ޚަބަރު

ފަތުރުވެރިކަމުގެ ސިނާއަތުގައި އަންހެނުންނަށް ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދޭނަަން: މިނިސްޓަރ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ފަތުރުވެރިކަމުގެ ސިނާއަތުގައި އަންހެނުންނަށް ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯއްދަވައިދެއްވާނެ ކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެއެވެ.

Ads by STELCO

ވަޒީރު މިހެން ވިދާޅުވީ "ފަހި ފަތުރުވެރިކަމަށް އަންހެނުން" ޕްރޮގްރާމް އިފްތިތާހުކުރުމަށް ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުންނެވެ.

މިހަފްލާގައި ވާހަކަދައްކަވަމުން ފަތުރުވެރިކަމާ ބެހޭ ވަޒީރު ފައިސަލް ވިދާޅުވީ މިސިނާއަތުގައި ވަޒީފާގެ ގިނަ ފުރުސަތުތަކެއް ހުޅުވާލެވިފައިވާކަމަށެވެ. ރާއްޖޭގެ ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ ދިވެހި އަންހެނުން މަދުކަން ފާހަގަކުރައްވަމުން ވަޒީރު ވަނީ ފަތުރުވެރިކަމުގެ ސިނާއަތަށް ދިވެހި އަންހެނުން ނިކުތުމަށް ގޮވާލައްވާފައެވެ. އަދި މިސިނާއަތުގައި އަންހެނުންނަށް ދިމާވާ ގޮންޖެހުންތައް ހައްލުކޮށްދެއްވުމަށް ސަރުކާރުން މަސައްކަތްކުރައްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

" ދިވެހި އަންހެނުން މިއިންޑަސްޓްރީގައި ހުރި ގޮންޖެހުންތަކާއި ނިކުމެ ކުރިމަތިލާންވީ، ސަރުކާރުން މިސިނާއަތުގައި ހުރި ގޮންޖެހުންތަކަށް ހައްލު ހޯދައިދޭނެ،" ފައިސަލް ވިދާޅުވިއެވެ.

"ފަހި ފަތުރުވެރިކަމަށް އަންހެނުން" ޕްރޮގްރާމް މެދުވެރިކޮށް މިސިނާއަތައް އަންހެނުން ނެރުމަށްޓަކައި ޚާއްސަ މެންޓާރންޝިޕް ޕްރޮގްރާމްތަކެއް ކުރިއަށްގެންދާނެއެވެ. މިޕްރޮގްރާމްތައް ކުރިއަށްގެންދާނީ 3 މަސްދުވަހުގެ މުއްދަތަކަށެވެ. އަހަރަކު 2 ފަހަރު ހިންގުމަށް ނިންމާފައިވާ މިޕްރޮގްރާމްގައި މަސައްކަތުގެ ހުނަރު ދަސްކޮށްދޭނެއެވެ. އަދި މިޕްރޮގްރާމް ރޭވިފައިވަނީ ދުރުރާސްތާ ޕްލޭނަކާއެކު ކަމަށް ވަޒީރު ވިދާޅުވިއެވެ.

" ފަތުރުވެރިކަމުގެ އެކި ދާއިރާތަކުން ތަޖުރިބާކާރު މެންޓަރިންގއާއެކު، މަސައްކަތްކުރާ މާހައުލުގައި ތިން މަސްދުވަސް ހޭދަކޮށް، އަމަލީ ތަޖުރިބާ ލިބިގެންދާނެ،" ފައިސަލް ވިދާޅުވިއެވެ.

މި ޕްރޮގްރާމާއެކު ފަތުރުވެރިިކަމުގެ ދާއިރާއަށް އަންހެނުން ނިކުންނަ މިންވަރު އިތުރުވެގެންދާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި ވަޒީފާ އަދާކުރާ އަންހެން މުވައްޒަފުން އިތުރުކުރުމަށް ޚާއްސަ ޕްރޮގްރާމެއް ހިންގުމަށް ރައީސުލްޖުމްހޫރިއްޔާގެ ހަފްތާ 14 މަގުޗާޓުގައި ހިމަނުއްވާފައިވާ ކަމެކެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!