ޚަބަރު

ހުއްދަ ލިބިފައިވާކަން ކަށަވަރުކޮށްފައި ނޫނީ، ޢުމްރާއަށް ދާން ފައިސާ ނުދެއްކުމަށް އެދިއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ހުއްދަ ލިބިފައިވާ ކުންފުންޏެއްކަން ކަށަވަރުކޮށްފައި ނޫނީ، ޢުމްރާގެ އަޅުކަމަށް ދިއުމަށް އެޑްވާންސްކޮށް ފައިސާ ނުދެއްކުމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން އިލްތިމާސްކުރައްވައިފިއެވެ.

Ads by Hajj Corporation

ވުޒާރާއިން މިގޮތަށް އިލްތިމާސްކުރެއްވީ ހުއްދަ ނުލިބެނީސް ކުންފުނިތަކުން ޢުމްރާގެ އަޅުކަމަށް ދާން އެދޭ މީހުންގެ އަތުން އެޑްވާންކޮށް ފައިސާ ނަގާކަން ފާހަގަވުމާއި ގުޅިގެން ނެރުއްވި ނޫސް ބަޔާނެއްގައެވެ. އެ ވުޒާރާއިން ވަނީ މިގޮތަށް ފައިސާ ނަގަމުންދާ 2 ކުންފުންޏެއްގެ މައްސަލަ ބަލާ، އެ ދެ ކުންފުނީގެ މަޢުލޫމާތުވެސް އާއްމުކުރައްވާފައެވެ. އެ 2 ކުންފުންޏަކީ އަލް މަޝްޢަރު ޙައްޖު ޢުމްރާ" އާއި "ވަޑި ޙައްޖު އެންޑް ޢުމްރާ"އެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމުގެ އުސޫލާ ޚިލާފަށް އަދި މިނިސްޓްރީގެ ހުއްދަ ނެތި އުމުރާއަށް މީހުން ގެންދިއުމަށް އިޢުލާންކޮށް ފައިސާ ނަގަމުންދާ ކަމަށް ސޯޝަލް މީޑިއާގެ ވަސީލަތްތަކުން އެވުޒާރާއަށް ފާހަގަކުރެއްވިފައިވާ ކަމަށެވެ. އަދި މިފަދަ ޢަމަލުތަކަކީ މަނާކަމެއްކަމަށާއި، އެގޮތަށް އެކަން ނުކުރުމަށް އެވުޒާރާއިންވަނީ އިލްތިމާސްކުރައްވާފައެވެ.

ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމާއި ގުޅޭ އުސޫލުގެ ދަށުން މިހާރު ކުންފުނިތަކަށް ހުއްދަ ދެމުންދަނީ ޖެހިޖެހިގެން ދެ އަހަރު ދުވަހުގެ މުއްދަތަށެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ނެރުއްވި ބަޔާނުގައި ވިދާޅުވީ، ޢުމްރާއަށް މީހުން ގެންދިއުމާއި ގުޅޭ އުސޫލުގެ ދަށުން ހުއްދަ ލިބިގެން މެނުވީ އެއްވެސް ކުންފުންޏަކުން އެއްވެސް މީހެއްގެ އަތުން ނުވަތަ ބައެއްގެ އަތުން ފައިސާ ނަގައިގެން ނުވާނެކަމަށެވެ. އަދި ޢުމްރާގެ ހުއްދައިގެ މުއްދަތުގެ ތެރެއަށް ނުވަންނަ ޢުމްރާ ދަތުރުތަކަށް މީހުން އަތުން އެޑްވާންސްކޮށް ފައިސާ ނެގުމަކީވެސް އުސޫލާއި ޚިލާފު ކަމެއްކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!