް ވީމަ ރައްޔިތުންގެ ހައްގު އަދި ޒިންމާ އަދާކޮށްދެއްވުމަށް އަޅުގަނޑު ހުރިހާ ބޭފުޅުންގެ ފަރާތުން ވެސް ދަންނަވަން. އަޅުގަނޑުގެ ހުރިހާ ވެސް އުންމީދަކީ ނިކުމެވަޑައިގެން މި ޑިމޮކްރެޓިކް ޕްރޮސެސްގައި މާލޭގެ ހުރިހާ ރައްޔިތުން ބައިވެރިވެ ވަޑައިގެންނެވުން:" އާޒިމާ ވިދާޅުވިއެވެ.

އާޒިމާ އިތުރަށް ވިދާޅުވީ, މި އިންތިޚާބުގައި އެކަމަނާއަށް اللهގެ އިރާދަފުޅާއެކު ފުރިހަމަ ކާމިޔާބީ ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

މިއަދުގެ އިންތިޚާބުގައި މާލެ ސިޓީގެ މޭޔަރާއި އިތުރު ތިން ދާއިރާއަކަށް މެންބަރުން އިންތިޚާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ މާފަންނު ދެކުނު ދާއިރާއާއި މެދު ހެންވޭރު ދާއިރާއާއި ހެންވޭރު ދެކުނު ދާއިރާއެވެ.

މާލެ ސިޓީ ކައުންސިލްގެ ބައި އިލެކްޝަނުގެ އިތުރުން މ.މުލަކު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި އިލެކްޝަން ވެސް މިއަދު ވަނީ ފަށާފައެވެ.

މިއަދުގެ އިންތިޚާބުތަކުގައި ޖުލްމަ 58 ވޯޓު ފޮށި ބަހައްޓާފައިވާއިރު މާލެ ސިޓީ ކައުންސިލްގެ ބައި އިލެކްޝަންތަކަށް 55 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެފައިވާ ގޮތުގައި މިއަދުގެ ބައި އިލެކްޝަނުގެ ވޯޓުލުން ހެނދުނު 8:00ން ފެށިގެން ހަވީރު 5:00އާ ހަމައަށް ކުރިއަށްދާނެއެވެ. މޫސުން ގޯސްވުމުގެ ސަބަބުން އީސީން ވަނީ ވޯޓުލާން އެއް ގަޑިއިރު އިތުރުކުރައްވާފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!